ޚަބަރު

އދ.ހަންޏާމީދޫ ފެނުގެ މަޝްރޫޢުގެ މަސައްކަތް އަންނަމަހަށް ނިންމާލެވޭނެ: އެމްޑަބްލިއުއެސްސީ


އދ.ހަންޏާމީދޫގެ ރައްޔިތުންނަށް ރައްކާތެރި ފެން ފޯރުކޮށްދިނުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެތެރޭގައެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން މިމަޝްރޫޢުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ ފެނުގެ ނިޒާމް ފަރުމާ ކުރުމުގެ މަސައްކަތާވެސް އެއްކޮށެވެ. މިކަމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާއިރު މަސައްކަތް ދާ ހަލުވިމިނަށް ބަލާނަމަ އަންނަ މޭމަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.

އދ ހަންޏާމީދުގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން ދުވާލަކު 37 ޓަނުގެ ފެން އުފެއްދޭވަރުގެ 2 ފެން ޕްލާންޓް ބަހައްޓާ މި 2 ޕްލާންޓުން އުފައްދާ ފެން ރައްކާކުރުމަށްޓަކާ 200 ޓަނުގެ 2 ފެންތާންގީ ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އަދި ވާރޭފެން ރައްކާކުރުމަށް 503 ޓަނުގެ ފެންތާންގީއެއް ބެހެއްޓުމަށްވެސް ހަމަޖެހިފައިވެއެވެ. ފެން އުފެއްދުމަށްޓަކާ ފެން ނަގަން ހަމަޖެހިފައިވަނީ ބިމުގެ 30 ނުވަތަ 40 މީޓަރު އަޑިއަށް ބޯހޯލް ތޮރުފައިގެންނެވެ. އެގޮތުން ހަންޏާމީދޫގައި ފެން ނެގުމަށް 2 ބޯހޯލް ތޮރުފާނެކަމަށް އެމް.ޑަބްލިއު.އެސް.ސީން ވިދާޅުވެއެވެ.

މިމަސައްކަތްތަކުގެ ތެރެއިން ފެނުގެ މައި ހޮޅި އަޅާ ވާރޭފެން ނެގުމަށް އަޅާ ހޮޅިތައް ބިމުއަޑީގައި ވަޅުލުމުގެ މަސައްކަތް މިހާރުވަނީ އެއްކޮށް ނިމިފައެވެ. އަދި ފެންޕްލާޓް ގޭގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާއިރު މި އިމާރާތުގެ މަސައްކަތް މިމަސްތެރޭ ނިންމާލެވޭނެ ކަމަށާ އެމަސައްކަތް ނިމުމުން އާރުއޯ ޕްލާންޓްތައް އިންސްޓޯލް ކުރުމުގެ މަސައްކަތް މޭމަހު ކުރީހަފްތާގައި ފެށޭނެ ކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ. މި މަސައްކަތައް ބޭނުންވާ ހުރިހާ މެޝިނަރީސްއެއް މިހާރު ހަންޏާމީދޫއަށް ގެންގޮސްފައިވާއިރު ބޯހޯލް މެދުވެރިކޮށް ފެންނަގާ މެޝިނަރީސް އާ އިކުއިޕްމަންޓްތައްވެސް މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.

ހަންޏާމީދޫގައި 147 ކަނެކްޝަނެއްގުޅައި ދިނުމަށް ހަމަޖެހިފައިވާއިރު މީޓަރު ހަރުކުރުމުގެ 42 އިންސައްތަ މަސައްކަތްވަނީ ނިމިފައެވެ. އަދި ފެންރައްކާ ކުރުމަށް ބަހައްޓާ ތާންގީތަކުގެ ބުޑުތައް އަޅާ ތާންގީތައް ރޭވުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު މިމަސައްކަތްވެސް މެއި މަސްތެރޭ ނިންމާލެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

މި މަސައްކަތް ހަވާލުކުރި ދުވަހުން ފެށިގެން ހަންޏާމީދޫގެ ފެނުގެ މަސައްކަތް ޑިޒައިން ކުރަން ފެށިނަމަވެސް ކޯވިޑްގެ ބަލިމަޑުކަމާއެކު މަސައްކަތް ކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވިއެވެ. އެހެން ނަމަވެސް އަމަލީ މަސައްކަތް ފަށާފައިނުވާތީ އިދާރީ ގޮތުން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ފުރިހަމަކޮށް މިކަމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ މިއަހަރުގެ އޯގަސްޓް މަހުގެ 22 ވަނަ ދުވަހަށެވެ. އެހެންނަމަވެސް މިމަޝްރޫގެ މަސައްކަތް މިފެށޭ މޭމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިއުއެސްސީއިން ވިދާޅުވެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން މި މަސައްކަތް އެމްޑަބްލިއުއެސްސީ އާ ހަވާލުކުރީ 21.65 މިލިއަން ރުފިޔާއަށެވެ.