ޚަބަރު

ކިހާދޫ ބަނދަރުގެ މަސައްކަތް މިމަސްތެރޭ ނިމޭނެ: އެމްޓީ ހޯގާޑު


ބ.އަތޮޅު ކިހާދޫ ބަނދަރުގެ މަސައްކަތް މިއޭޕްރީލްމަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މިމަސައްކަތުގެ ކޮންޓްރެކްޓަރއާ ހަވާލާ ދީ އެރަށު ކައުންސިލުން ބުނެފިއެވެ.

ކިހާދޫގައި ތަރައްޤީ ކުރާ ބަނދަރާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ކިހާދޫ ކައުންސިލްގެ ރައީސް ހުސެއިން ޝާފިއު ވިދާޅުވީ ކުރިން މިއަހަރުގެ މާރިޗް މަހަށް ބަނދަރުގެ މަސައްކަތް ނިންމާލުމަށް ކަނޑައެޅިނަމަވެސް އެކަން ނުވީ ބޭނުންވާ ބައެއް ސާމާނު ލިބުން ދަތިވުމުން ކަމަށެވެ. އެހެންނަމަވެސް މިހާރު މިމަސްތެރޭ ބަނދަރު ތަރައްޤީކޮށް ނިންމާލެވޭނެކަމުގެ އުންމީދު ބޮޑުކަމަށް ހުސެއިން ޝާފިއު ވިދާޅުވިއެވެ.

ކިހާދޫއަކީ ލަފާ ފުރުމުގެ ފަސޭހަކަން ދެހާހުގެ ކުރީ ކޮޅު ލިބި މިވީ 14 ވަރަކަށް އަހަރު ބަނދަރެއް އޮތުމުން އޭގެ ފައިދާއަށްވުރެ ބޮޑަށް ގެއްލުން ލިބުނު ރަށެކެވެ. އެއީ އަބަދުވެސް ކިހާދޫގެ ރައްޔިތުން ބުނާ އެއްވާހަކައެވެ. ބަނދަރުން ބޮޑު ބައެއް ހަލާކުވެ ލަފާފުރުމަށް ބޭނުން ކުރަމުން ދިޔައީ ހުރަސް ތޮށްޓެކެވެ. އެތޮށި ސިފަވަނީ ބޮޑެތި ތެޅިގަލުން ރާނާފައި ހުންނަ ފާރަކާއެެވެ. އެހެންވެ އެސަރަހައްދުގައި މިހާރު ގެންގުޅޭ އަގުބޮޑެތި ލޯންޗްފަހަރު ނާޅައެވެ. ސަބަބަކަށް ވެފައިވަނީ ބަނދަރުގައި ހޭކި ފެންޑަރުތައް ފަޅައިގެންގޮސް ލޯންޗުތަކަށް ގެއްލުންވުމެވެ. މީ އިޤްތިސާދީ ގޮތުން އެރަށަށް ލިބުނު ބޮޑު ގެއްލުމެއްކަމަށް އެރަށު މީހުން ޤަބޫލްކުރެއެވެ.

ލަފާރުފުމަށް ދިމާވެފައި އޮތް މި ދަތި ދުވަސްތަކުގައި އެމީހުން އުޅުނީ ވަރަށް ހާލުގައެވެ. މިކަން ތަޖުރިބާކުރި އެރަށުގެ އުމުރުން ދުވަސްވީ މީހުން ކައިރީގައި އާބަނދަރާ ގުޅޭގޮތުން ސުވާލެއް ކުރުމުން އެމީހުންނަށް މިހާރު ކުރެވެނީ ބުނެދޭންވެސް ނޭނގޭ އިހްސާސްތަކެއްކަމަށާ މިއަށްވުރެ ވަކި ބޮޑުކަމެއް މިރަށަށް ސަރުކާރުން ކޮށްނުދޭނެ ކަމަށް އެމީހުން ބުންޏެވެ.

"ކުރިން ބަނދަރަށްގޮސް ރޮވޭހަމަ ތަނަކަށްދާން އޮނޑިއަކަށް އަރަން އުޅެންޖޭހެގޮތުން މިހާރު ވަރަށްފަސޭހަ އެކަނިގޮސްއަރާލެވޭ އެހެންވޭ މި ބުނަނީ މިވަރުގެ ވެރިކަމެއް އަދި ނުދެކެމޭ ކިހާދޫއަށް މިހާ އަޅާލާ، މީ ހެޔޮ ސަރުކާރެއް މިހާރުގެ ރައީސްވަރުގެ ވެރިއެއްވެސް ނުދެކެން" މީ ބަނދަރާ ގުޅޭގޮތުން ސުވާލެއް ކުރުމުން އެރަށުގެ އެންމެންގެވެސް ޖަވާބުހުރިގޮތެވެ.

ކިހާދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން ބަނދަރުގެ ބޭރު ތޮށީގައި ހިލަ ޖެހުމުގެ މަސައްކަތާއި އެއްގަމު ތޮށީގެ މަސައްކަތްވެސްވަނީ ނިންމާލާފައެވެ. އެބަނދަރުގައި މިހާރު ކުރަމުންދަނީ އެއްގަމު ތޮށިލާފައި އޮތް ސަރަހައްދުގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތެވެ. މި މަސައްކަތް ވެސް މިހަފްތާތެރޭގައި ނިމޭނެކަމަށް ކައުންސިލުން ބުނެއެވެ. ޒަމާނީ ފެންވަރަށް ތަރައްޤީ ކުރި މިބަނދަރު ހިމެނޭ ސަރަހައްދުގައި ބަނދަރު ބައްތި ހަރުކޮށް ބަނދަރަށް ވަދެ ނުކުމެ ހެދުމަށް ހަދާ ނެރު ފުންކޮށް ނެރު ބައްތިޖަހާ ފަޅުގެ ފުންމިން ލެވެލްކުރުމުގެ މަސައްކަތް މިހާރުވަނީ ނިންމާފައެވެ.

ކިހާދޫ ބަނދަރަކީ 700 ފޫޓް ދިގު 235 ފޫޓް ފުޅާ ބަނދަރެކެވެ. މިބަނދަރުގެ ބޮޓެތި ހުރިހާ މަސައްކަތެއް ނިމިފައިވާއިރު، މިއީ އިޤްތިސާދީގޮތުން ރަށަކަށް ލިބޭނެ އެންމެ ބޮޑު ކުރިއެރުންކަން އެންމެވެސް ގަބޫލްކުރެއެވެ. ކިހާދޫ ބަނދަރު އޮވެ އަރާފޭބުމަށް އުފުލި ތަކުލީފް މިވަނީ ނިމިގޮސްފައެވެ. އެގޮތުން ބަނދަރުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު އެރަށު ރައްޔިތުން އަންނަނީ ބަނދަރުގެ އުފާ ލިބި އޮޑި ދޯނިފަހަރު އަޅަމުންނެވެ. މިއީ އިޤްތިސާދީގޮތުން އެރަށަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެރަށު ކައުންސިލްގެ ރައީސް ހުސެއިންް ޝާފިއު ވިދާޅުވިއެވެ.

ކިހާދޫ ބަނދަރުގެ މަސައްކަތް މިއަހަރުގެ މާޗް މަހަށް ނިންމާލުމަށް ކުރިން ކަނޑައެޅިނަމަވެސް އެކަން ނުވީ ބޭރުން ގެންނަންޖެހޭ ހިލައިގެ ޝިޕްމަންޓްތައް އައުން ލަސްވުމުން ކަމަށް އެމްޓީހޯގާޑުން ބުނެއެވެ. އަދި މިހާރު ބަނދަރުގެ ހުރިހާ ބޮޑެތި މަސައްކަތްތަކެއް ނިމި މިމަސް ނިމޭހާތަނަށް އެއްކޮށް ނިންމާލެވޭނެކަމަށް އުންމީދުކުރާކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.