ކުޅިވަރު

ޓަވަރޭޒަށް މުސާރަ ނުދޭ މައްސަލައިގައި ފީފާއިން ނިއުއަށް އަނެއްކާވެސް އިންޒާރުދީފި


ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކުރީގެ ކޯޗު ޕޯޗުގަލުގެ ބެނާޑޯ ޓަވަރޭޒަށް ދޭން ޖެހޭ ފައިސާ ދައްކަން އެންމެ ފަހުން ދިން މުއްދަތުގައިވެސް އެކަން ކޮށްފައިނުވާތީ، ފީފާއިން ނިއުއަށް އަނެއްކާވެސް ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފިއެވެ.


ކުޅުންތެރިންނާ ކޯޗުންނަށް މުސާރަ ނުދޭ މައްސަލާގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ފީފާއިން ރާއްޖޭގެ ފުޓުބޯޅައިގެ ގަދަ ބާރު ނިއު ސަސްޕެންޑް ކުރީ 2019 ވަނަ އަހަރުއެވެ.

ނިއުގެ ކޯޗުކަމުގެ މަގާމާއި ޓަވަރޭޒް ހަވާލުވީ 2017 ވަނަ އަހަރުއެވެ. އެކަމަކު އެ އަހަރުގެ ޖޫން މަހު ނިއު އިން ވަނީ ޓަވަރޭޒް މަގާމުން ވަކިކޮށްފައެވެ. އެ މައްސަލަވެސް އޭނާ ވަނީ ފީފާއަށް ގެންގޮސްފައެވެ. އެ މައްސަލައިގައި ފީފާއިން ވަނީ ޓަވަރޭޒް މަގާމުން ވަކިކުރީ ގަވާއިދާ ޚިލާފަށް ކަމަށް ނިންމާ 30 ދުވަހުގެ ތެރޭގައި ޓަވަރޭޒްއަށް ފައިސާ ދޭން އަންގައިފައެވެ.

އޭގެ ފަހުން ފީފާ އިން ވަނީ މިދިޔަ މަހު ފަހުކޮޅުގައި ޓަވަރޭޒްއަށް ހަ ދުވަހުގެ ތެރޭގައި މުސާރަ ދިނުމަށް އަންގައިފައެވެ. އެކަމަކު އެކަން ވެސް ނިއު އިން ކޮށްފައެއް ނުވެއެވެ.

ނިއު އަށް އެންމެ ފުރަތަމަ ފީފާއިން އެޅި ފިޔަވަޅުތަކަކީ ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތް ހެދުމުގެ އިތުރުން، ޓަވަރޭސްގެ މުސާރަ އާއި ޖޫރިމަނާތައް ދައްކަން އެންގުމެވެ. ފީފާއިން ޓަވަރޭޒްއަށް ދޭންޖެހޭ މުސާރާއިގެ ތަފްސީލަށް ބަލާއިރު ފަސްލައްކަ އަށްވުރެ ގިނަ ރުފިޔާ އޭނާއަށް ދޭން ޖެހޭނެއެވެ.

ފީފާ އިން ބުރާސްފަތި ދުވަހު ނިންމާފައިވަނީ ނިއު އަށް އިތުރު 30 ދުވަހުގެ މުހުލަތެއް ދިނުމަށެވެ. މި މުއްދަތުގެ ތެރޭގައި ނިއު އިން ޓަވަރޭސްގެ މުސާރަ އާއި އެހެެނިހެން ފައިސާ ނުދައްކައިފިނަމަ ދެ ފިޔަވަޅެއް ނިއު އަށް އަޅާނެކަން ފީފާ އިން ވަނީ އަންގައިފަ އެވެ. އެ ގޮތުން ނިއު އިން ދީފައިވާ މުއްދަތުގައި އެކަން ނުކޮށްފިނަމަ އެ ޓީމުގެ ހަ ޕޮއިންޓް އުނިކުރަން ފީފާ އިން ވަނީ ނިންމައިފައެވެ. ޕޮއިންޓް އުނިކުރުމަށް ފަހު ވެސް ނިއު އިން ޓަވަރޭސް އަށް ދޭން ޖެހޭ ފައިސާ ނުދައްކައިފިނަމަ އެ ޓީމު ދަށް ޑިވިޝަނަށް ރެލިގޭޓްކޮށްލާނެ ކަމަށް ފީފާ އިން ވަނީ އަންގައިފައެވެ.

ނިއު އިން އެންމެ ފަހުން އިންތިހާބުކުރި ބޯޑުގެ މުއްދަތު އޮތީ ހަމަވެފަ އެވެ. އެހެންކަމުން، ފީފާގެ މި އެންގުންތަކަށް އެ ކްލަބުން އަމަލުކުރާނެ ރަސްމީ ހައިސިއްޔަތެއް އޮތް ލީޑަޝިޕެއްނެތެވެ.