ތިމާވެށި

ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް އިންވެސްޓްކުރަން އިންޑިއާއިން ޝަޢުގުވެރިކަން ފާޅުކޮށްފި


އިންޑިއާއިން ދިވެހިރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް އިންވެސްޓްކުރުމަށް ޝަޢުގުވެރިކަން ފާޅުކޮށްފިއެވެ.

އިންޑިއާއިން މިކަމަށް ޝަޢުގުވެރިކަން ފާޅުކޮށްފައިވަނީ އިންޑިއާ ސަރުކާރާއި އޮބްޒަވާރ ރިސަރޗް ފައުންޑޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި ރައިޒީނާ ޑައިލޮގްގެ ހަވާސާގައި އެންވަޔަރަމަންޓް މިނިސްޓަރ އެ ޤައުމުގެ މުހިއްމު ވުޒާރާތަކުގެ ވަޒީރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ އިންޑިއާއަށް ކުރެއްވި 3 ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، އިންޑިއާގެ މިނިސްޓަރ އޮފް ރެއިލްވޭސް، ކޮމިއުނިކޭޝަންސް، އިލެކްޓްރޯނިކްސް އެންޑް އިންފޮރމޭޝަން އަޝްވިނީ ވައިޝްނަވާއި ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އިންޑިއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ދިވެހިރާއްޖޭގެ ޑިޖިޓަލް އައިޑީ އުފައްދަމުންދާއިރު އިންޑިއާ ފަދަ އެޑްވާންސްޑް ޑިޖިޓަލް ސިސްޓަމެއް ގާއިމްވެފައިއޮތް ޤައުމަކުން ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޝައުނާ ވަނީ އިންޑިއާގެ މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖް ބުޕެންޑަރ ޔަޑަވް އާއި ބައްދަލުކުރައްވައިވެއެވެ. މި މަޝްވަރާކުރެއްވުމުގައި "ކޮޕް26" އަށްފަހު އައި ކުރިއެރުމާއި "ކޮޕް27" އާއި ހަމައަށް ވާސިލުވާއިރު އެޑެޕްޓޭޝަނަށް ސަމާލުކަންދީގެން އިތުރަށް މަސައްކަތް ކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ.

އިންޑިއާގެ މިނިސްޓަރ އޮފް ޕަވަރ އެންޑް ނިއު އެންޑް ރިނިވަބަލް އެނާރޖީ ރާޖް ކުމާރު ސިންގްއާވެސް މިނިސްޓަރ ޝައުނާގެ މި ދަތުރުފުޅުގެ ތެރެއިން ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ރިނިވަބަލް އެނާރޖީ ނުވަތަ އިއާދަކުރަނިވި ހަކަތަ ބޭނުން ކުރެވޭ މިންވަރު އިތުރެކުރުމާއި އިންޑިއާއިން ޝައުގުވެރިކަން ފާހަގަކޮށް، ހިންގުމަށް ހުށައަޅާފައިވާ ވަން ގްރިޑް ޕްރޮޖެކްޓާއި ބެހޭގޮތުން މަޝްވަރާކުރައްވަވާފައިވެއެވެ.

މީގެ އިތުރުންވެސް މި ދަތުރުފުޅުގައި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށް ޒިޔާރަތްކުރައްވައި ހައި ކޮމިޝަނަރ ޑރ. ހުސެން ނިޔާޒާއި މިނިސްޓަރ ޝައުނާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި އިންޑިއާގެ ފޮރިން ސެކެޓްރީ ކޮންފަރެންސް އޮތް ދުވަހު ތާޖް ޕެލެސްގެ ޝާހްޖަހާން ހޯލުގައި އިންތިޒާމުކުރި ޚާއްޞަ ފަރިއްކޮޅުގައިވެސް މިނިސްޓަރ ޝައުނާ ބައިވެރިވެވަޑައިގަންނަވާފައިވެއެވެ. ހަމައެހެންމެ "ނިއު ފިއުލްސް، އޯލްޑް އެސްޕިރޭޝަންސް: މޫވިންގް ދަ ނެކްސްޓް ފައިވް ބިލިއަން"ގެ ޕެނެލް ޑިސްކަޝަންގެ އިތުރުން ވޯލްޑް ބޭންކް ސްޕްރިންގް މީޓިންގް ސައިޑް އީވެންޓްގެ ޕެނަލް ޑިސްކަޝަންގައިވެސް މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.

މި ދަތުރުފުޅުގައި "ފްރޮމް މައުންޓެން ޓު އޯޝަން: ހާރނެސިންގް ކޮމާރސް، ކަނެކްޓިވިޓީ އެންޑް ކްރިއޭޓިވިޓީ"ގެ ޕެނަލް ޑިސްކަޝަންގައި ބަވެރިވެވަޑައިގެން ޒުވާނުންގެ ބޭނުން ރަނގަޅުގޮތުގައި ހިފުމާއި، އުމްރާނީ ތަރައްޤީ އަދި ޑިޖިޓަލް އިކޮނޮމީ ކުރިއެރުވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި މީގެ އިތުރުން ވޯލްޑް ބޭންކްގެ ޑިރެކްޓަރ ފޮރ ރީޖަނަލް އިންޓަގްރޭޝަން އެންޑް އެންގޭޖްމެންޓް އިން ސައުތް އޭޝިއާ، ސެސީލް ފްރޫމަނާއިވެސް މިނިސްޓަރ ޝައުނާ ބައްދަލުކުރައްވާފައިވެއެވެ.