ޚަބަރު

ރަށްގިރުން ހުއްޓުވުމަށް ހޯރަފުއްޓާއި އެއަރޕޯޓް ވަކިކުރަނީ


ހޯރަފުއްޓާއި ހޯރަފުށީ އެއަރޕޯޓް ހިމެނޭ ރަށް ގުޅާލާފައި އޮތުމުގެ ސަބަބުން ދިމާވަމުންދާ ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިއެވެ. މިކަމުގެ ޢަމަލީ މަސައްކަތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ފަށައިގަނެވޭނެ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން ވިދާޅުވެއެވެ.

ހއ.ހޯރަފުށީ އެއަރޕޯޓް ތަރައްޤީކުރުމަށް ހޯރަފުށީގައި މީގެކުރިން ހިއްކާފައިވާ ސަރަޙައްދު އިތުރަށް ހިއްކާ ސަރުކާރުންވަނީ އެއަރޕޯޓް ތަރައްޤީކޮށްފައެވެ. އެހެންނަމަވެސް އެއަޕޯޓް އެޅުމަށް ހިއްކި ސަރަޙައްދާއި ހޯރަފުށި ގުޅާލާފައިވުމުގެ ސަބަބުން ހޯރަފުއްޓާއި އެއަރޕޯޓް ހިމެނޭ ސަރަޙައްދުވެސް ގިރުމުގެ މައްސަލަ އަންނަނީ ކުރިމަތިވަމުންނެވެ. މިމައްސަލަ ޙައްލުކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި އެމްޓީސީސީ ގުޅިގެންވަނީ މަސައްކަތް ފަށާފައެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ހޯރަފުށީ ގިރާ މައްސަލަ ޙައްލުކުރުމަށް ހޯރަފުއްޓާއި އެއަރޕޯޓް ހިމެނޭ ސަރަޙައްދު ކަނޑާލާ ކޯޒްވޭއަކުން ދެރަށް ގުޅާލުމަށް ނިންމާފައިވާކަމަށެވެ. މިގޮތުން މިހާރު ކުރިއަށްދަނ ޑިޒައިނިންގ މަސައްކަތް ކަމަށް އާޒިމް ވިދާޅުވިއެވެ.


"ވަރަށް ރަނގަޅަށް މިކަމުގެ ޑިޒައިން މަސައްކަތް ކުރަންޖެހޭ. އެހެންވީމަ އެކަމަށް ވަގުތުކޮޅެއް އެބަނަގާ. މިކަން މިކުރަނީ އެމްޓީސީސީއާއި ޕްލޭނިންގ މިނިސްޓްރީގެ އިންޖިނިއަރުން ގުޅިގެން. މަހެއްގެ ތެރޭގައި ޑިޒައިނިންގ މަސައްކަތް ނިމޭނެ." އާޒިމް ވިދާޅުވިއެވެ.

ހޯރަފުށީ ކޯޒްވޭ ކެނޑުމަށް ބޭނުންވާ ބައެއް ސާމާނު ގެނައުމަށް ހަމަޖެހިފައިވަނީ ޔޫރަޕުން ކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ. މިތަކެތި ޖޫންމަހުގެ ތެރޭގައި ރާއްޖެއަށް އަންނާނެކަމަށް ބެލެވޭތީ އެމްޓީސީސީން ވިދާޅުވީ ހޯރަފުށީ ކޯޒްވޭގެ މަސައްކަތް ޖޫންމަހުގެ ތެރޭގައި ޢަމަލީގޮތުން ފަށައިގަނެވޭނެކަމަށެވެ.

މީގެ އިތުރުން އެމްޓީސީސީން މިހާރު އަންނަނީ އެއަރޕޯޓް ހިމެނޭ ރަށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މިމަޝްރޫޢުގެ ދަށުން 1160 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ. މީގެދަށުން 50 އިންސައްތަ ނިމިފައިވާއިރު މިހާރު މަސައްކަތް ކުރިއަށްދާގޮތަށް ދާނަމަ ކުރިއަށްއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި މިމަސައްކަތް ނިމޭނެކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ.