ރިޕޯޓް

ދިއްދޫ އައު އިންޖީނުގޭގެ މަސައްކަތް އަންނަ އަހަރު އެއްކޮށް ނިންމާލެވޭނެ: ފެނަކަ



ހއ އަތޮޅުން އެންމެ ބޮޑު އާބާދީއެެއް އުޅެމުންދާ ދިއްދޫގެ ކަރަންޓްގެ ޚިދުމަތް ރަނގަޅު ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުން. މި މަސައްކަތުގެ ތެރޭގައި ދިއްދޫގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި އިންޖީނުގޭ އެކަހެރި ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ހިމަނައިގެން އެމަސައްކަތް މިހާރުދަނީ ކުރަމުންނެވެ.

ސަރުކާރުގެ ސިޔާސަތުގެ ދަށުގައި ހިމެނޭ ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި އިންޖީނުގޭތައް އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ ދަށުން 2020 ވަނައަހަރު ސަރުކާރުން ވަނީ ދިއްދޫގައި އައު އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ފަށާފައެވެ.

ދިއްދޫ އައު އިންޖީނުގޭގެ މަސައްކަތުގެ ސައިޓާ ހަވާލުވެ ހުންނެވި އަބްދުﷲ މުޖްތަބާ ވިދާޅުވީ އެރަށުގައި ސަރުކާރުން އިމާރާތްކުރަން ފަށާފައިވާ އައު އިންޖީނުގޭގެ މަސައްކަތް މިއަންނަ އަހަރު އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. ދިއްދޫ އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިޔަށްދަނީ ކޮންކުރީޓްގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޖޫން މަސްތެރޭގައި ރޭނުމުގެ މަސައްކަތް ފެށޭނެ ކަމަށް މުޖްތަބާ ވިދާޅުވިއެވެ. ދިއްދޫގަ އިމާރާތް ކުރާ އިންޖީނުގެއަގީ ތަފާތު ކޮންސެޕްޓަކަށް ރީތި ޑިޒައިނަކަށް ފަރުމާކޮށްފައިވާ އިންޖީނުގެއެއް ކަމަށް މުޖްތަބާ ވިދާޅުވިއެވެ.

5000 އަށްވުރެ ބޮޑު އާބާދީއެއް ދިރުއުޅެމުން އަންނަ ދިއްދޫގައި މިހާރު ބޭނުންކުރަމުން އަންނަ އިންޖީނުގެއަކީ މީގެ 27 އަހަރު ކުރިން ރަށުގެ މެދުގައި މީހުން ދިރިއުޅޭ ސަރަހައްދެއްގައި ގާއިމް ކޮށްފައިވާ އިންޖީނުގެއެކެވެ. މި އިންޖީނުގޭގެ އަޑާއި ދުމުގެ ސަބަބުން އެހިސާބުގައި ދިރިއުޅޭ ރައްޔިތުންނަށްވަނީ ބޮޑެތި ދަތިއުނދަގޫ ތަކަކާއި ކުރިމަތި ލާން ޖެހިފައެވެ.

ދިއްދޫގައިި ސަރުކާރުން އިމާރަތް ކުރަމުންދާ އައު އިންޖީނުގޭގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ނުރައްކަލުން ސަލާމަތްވުމުގެ އިތުރުން ކަރަންޓުގެ ހާލަތު އިތުރަށް ރަނގަޅުވެގެން ދާނެކަމަށް ފެނަކައިން ވިދާޅުވިއެވެ.

ދިއްދޫގައި އިމާރަތްކުރާ އައު އިންޖީނުގޭގެ މަޝްރޫޢަކީ 13 މިލިޔަނާ 15 މިލިޔަނާ ދެމެދުގެ އަގެއް ކަނޑައެޅިގެން ކުރިޔަށްދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ދިއްދޫގައި އިމާރަތްކުރާ އިންޖީނުގޭގައި 10 މެގަވޯޓުގެ ސިސްޓަމެއް ބެހެއްޓޭނެކަމަށް ފެނަކައިން ވަނީ ބުނެފައެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވީ ފެނަކައިން ރާއްޖޭގެ ރަށްތަކުގައި މިހާރު އިމާރާތްކުރާ އިންޖީނުގެތަކަކީ މިހާރު ހުރި އިންޖީނުގެތަކާއި ވަރަށް ތަފާތު އިންޖީނުގެތަކެއް ކަމަށާއި މި އިންޖީނުގޭގެ ސަބަބުން ރައްޔިތުންނަށް އެއްވެސް އުނދަގުލެއް ކުރިމަތި ނުވާނެ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްރަށުގެތެރެއިން މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް ގިނަ ރަށްރަށެއްގައި އިންޖީނުގެ އެޅުމުގެ މަސައްކަތްވަނީ ފަށާފައެވެ.