ތަރައްްޤީ

ފެންފުށީ ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށައިފި


އދ. ފެންފުށީގައި ފެނުގެ ނިޒާމު ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފެނަކަ ކޯރޕަރޭޝަނުން ފަށައިފިއެވެ.

އެކަމަށްޓަކައި މިއަދު އެރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އޮނަރަބަލް އަކްރަމް ކަމާލުއްދީނާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ފެންފުށީ ކައުންސިލް މެމްބަރުންނާއި، ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.

ފެންފުށީ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން، ކުރިއަށް އޮތް 6 މަސްތެރޭ ހޮޅި ވަޅުލައި، ސާފުކޮށް، ޕްރެޝަރ ޓެސްޓްކޮށް، ގޭގެއަށް ކަނެކްޝަން ދިނުމުގެ ހުރިހާ މަސައްކަތް ކުރެވޭނެކަމަށް ފެނަކަ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.

އެގޮތުން 9600 މީޓަރަށްވުރެ ދިގު ފެނުގެ ވިއުގައެއް ޤާއިމްކޮށް، 60 ޓަނުގެ 2 ފެން ޕްލާންޓު ބަހައްޓައި، 950 ޓަނުގެ ފެން ރައްކާކުރެވޭނެ ވަޞީލަތް ޤާއިމްކޮށް، ރަށުގެ ހުރިހާ ގެއަކަށް ފެން މީޓަރ ގުޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން، މި އަހަރުގެ ޑިސެމްބަރގެ ނިޔަލަށް ނިންމުމަށް ފެނަކައާއި ޙަވާލުކުރައްވާފައިވާ މަޝްރޫޢެކެވެ. ފެނަކައިން ވިދާޅުވީ، އެކުންފުނީގެ އަމާޒަކީ މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް މި މަޝްރޫޢުގެ ހުރިހާ މަސައްކަތެއް ނިންމާ ސަރުކާރާއި ޙަވާލުކުރުންކަމަށެވެ.