ޚަބަރު

އައްޑޫ ސިޓީން 194 ހެކްޓަރުގެ ބިން ހިއްކާ އިތުރު 3 ރަށް ތަރައްޤީކުރަނީ


އައްޑޫ ސިޓީގައި 194 ހެކްޓަރުގެ ބިން ހިއްކާ އިތުރު ތިން ރަށެއް އެސިޓީގެ ފަޅުތެރޭގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާކަމަށް އެމަސައްކަތް ޙަވާލުކޮށްފައިވާ ނެދަލޭންޑްސްގެ "ވެން އޯޑް" ކުންފުނިން ހާމަކޮށްފިއެވެ. ނެދަލޭންޑްސްގެ ކުންފުނިން ބުނީ މިމަސައްކަތްކުރާނީ ވީހާވެސްބޮޑަށް ތިމާވެއްޓަށް ގެއްލުން ކުޑަވާނެ ގޮތަށް ބަލައިގެންކަމަށެވެ.

ބިލިއަން ޑޮލަރުގެ އައްޑޫ ސިޓީ ބިންހިއްކުމުގެ މަޝްރޫޢު ސަރުކާރުން ޙަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ "ވެން އޯޑް" ކުންފުންޏާއެވެ. މިމަޝްރޫޢާއި ގުޅޭގޮތުން އެކުންފުނީގެ ފޭސްބުކް އެކައުންޓްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން އައްޑޫގެ ހިތަދޫ، މަރަދޫއާއި މަރަދޫފޭދޫއިން 194 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިރަށްރަށުގެ ފަޅު ތެރެއިން އިތުރު ތިން ރަށެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ބުނެފައިވެއެވެ. އަދި 11 ކިލޯމީޓަރުގެ އެއްގަމު ތޮއްޓެއްލާ އެސަރަޙައްދު ޙިމާޔަތްކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

އައްޑޫ ސިޓީ ބިންހިއްކުމުގެ މަޝްރޫޢަކީ ތިމާވެއްޓަށް އިޔާދަނުކުރެވޭނެ ގެއްލުން ވެދާނެފަދަ މަޝްރޫޢެއްކަމަށް މިކަމަށްޓަކާ އެކުލަވާލި އީއައިއޭ ރިޕޯޓުން ހާމަވެފައިވާއިރު "ވެން އޯޑް"އިންބުނީ މިމަސައްކަތްކުރާނީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް ބަލައިގެން ކަމަށެވެ. އަދި މި މަޝްރޫޢު ވެގެންދާނީ އައްޑޫ ސިޓީގެ އިޤްތިޞާދީ ހަބަކަށް ކަމަށެވެ. އަދި ފަތުރުވެރިންގެ މެދުގައި މަޤުބޫލުތަނަކަށް މިމަޝްރޫޢު ވެގެންދާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ. އެގޮތުން މިމަޝްރޫޢުގެ ދަށުން ބިން ހިއްކަން ފެށުމުގެ ކުރިން އެސަރަޙައްދުގައި ދިރިއުޅޭ އެކި ދިރުންތަކާއި މުރަކައިގެ ބާވަތްތައް ރައްކާތެރިކަމާއެކު އެހެން ސަރަޙައްދުތަކަށް ބަދަލުކުރާނެ ކަމަށް އެކުންފުނިންވަނީ ބުނެފައެވެ.

މިމަޝްރޫޢުގެ ސަބަބުން 21 ހެކްޓަރުގެ މުރަކައާއި 120 ހެކްޓަރުގެ މޫދު ވިނަ މައްޗަށް ވެލިއެޅި ނެތިގެންދާނެ ކަމަށް އީއައިއޭ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. ހަމައެއާއެކު އައްޑޫ ސިޓީއަކީ ޔުނެސްކޯގެ ބަޔޮސްފެއަރ ރިޒާވަކަށްވާއިރު މިމަޝްރޫޢުގެ ސަބަބުން ބަޔޮސްފެއަރ ރިޒާވް ހަލާކުވުމުގެ ބިރުއޮތްކަމަށާއި އައްޑޫގައި ޙިމާޔަތްކޮށްފައިވާ މަންޓާ ޕޮއިންޓާއި ކުޑަކަނޑު އަދި ޝިޕްރެކް ހަލާކުވުމުގެ ފުރުސަތު ބޮޑުކަމަށްވެސްވަނީ އީއައިއޭގައި ބަޔާންކޮށްފައެވެ.

އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫޢާއި ގުޅިގެން ހަދާފައިވާ އީއައިއޭ ރިޕޯޓާއި ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުންވަނީ އުފެދިފައެވެ. އެގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރާ އެކި ޖަމިއްޔާ ޖަމާޢަތްތަކާއި ބައެއް ޢާއްމުންވަނީ މިކަން ހުއްޓާލުމަށް ގޮވާލާފައެވެ. މިމައްސަލަ ހޫނުވެ ބިން ހިއްކުމުގެ މަސައްކަތް ހުއްޓުވުމަށް އަމިއްލަ ފަރާތަކުންވަނީ މައްސަލަ ކޯޓަށްވެސް ހުށައަޅާފައެވެ. މިމައްސަލައާއި ގުޅިގެން ސަރުކާރުންވަނީ މިމަސައްކަތްކުރާނީ ރާއްޖޭގެ ތިމާވެއްޓަށް ވީހާވެސް ބޮޑަކަށް ގެއްލުން ކުޑަވާނެ ގޮތްތައް ބަލައިގެންކަމަށްވަނީ ވިދާޅުވެފައެވެ.