ޚަބަރު

ޤައުމީ ފެރީ ޚިދުމަތް މިމަހު ފަށަނީ


ހައި ސްޕީޑް ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން އެކަމަށް ބޭނުންކުރަން ބަން ފެރީތަކުގެ ޓެސްޓްް މަރުހަލާ ނިންމާ މިމަހުގެ ތެރޭގައި ރަސްމީކޮށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ނަމުގައި ފަށާ މި ޚިދުމަތުގެ ދަށުން ހައި ސްޕީޑް ފެރީ މެދުވެރިކޮށް ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ހުރިހާ ރަށްތަކެއް ގުޅާލުމަކީ ސަރުކާރުގެ އަމާޒެކެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށެއް ފެރީގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް ކުރަމުންގެންދަނީ މޯލްޓިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ. މިޚިދުމަތް ފެށުމަށް ބަނދެފައިވާ ފެރީގެ ޓެސްޓު ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މިމަސައްކަތް ނިންމާ އެކުންފުނިން މިހާރު ކުރަމުންދަނީ ޓެސްޓު މަރުޙަލާގައި ފެރީތަކުގައި ހުރިކަމަށް ފާހަގަކުރެވުނު މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތްތަކެވެ.

ފެރީ ޚިދުމަތް ފެށުމަށް ވަމުންދާ ތައްޔާރީތައް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ޚިދުމަތް ފެށުމަށް އެމްޓީސީސީގެ މުވައްޒަފުން މިހާރު ތިބީ ތައްޔާރަށްކަމަށެވެ. އެގޮތުން ފުރަތަމަ މަރުޙާލާގައި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ހދ. އަތޮޅުގެ ފެރީ ޓަރމިނަލްތަކުގެ މަސައްކަތް ނިންމުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރަމުން އަންނަކަން އާޒިމު ފާހަގަކުރެއްވިއެވެ.

" މުޅި ރާއްޖޭގެ ޓްރާންސްޕޯޓް ލިންކްގެ ސޮފްޓްވެއަރގެ މަސައްކަތްވެސް މިހާރުވަނީ ނިމިފައި. ޓެސްޓް ދަތުރުތަކުގައި ފެރީތަކުގައި ފާހަގަކުރެވުނު މައްސަލަތައް ޙައްލުކޮށް އޭޕްރީލްމަހު ރަސްމީކޮށް ދަތުރުތައް ފެށޭނެ." އާޒިމް ވިދާޅުވިއެވެ.

ޓްރާންސްޕޯޓް ލިންކްގެ ދަށުން އެންމެ ފުރަތަމަ މަރުޙަލާގައި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޒޯން އެކެއްގައި ހިމެނޭ ހއ. ހދ. އަދި ށ. އަތޮޅުގައެވެ. މީގެތެރެއިންވެސް އެންމެ ފުރަމަ ފަށައިގަތުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅުގައެވެ. ހދ.އަތޮޅުގައި ޤާއިމުކުރާ ޓާމިނަލްތަކުގެ ތެރެއިން ކުޅުދުއްފުށީ ޓާމިނަލްގެ މަސައްކަތްވަނީ ނިމިފައެވެ. ހަނިމާދޫގައި ޓާމިނަލްގައި މިހާރު ކުރިއަށްދަނީ ފަރުނީޗަރު ހަމަކުރުމުގެ މަސައްކަތެވެ.

ފެރީ ދަތުރުތައް މި މަހު ހދ. ގައި ފެށުމަށް ތައްޔާރުވަމުން އަންނައިރު ހއ. އަދި ށ. އަތޮޅުގެ މި ޚިދުމަތް މެއި ނުވަތަ ޖޫންމަހު ފެށޭނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

ފުރަތަމަ ފޭސްގައި ހއ. ހދ. އަދި ށ.އަތޮޅުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ 40 ޓާމިނަލްއެވެ. މީގެތެރެއިން މައި 8 ޓާމިނަލްގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެމްޓީސީސީއިން ބުނެއެވެ. އަދި 30 ޓާމިނަލަކީ އެތަންތަނުގެ ސްޓްރަކްޗަރ ކުޅުދުއްފުށީގައި ތައްޔާރުކޮށްގެން ގެނެސް ރަށްރަށުގައި ރާވާގޮތަށް ހަމަޖައްސާފައިވާ ޓާމިނަލްތަކެއްކަމަށް އެމްޓީސީސީން ބުނެއެވެ.

ޤައުމީ ފެރީ ޚިދުމަތް ފެށުމަށްވަނީ ރާއްޖެ 6 ޒޯންއަކަށް ބަހާލާފައެވެ. ފުރަތަމަ މަރުޙަލާގައި ހިމެނޭ ޒޯން އެކެއްގެ 3 އަތޮޅުގައި ޚިދުމަތް ފެށުމަށް 17 ފެރީއެއް ވަނީ ބަނދެފައެވެ.