ޚަބަރު

ކޯވިޑުން އަރައިގަނެވި، ހިންދެމިލެވުނީ ރައީސްގެ ހިކުމަތްތެރި ފިޔަވަޅުތަކުން!


2019 ވަނަ އަހަރުގެ ތެރޭގައި ދުނިޔެއަށް ފެތުރެންފެށި ކޮރޯނާ ވައިރަސް ޑިސީސް 2019 ނުވަތަ ކޯވިޑް-19އާއެކު މުޅި ދުނިޔެ ސިއްސުވާލިއެވެ. މިއީ މި ފަހުގެ ތާރީޚެއްގައި ދުނިޔެއަށް ކުރިމަތިވި އެންމެބޮޑު ޢާލަމީ ވަބާއެވެ. މިބަލި ފެތުރޭލެއް ހަލުވިކަމާއި އޭގެސަބަބުން ވާނުވާ ނޭނގި މީހުންގެ ޙާލު ސީރިއަސްވެ، ވެންޓިލޭޓަރަށް ލާންޖެހުމާއި އާދަޔާއި ޚިލާފަށް މީހުން މަރުވަމުން ދިއުމުގެ ނަތީޖާއަކީ ދުނިޔެ ހުއްޓުމަކަށް އައުމެވެ. މުޅި ދުނިޔެއަށް އާންމުވެގެންދިޔަ މި ނުރައްކާތެރި ސިއްޚީ އާލަމީ ވަބާގައި ދުނިޔޭގެ ގިނަ ގައުމުތައް ވަނީ ހަފުސްވެގެން ގޮސްފައެވެ.

ކޯވިޑް-19ގެ ބަނަ ވިލާގަނޑު ރާއްޖެއަށް ހިޔަނި އަޅާނެ ކަމުގެ ބިރު އުފެދުމާއެކު، ބަލީގެ އެންމެ ކުރީކޮޅުން ފެށިގެން، ސަރުކާރުގެ ހުރިހާ ހަކަތައެއް ބޭނުންކުރީ، މިކަމުން އަރައިގަތުމަށެވެ. ރާއްޖެއަށް ބަލި އަންނާނެކަން ދަނެ ރާއްޖޭގެ ސިއްޙީ ޚިދުމަތް ތައްޔާރީ ހާލަތަކަށް ގެންނެވިއެވެ.

ރާއްޖެއިން ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނިފައިވަނީ 2020ވަނަ އަހަރުގެ މާޗުމަހުގެ 7ވަނަ ދުވަހުއެވެ. މާޗްމަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި ވަނީ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައެވެ. އަދި ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއްގޮތަށް ނުވަތަ އެކެއްގެ ގައިން އަނެއްކެއްގެ ގަޔަށް މި ބަލި ފެތުރޭ ޙާލަތެއް އޮތްކަމަށް ފެނި 2020 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 15 ވަނަ ދުވަހު މާލެ ސަރަޙައްދު ފުރަބަންދުކުރިއެވެ.

ރާއްޖެއިން ބަލި ފެނުމާއެކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ގެންދެވީ ސިއްޙީ މާހިރުންގެ ލަފާފުޅާއެކު ބަލިން ވީހާވެސް އަވަހަށް އަރައިގަނެވޭނެ ގިނަ ގޮތްތަކެއް ތަންފީޒްކުރައްވަމުންނެވެ. އެގޮތުން ބަލީގައި ފަރުވަދެވޭނެ ނިޒާމުތަކެއް ކަނޑައަޅައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި، މި ބައްޔަށް ފަރުވާކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެތައް ސަތޭކަ ޞިއްޙީ ޚިދުމަތްތެރިން ތަމްރީނު ކުރުވިއެވެ. އަދި ރާއްޖެއިން ކޯވިޑްގެ ޓެސްޓް ހެދޭނެ ޤާބިލްކަން ހޯދީވެސް މި ބަލީގެ އެންމެ ކުރީކޮޅުއެވެ.

ކޯވިޑުގެ ނުރައްކަލުގެ ރަނގަބީލު އެންމެ ގަދަވެގެން ދިޔަ ދުވަސްވަރުގައިވެސް ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިންގެ ލަފަޔާއި މަޝްވަރާގެ މަތީން ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަށް ދިޔައީ ބަލީގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.

މުޅި ދުނިޔޭގައި ބަލީގައި އެންމެ ބޮޑު ގެއްލުމަކާއި ކުރިމަތި ލާންޖެހުނު އެއްގައުމަކަށް ދިވެހިރާއްޖެ ވެގެންދާނެއެވެ. ސަބަބަކީ ރާއްޖޭގެ އާބާދީގެ ކުޑަ ކަމާއެކުވެސް، ދިވެހިރާއްޖޭގެ އިގްތިސާދަށް ކުރިމަތިލާން ޖެހުނު ބޮޑެތި ގޮންޖެހުންތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. ދުނިޔޭގެ ހުރިހާ ޤައުމެއްގައި ރައްޔިތުން ބިކަވެ އިޤްތިޞާދު އިނދަ ޖެހުނު ވަގުތުވެސް ދިވެހިންނަށް އެ ބިކަ ހާލު ނުޖެހި އަރައި ގަނެވުނީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދިން ދީލަތި އެހީތަކުގެ ސަބަބުންނެވެ.

މިގޮތުން އެންމެ ފުރަތަމަވެސް ރައީސް ނިންމެވީ ކޯވިޑް-19ގެ ޙާލަތުގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ ތެރެއިން މުޅިރާއްޖޭގެ ހުރިހާ ގޭބިސީއެއްގެ ފެން ބިލްތަކުން %30 އަދި ކަރަންޓު ބިލްތަކުން %40 ކުޑަކޮށްދެއްވުމަށެވެ. ކަރަންޓާއި ފެން ބިލުތަކުން 117 މިލިއަން ރުފިޔާ ކަނޑާލިއެވެ. ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރިމިންވަރަކުން އެހީތެރިކަން ރައްޔިތުންނަށް ފޯރުކޮށްދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ރައީސްގެ އެންގެވުމަށް އެމަނިކުފާނުގެ ކެބިނެޓުންވެސް މުހިންމު ސިޔާސަތުތަކެއް ތަންފީޒްކުރީ ކޯވީޑުން އަރައިގަތުމަށް ރައީސް ދެއްވި އިރުޝާދުގެ ދަށުންނެވެ. މިގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، އާންމު އެކި ޚިދުމަތްތެރިންނަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކުރިއެވެ. ބިމުކުލި ދެއްކުން 6 މަސްދުވަސް ފަސްކޮށްދީ 15 ޤައުމެއްގައި ތިބި ދިވެހިންގެ ތެރެއިން 2421 ދިވެހިން އަނބުރާ ރާއްޖެ ގެނައެވެ. ވަޒީފާ ގެއްލުނު އެތައް ސަތޭކަ ބަޔަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން 17147 މީހަކަށް، 221 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރިއެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 400 މިލިއަން ރުފިޔާ ކަނޑައަޅާ ފައިސާ ދޫކުރިއެވެ. ކޮންސްޓްރަކްޝަން ދާއިރާގެ 240 ފަރާތަކަށް 95 މިލިއަން ރުފިޔާގެ ލޯނު ދޫކުކުރިއެވެ.

ކޯވިޑް-19އާއެކު ރާއްޖޭގެ މަސްވެރިންނަށާއި، ދަނޑު ވެރިންނަށްވެސް ބޮޑެތި ލުއިތަކެއް ސަރުކާރުންވަނީ ދެއްވާފައެވެ. މަސްވެރިކަމުގެ ބޭނުންތަކަށް އިމްޕޯޓުކުރާ، ބައެއް ތަކެތިން ނަގަމުން އައި އިމްޕޯޓް ޑިއުޓީވެސް ކަނޑާލިއެވެ. މިނޫނަސް އެތައް އެހީއެއް ރައްޔިތުންނާ ވިޔަފާރިތަކަށް ފޯރުކޮށްދިނެވެ.

ކޯވިޑްގެ ގޮންޖެހުންތަކާއެކު އެހާލަތުން އަރައިގަތުމަށް ބޮޑެތި މަޝްރޫޢުތައް އަވަހަށް ފެށުމަށް ސަރުކާރުގެ ވަރަށްބޮޑު އިސްކަމެއް ދެއްވިއެވެ. މިމަސައްކަތްތަކަކީ ރައްޔިތުންގެ ދިރިއުޅުމުގެ އާންމު ހާލަތާއިވެސް ގުޅިފައިވާ ކަންކަމަށްވުމުން މިކަންކަން އަވަސް ގޮތެއްގައި ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒުކަމުގައި ހިފިއެވެ. އެގޮތުން އެތައް ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމާއި ބަނދަރު ތަރައްޤީކުރުމާއި، މަގުތައް ހެދުމާއި، އެއަރޕޯޓްތައް ތަރައްޤީކުރުންފަދަ މަޝްރޫޢުތައް ނުހުއްޓި ކުރިއަށް ގެންދިޔައެވެ.

ކޯވިޑުން އަރައިގަތުމަށް ސަރުކާރުން ނެގި އެންމެ މުހިންމު އަނެއް ފިޔަވަޅަކީ ދުނިޔޭގައި ކޯވިޑުން ދިފާޢުވުމަށް އުފެއްދި ވެކްސިން އެންމެ ފުރަތަމަ ހޯދި ޤައުމަށް ރާއްޖެ ވެގެންދިޔުމެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަމާއެކު ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ދައުރު ފުޅާކުރަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ދުނިޔޭގެ އެންމެ ބޮޑެތި ކުރިއަރާފައިވާ ޤައުމުތަކަށް ވެކްސިން ނުލިބި އުޅެނިކޮށް ވެކްސިންގެ އެންމެ ކުރީކޮޅު ރާއްޖެއަށް ވެކްސިން ގެނެސް، ދޭސީއެއް ބިދޭސީއެއް ތަފާތުކުރުމެއް ނެތި ވެކްސިން ދޭން ރައީސްގެ އިރުޝާދާއެކު ފެށިއެވެ.

މިދިޔަ އަހަރު ފެށިގެން ދިޔައިރު، ދުނިޔެއަށް އާންމު ވެގެންދިޔަ އޮމިކްރޮން ވޭރިއެންޓު ރާއްޖެއިންވެސް ފެނި، ދުވާލަކަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު 2000 އަށްވުރެ މައްޗަށް އޭރު އަރައިގެން ދިޔަ ނަމަވެސް، އެ ހާލަތުން އަރައިގަނެވުނީ ރާއްޖޭގެ އާބާދީގެ 80 އިންސައްތަ އަށްވުރެ ބޮޑު ބައެއް ވެކްސިން ފުރިހަމަކުރުމުންނެވެ.

ކޯވީޑުން ދިފާއުވުމަށް ސަރުކާރުން މި ކުރި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ބަލީގެ ހާލަތު ރާއްޖޭގައި ރަނގަޅުވެ މިއަހަރުގެ ފެބުރުއަރީ މަހުގެ 13ވަނަ ދުވަހު ރައީސް ވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަވައި ހުރިހާ ފިޔަވަޅުތަކެއް އުވާލައްވާފައެވެ. މިއާއެކު އާންމުނަށް ކޯވިޑުގެ ކުރީގެ ހާލަތުގައި އުޅެން ފެށުމުގެ އިހްސާސް ކުރެވެން ފެށިއެވެ.

ކޯވީޑުން އަރައިގަނެވި އެ ހެޔޮ ބަދަލު ފެންނާން ފަށާފައި މިވަނީ، ކޯވިޑްގެ ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. ޢާންމު ހާލަތަކަށް ރާއްޖެ ގެންނަވައި، އިޤްތީޞާދީ އަނދަވަޅުން އަރައިގަނެ ހިންދެމިލެވުމުގެ ހުރިހާ ޝަރަފަކާއި، ހުރިހާ ތައުރީފެއް ހައްގުވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި އެމަނިކުފާނުގެ ކެބިނެޓާއި، ސިއްޙީ ޚިދުމަތްތެރިން ކުރި މަސައްކަތަށެވެ. އަދި އެ އިރުޝާދުތަކަށް ބަސް އެހުމާއެކު ބޯލެނބި ދިވެހި ހުރިހާ ރައްޔިތުންނަށެވެ.