ތަރައްްޤީ

ބޯޓް ބިލްޑިންގ ދާއިރާއަށް ޚާއްސަ ކޯސްތައް ހިންގުމަށް އަލިފުށީގައި ޓިވެޓް ސެންޓަރެއް


ރ.އަލިފުށީގައި ޓިވެޓް ސެންޓަރެއް ޢިމާރާތްކުރުމަށް ވީ އަވަރ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފިއެވެ.

މިއީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށްގެންދާ މަޝްރޫޢުގެ ތެރެއިން އެޅުމަށް ހަމަޖެހިފައިވާ ސްޓޭޓް އޮފް ދި އާރޓް ފެންވަރުގެ ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިކުއޭޝަން ޓްރައިނިންގ ސެންޓަރެކެވެ.

މި ޓިވެޓް ސެންޓަރު ޢިމާރާތްކުރުމަށް ހަމަޖެހިފައިވަނީ އަލިފުށީ ޕޮލިޓެކްނިކް ކެމްޕަސް ބިމާއި، އެބިމުގެ ހުޅަނގުން އޮތް ބިން ހިމެނޭގޮތަށް އޮތް 38،328 އަކަފޫޓްގެ ބިމެއްގައެވެ. ޓިވެޓް ސެންޓަރު ޢިމާރާތުގައި 3 ބުރިއަށް ވާގޮތަށް އިންސްޓިއުޓް ބްލޮކަކާއި، 1 ބުރީގެ ބޯޓްޔާޑަކާއި، 2 ބުރީގެ އެކޮމޮޑޭޝަން ބްލޮކަކާއި، 2 ބުރީގެ އެކްޓިވިޓީ އޭރިއާއެއް ހިމެނޭނެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މި އިންސްޓިޓިއުޓްގައި އަޅާ ކްލާސްރޫމް، ލެބް އަދި ވޯކްޝޮޕްތަކުގައި 20 ދަރިވަރުންގެ ޖާގަ ހުންނާނެކަމަށެވެ. އަދި އެއްފަހަރާ 150 ދަރިވަރުންނަށް ކިޔަވައިދެވޭނެ ކެޕޭސިޓީ މި އިންސްޓިޓިއުޓްގައި ހުންނާނެކަމަށާއި، އެކޮމޮޑޭޝަން ބްލޮކްގައި 58 ދަރިވަރުންގެ ޖާގަ ހުންނާނެކަމަށެވެ. އަލިފުށީ ޓިވެޓް ސެންޓަރ ޚާއްސަ ކޮށްފައިވަނީ ބޯޓް ބިލްޑިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. މީގެ އިތުރުން ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައްވެސް މި އިންސްޓިޓިއުޓްގައި ހިންގުމަށްވަނީ ހަމަޖެހިފައެވެ.

އަލިފުށީގައި ޓިވެޓް ސެންޓަރެއް ތަރައްޤީކުރުމަށް ވީ އަވަރ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ 1 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢާގުޅޭގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަތޮޅުތެރެއަށް ފެންވަރު ރަނގަޅު ޓިވެޓް ތަޢުލީމާއި ތަމްރީނު ފުޅާކޮށް ފޯރުކޮށްދިނުމަށް މިއީ އެޅުނު މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި އިތުރު ޓިވެޓް ސެންޓަރުތަކުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެކަން މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ.


މި ޓިވެޓް ސެންޓަރުގައި ބޯޓްޔާޑަކާއި ކާޕެންޓްރީ ވޯކްޝޮޕަކާއި، މެޝިން ވޯކްޝޮޕަކާއި، މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން 6 ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ ސަރަޙައްދަކާއި، ސްޓާފް ރޫމަކާއި، ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ ސަރަޙައްދެއްގެ އިތުރުން އޮޑިޓޯރިއަމަކާއި، މީޓިންގ ރޫމްތަކާއި، ސްޓަޑީ ރޫމްތަކާއި، ލައިބްރަރީވެސް ހުންނާނެއެވެ.

މި ސެންޓަރު ގާއިމްކުރެވޭ އިރު، ދަރިވަރުން ބޭތިއްބުމަށް، ފަންސާސް އަށް ދަރިވަރުންގެ ޖާގައިގެ އެކޮމޮޑޭޝަން ބްލޮކަކާއި، ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަމަށް ކިޗަން އަދި ޑައިނިންގ އޭރިއާއެއްގެ، އިތުރުން ލޯންޑްރީއާއި ކޮމަން ރޫމްސް އަދި ސްޓަޑީ ރޫމްތައްވެސް ހުންނާނެއެވެ.

މީގެ އިތުރުންވެސް، ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުރުމާއެކު ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓްވެސް ހުންނާނެއެވެ.