ޚަބަރު

މިއަހަރު ނިމެންވާއިރަށް މިނީ ބަހުގެ ޚިދުމަތް ފެށުމަކީ އަމާޒެއް: އެމްޓީސީސީ


މިއަހަރު ނިމެންވާއިރަށް މާލޭ ސިޓީގައި މިނީބަހުގެ ޚިދުމަތް ފެށުމަކީ އަމާޒެއްކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 2019ވަނަ އަހަރުގެ ތެރޭގައެވެ.

މާލޭ ސަރަޙައްދުގައި ދަތުރުފަތުރުގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލެއަށް މިނީ ބަހުގެ ޚިދުމަތް ތަޢާރަފުކުރުމަކީ މި ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވާއިރު، އެކުންފުނިން ދަނީ އެ ޚިދުމަތް ފެށުމަށްޓަކާ ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ކުރަންޖެހޭ މަޝްވަރާތައްކޮށް، މިނީ ބަހުގެ ޚިދުމަތަށް ބޭނުންވާ ބަސްތައް ވަނީ ފައިނަލްކޮށްފައެވެ.

މިނީ ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންކުރަން ހަމަޖެހިފައިވަނީ ތިމާވެއްޓާއި ރައްޓެހި އިލެކްޓްރޯނިކް މިނީ ބަސްތަކެކެވެ. މި ބަސްތައް ގެނެސް ބަހައްޓާނެ ބިމެއް ސަރުކާރުން އެމް.ޓީ.ސީ.ސީއަށް ވަނީ ޙަވާލުކޮށްފައެވެ. އެމް.ޓީ.ސީ.ސީން ވިދާޅުވީ، ޚިދުމަތް ފެށުމަށް ބޭނުންވާ 6 މިނީ ބަހަށް އެކުންފުނިން މިހާރު އޯޑަރުކޮށްފައިވާކަމަށެވެ. އަދި މިއަހަރުގެ ފަހުކޮޅު ބަސްތައް ލިބޭވަރުވާނެކަމަށާއި، އަމާޒަކީ މިއަހަރު ނިމެންވާއިރަށް މިނީ ބަހުގެ ޚިދުމަތް ތަޢާރަފުކުރުންކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މި ޚިދުމަތް ފަށަންވާއިރަށް މާލޭގެ ޓްރެފިކަށް ބަލާ، މަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފުލުހުންނާއި، މާލޭ ސިޓީ ކައުންސިލާއި ގުޅިގެން އެމް.ޓީ.ސީ.ސީން ދަނީ ކުރަމުންނެވެ. މިނީ ބަހުގެ ޚިދުމަތް ދިނުމަށް އިލެކްޓްރިކް ވެހިކަލްތަކެއް ބޭނުންކުރަން ނިންމާފައިވީނަމަވެސް، ޓްރެފިކަށް ބަލާ، ޑީސެލް ބަސްތަކެއްވެސް ޚިދުމަތް ފަށައިގަންނައިރުގައި ބޭނުންކުރަން ޖެހިދާނެކަން އެމް.ޓީ.ސީ.ސީން ފާހަގަކުރެއެވެ. މިނީ ބަސްތައް ދަތުރުކުރާނެ ރޫޓްތައް ކަނޑައަޅާނީ މާލޭގެ މައި ބޮޑެތި މަގުތައް ހިމެނޭހެންކަމަށާއި، މިނީބަހުގެ ރޫޓާއި، އެމް.ޓީ.ސީ.ސީން މާލެއާއި ހުޅުމާލެއާއި ދެމެދުކުރާ ބަސްދަތުރުތަކުގެ ރޫޓާވެސް ގުޅުވާލާނެކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ގެންނަ ބަސްތަކަކީ 15 މީހުންގެ ޖާގައިގެ ބަސްތަކެއްކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. އަދި މިނީ ބަހުގެ ޚިދުމަތް ދޭން ފެށުމުން، ޚިދުމަތުގެ ޑިމާންޑަށް ބަލާ، ބަސްތައް އިތުރުކުރުމާއި، ބަސް ދަތުރުކުރާނެ ރޫޓްތައް އިތުރުކުރަމުންދާނެކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.