ޚަބަރު

ރައީސްގެ ދެކަނބަލުންނަށް މާފުށިން ހޫނު މަރުހަބާއެއް، ޢީދު ފޯރި ވަރަށް ގަދަ


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އަނބިކަނބަލުން ފަޒްނާ އަޙްމަދު ކ. މާފުއްޓަށް ވަޑައިގެންނެވުމުން، އެ ރަށު ރައްޔިތުން ހޫނު މަރުޚަބާއެއް ކިޔައިފިއެވެ.

ރައީސްގެ ދެކަނބަލުން މާފުއްޓަށް ވަޑައިގެންނެވީ، މާފުށީ ކައުންސިލުގެ ޚާއްސަ ދަޢުވަތަކަށް، މާފުށީގައި ޢީދު ފާހަގަކުރުމަށް ކުރިއަށްގެންދާ ބައެއް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު މެންދުރު ކ.މާފުއްޓަށް ވަޑައިގެންނެވުމުން، ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ މަރުޚަބާ ދެންނެވުމަށް މާފުށީ ބަނދަރު ސަރަޙައްދަށް އެއްވެފައެވެ. އޭގެ ތެރޭގައި ކައުންސިލު މެންބަރުންނާއި، ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި، ރަށު ރައްޔިތުންގެ އިތުރުން ޗުއްޓީއަށް ހޭދަކުރުމަށްގޮސްތިބި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަޙައްދަށް ޖަމާވެފައެވެ.

ރައީސްގެ ދެކަނބަލުން ވަނީ ބަދަރު ސަރަޙައްދަށް މަރުޚަބާ ކިޔުމަށް އެއްވެފައިތިބި ރައްޔިތުންނާއި ސަލާމްކުރައްވާ، ރައްޔިތުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ. އަދި ފޮޓޯއާއި ސެލްފީ ނަގަން ބޭނުންވި ފަރާތްތަކާއެކުވެސް ރައީސްގެ ދެކަނބަލުން ވަނީ ފޮޓޯއާއި ސެލްފީ ނަންގަފާއެވެ.

ރައީސްގެ މި ދަތުރުފުޅުގައި މާފުށީ ރައްޔިތުންގެ ފަރާތުން ޚާއްސަކޮށް ކަނބަލުންގެ ފަރާތުން ރައީސްގެ ދެކަނބަލުންނާއި، ޢީދުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ދަޢުވަތު އެރުވިގެން ވަޑައިގެންނެވި ބޭފުޅުންގެ ޝަރަފުގައި ބޭއްވި މެންދުރުގެ ފަރިއްކޮޅެއްގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ފަރިއްކޮޅު އޮތީ މާފުށީ ސްކޫލުގައެވެ.

މި ދަތުރުފުޅުގައިި ރައީސްގެ ދެކަނބަލުން މާފުށީގައި މިއަދު ހަވީރު އޮންނަ ކުޑަކުދިންގެ ހަވީރުގައިވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ޢީދު މާފުށީގައި ކުލަގަދަކޮށް ފާހަގަކުރުމަށް ކައުންސިލުން ވަނީ ތަފާތު ހަރަކާތްތަކެއް ހިންގުމަށް ރާވާފައެވެ. އެގޮތުން ޢީދުގެ ހަރަކާތްތައް ފެށިގެން ދިޔައީ ޓާފްދަނޑުގައި ބޮޑު ޖަމާޢަތުގައި ބޭއްވުނު ޢީދު ނަމާދުންނެވެ. ޢީދު ނަމާދުގައި ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. އެއަށްފަހު މިއަދު ހެނދުނު ރަށުގެ ރައްޔިތުންނަށް ހުޅުވާލެވިގެން ހެނދުނުގެ ސައެއް ސްކޫލުގައި ކުރިއަށްގެންގޮސްފައިވެއެވެ.

މީގެ އިތުރުން ޢީދާއި ގުޅިގެން ކުލަޖެހުމާއި ފެން ޖެހުމާއި، އެކި ކަހަލަ ބީޗު ކުޅިވަރުތައް މިއަދު ހެނދުނާއި މެންދުރު ވަނީ ކުރިއަށްގެންގޮސްފައެވެ. މި ހަރަކާތްތަކުގައި ރަށުގެ އެކި އުމުރުފުރާގެ މީހުންގެ އިތުރުން ރަށަށް ޗުއްޓީހޭދަކުރުމަށްގޮސް ތިބި ފަތުރުވެރިންނާއި، އަދި ރަށުން ބޭރުން ޢީދުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް މާފުއްޓަށް ދިޔަ ދިވެހިންވެސް ބައިވެރިވެފައިވެއެވެ.

މިއަހަރުގެ ޢީދުގެ ހަރަކާތްތަކަކީ ކާމިޔާބު ހަރަކާތްތަކެއްގެ ގޮތުގައި މާފުށީ ކައުންސިލުން ފާހަގަކުރެއެވެ. އެގޮތުން ޢީދަށް މާލެއިންނާއި ކައިރި ރަށްރަށުން ގިނަ ޢަދަދެއްގެ ދިވެހިން މާފުއްޓަށް އަދިވެސް އަންނަމުންދާކަމަށާއި، ގިނަ ގެސްޓް ހައުސްތަކުގެ ބުކިންތައްވެސް ފުލްވެފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ފިޠުރު ޢީދު ފާހަގަކުރުމަށް މާފުށީގައި މިރޭ ޚާއްސަ ޢީދު ޝޯވއެއްވެސް އޮންނާނެއެވެ. މި ޝޯވގައި ބޮޑުބެރުގެ ހަރަކާތްތަކާއި، މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިރޭ މާފުށީގައި ހަވާ އެރުވުމަށްވެސް ހަމަޖެހިފައިވެއެވެ.