އއ. އުކުޅަހާއި އެ އަތޮޅު ރަސްދޫގައި ގާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްތައް އިމާރާތްކުރުމާ ގުޅޭ އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި ދެ މަޝްރޫއުގެ މަސައްކަތް ފެށުމަށް އެމްއޭސީއެލްއާ ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރިއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އުކުޅަހާއި ރަސްދޫ ސްޕޯޓްސް ކޮމްޕެލްކްސް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ.
މިއީ ހަށިހެޔޮ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ އިތުރުނަ ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމާއި ކުޅިވަރުގެ ތަރައަޤީއަށް ސަރުކާރުން ކުރަން ރާވާފައިވާ މަޝްރޫއުތަކުގެ ދަށުން ގިނަ ކުޅިވަރުތައް ކުޅެވޭގޮތަށް ގާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްތަކެކެވެ.
މި ދެ ރަށަކީވެސް އައުޓްޑޯ ޖިމާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރާއި އެކި ކަހަލަ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ދެ ރަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްް ތަރައްޤީކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.
ސަރުކާރުން މަސައްކަތްކުރަނީ މުޅި ރާއްޖެއަށް ކުޅިވަރުތައް ފުޅާކޮށް ބައިނަލްއަގްވާމީ ފެންވަރުގެ ވަސީލަތްތައް އަތޮޅުތެރޭގައިވެސް ގާއިމުކުރުމެވެ. އަދި އަތޮޅު ތެރެއިން ގައުމީ ފެންވަރުގެ އެލީޓް އެތުލީޓުން އުފެދިގެން އައުމަށް މަގުފަހިކޮށްދިނުމެވެ.
ސްޕޯޓްސްް ކޮމްޕްލެކްސްތައް ޤާއިމުކުރުމުގެ އިތުރުން ރަށްރަށުގައި ހޭންޑްބޯޅަ އާއި ފުޓްބޯޅަ އަދި އެހެނިހެން ކުޅިވަރު ވަސީލަތްތައް ގާއިމުކުރެއްވުމަށް ހާއްސަ އިސްކަމެއް ދެއްވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.