ތަރައްްޤީ

އިންޑިއާގެ ހިލޭ އެހީގައި ރާއްޖޭގައި ހިންގާ 7 މަޝްރޫޢެއްގެ އެއްބަސްވުމުގައި ސޮއިކޮށްފި


އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ 7 މަޝްރޫޢެއްގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި 7 މަޝްރޫޢަކީ އިންޑިއަން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗް.އައި.ސީ.ޑީ.ޕީ) ދަށުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ މަޝްރޫޢުތަކެކެވެ.

މިމަޝްރޫޢުތައް އިޢުލާންކުރެވިފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ޖައިޝަންކަރު ރާއްޖެއަށް ދާދިފަހުން ކުރެއްވެވި ދަތުރުފުޅުގައެވެ. މި މަޝްރޫޢުތަކަށް ގާތްގަނޑަކަށް 1.7 މިލިއަން ޑޮލަރު ނުވަތަ 26.8 މިލިއަން ރުފިޔާ ހިނގާނެކަމަށް އަންދާޒާކުރެވޭކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވެއެވެ.

މި އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނު މަހާވަރެވެ. އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ރަށު ކައުންސިލްތަކުގެ މެންބަރުންނާއި، ދިވެހި ސަރުކާރާއި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވީ، މި މަޝްރޫއުތަކުގެ ސަބަބުން ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ކުރިއަރުވާ، ޒުވާނުން ބާރުވެރިކުރުވައި ސަގާފަތާއި ތަރިކަ ރައްކާތެރިކޮށް، މުޖުތަމައުތަކުގައި އިޖުތިމާއީ އަދި އިޤްތިޞާދީ ތަރައްޤީ ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް އިންޑިއާއިން އަދާކުރާ އިސް ދައުރު ފާހަގަކުރައްވައި، މިނިސްޓަރ ޝާހިދު ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނު މަހާވަރު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ތަރައްޤީއާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ އިންޑިއާއިން އަބަދުވެސް އިސްކަންދޭނެކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި އަލަށް ސޮއިކުރެވުނު މި 7 މަޝްރޫޢަކީވެސް ސީދާ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާނެ މަޝްރޫޢުތަކެއްކަން ސަފީރު ފާހަގަކުރެއްވިއެވެ.

އިންޑިއާގެ ހިލޭ އެހީގައި ރާއްޖޭގައި އަލަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒެއް ޤާއިމުކުރުމާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީ ޔުނިޓަކާއި، ހުޅުމާލޭ ހޮސްޕިޓަލުގައި ޕްރޮސްތެޓިކްސް އެންޑް އޯތޮޓިކްސް މެނިފެކްޗަރިންގ ފެސިލިޓީއެއް ޤާއިމުކުރުން ހިމެނެއެވެ. އަދި ނ. ލަންދޫ މާބުދުގޭ އަދި ތ. ދިޔަމިގިލީ ގަނދުވަރުގައި ޘަޤާފީ ތަންތަން ރައްކާތެރިކުރުމާއި، ނ. މަނަދޫގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމާއި، ގއ.ގެމަނަފުށި އަދި އދ. ދިގުރަށުގައި ޒުވާނުންގެ މަރުކަޒު ތަރައްޤީކުރުން ހިމެނެއެވެ.

އަލަށް އިއުލާންކުރި މި މަޝްރޫއުތަކާއެކު އިންޑިއަން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ އަދަދު 27 އަށް އަރައެވެ. މީގެ ތެރެއިން 'ވިލުނު' ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ސެންޓަރާއި އައްޑޫ މީދޫގައި އިކޯ- ޓުއަރިޒަމް ޒޯން ވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ޖައިޝަންކަރު ދާދި ފަހުން ކުރެއްވެވި ދަތުރުފުޅުގައި ޢިފްތިތާޙްކޮށްދެއްވާފައިއެވެ.

އެޗް.އައި.ސީ.ޑީ.ޕީ އިން މަޝްރޫޢުތައް ހިންގާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ މަސްވެރިކަމާއި، އިކޯ-ޓުއަރިޒަމް، ދެމެހެއްޓެނިވި ތަރައްޤީ، ދަނޑުވެރިކަން، ސަޤާފަތާއި ތަރިކަ، ސިއްޙީ، ރަށްރަށުގެ އިންފްރާސްޓްރަކްޗަރ އާއި ތަޢުލީމުގެ ދާއިރާއެވެ. ރާއްޖޭގައި ހިންގޭ އެޗް.އައި.ސީ.ޑީ.ޕީ މަޝްރޫޢުތަކަށް ޖުމްލަ 155 މިލިއަން ދިވެހި ރުފިޔާ ކަނޑައެޅިފައިވެއެވެ.

މި 27 ހައި އިމްޕެކްޓް މަޝްރޫޢުގެ އިތުރުން، އިންޑިއާގެ ފަރާތުން ފޯރުކޮށްދޭ 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ދަށުން އިތުރު 18 މަޝްރޫއެއްވަނީ ރާއްޖެއަށް ކަނޑައަޅާފައެވެ. މީގެ ތެރެއިން 15 މަޝްރޫއެއް މިހާރު ވަނީ ނިންމާ ބޭނުންކުރަން ފަށާފައެވެ.