ޚަބަރު

100 ދިވެހިންގެ ޙާފިޒުކަމުގެ ސަނަދުގެ ސިލްސިލާ ރަސޫލާއާއި ހަމައަށް


ދުނިޔޭގެ ސައްތައިން ސައްތަ އިސްލާމީ ޤައުމުތަކުގެ ލިސްޓުގައި މިކުޑަކުޑަ ދިވެހިރާއްޖެ ހިމެނެނީ ފަޚުރުވެރި މަޤާމެއްގައެވެ. އިސްލާމް ދީނުގެ އަލިގަދަ ނޫރު ދުނިޔެއަށް ފެތުރި ދިވެހިރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ލިބުނުތާ އަށް ސަތޭކަ އެތައް އަހަރެއް މިވަނީ ވެފައެވެ. މި ވޭތުވެދިޔަ ދިގު މުއްދަތުގައި އިސްލާމްދީނުގެ ޝިޢާރުތައް ފާޅުކޮށް، އިސްލާމްދީނުގެ ވާޖިބުތަކާ ސުންނަތްތައް އަދާކުރުމަކީ އަޅުގަނޑުމެންގެ ނަސީބުކަމުގައި ދިވެހިން އަންނަނީ ދެކެމުންނެވެ. މާތްﷲގެ ކަލާމްފުޅުކަމުގައިވާ ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތައް ކިޔަވާ، އެ އާޔަތްތައް ހިތުގައި ރައްކާކުރުމަކީ އަބަދުވެސް ދިވެހިން ވަރަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދީގެން ކުރަމުން އައިކަމެކެވެ. އެކަމަކީ ދައުލަތުގެ ޚާއްސަ އިނާމު ލިބޭކަމެއްކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މާޒީގައި މިސްކިތްތަކުގައި ކުލާސްތައް ހަދައިގެންނާއި، އެދުރުގެ ތަކުގައި ކިޔަވައިދީގެންނާއި، އަމިއްލަ ޝައުގުވެރިކަމުގައި ގޭގައި ތިބެގެން ދިވެހިން އައީ ޤުރުއާން ހިތު ދަސްކުރަމުންނެވެ.

އިލްމު އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒްއަކީ އިސްލާމީ ތަރުބިއްޔަތާ ތައުލީމާ ކީރިތި ޤުރުއާނުގެ ޢިލްމު ދިވެހި މުޖުތަމައުގައި ފެތުރުމަށްޓަކާ ޤާއިމުކޮށްފައިވާ މައުހަދެކެވެ. މި އިންސްޓިޓިއުޓު ޤާއިމުކުރުމަށްފަހު ދިވެހި މުޖުތަމައުގައި މިދެންނެވި އިސްލާމީ ރޫޙު ފެތުރުމަށް އެންމެ ފުރަތަމަ ހަރަކާތަކަށް އިންތިޒާމުކުރެއްވި ކަމަކީ ކީރިތި ޤުރުއާން ހިތުދަސް ހާފިޒުން ތަމްރީނުކުރުމުގެ ޕްރޮގްރާމެކެވެ.

ޢިލްމު އިންސްޓިޓިއުޓްގެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވި ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވާ ގޮތުން މިއީ ޢިލްމު އިންސްޓިޓިއުޓުން ފެށި މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.

"އާންމު ގޮތެއްގައި އަޅުގަނޑުމެން ރަމަޟާންމަހު ބޭރުން މީހުން އެބަ ގެންނަން އިމާމުވެ ތަރާވީސް ކުރުމަށް އަވަށްޓެރި އެކި އެކި ޤައުމުތަކުން. އެ ޤައުމުތަކުން އަންނަ ބައެއް ފަރާތްތައް އަޅުގަނޑުމެންގެ ސަޤާފަތާ ކުޑަކޮށް ނުފަރިތަ. ކޮންމެ ޤައުމެއްގަވެސް އާންމު ގޮތެއްގައި އިމާމުވެ ނަމާދުކުރަން މިތިބެނީ އެ ޤައުމެއްގެ މީހުން. ސަތޭކަ ޕަސެންޓު މުސްލިމު ޤައުމެއް ދިވެހިރާއްޖެއަކީ މީ. ވީހާވެސް ގިނަ މީހުން، އަމުދުން ޒުވާނުން ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ ވަރަށް ބޭނުންތެރި މުހިންމުކަމެއް. ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރުވާނެ މި ފަސްއަހަރު ނިމޭއިރު. އެހެންވީމަ މި ފަސްއަހަރުގެ ތެރޭގައި 100 ހާފިޒުން އުފެއްދޭތޯ އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ." އިލްމު އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒް ހާފިޒުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ތަޢާރަފަކަށް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

އިލްމު އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒް ހިނގަމުން އަންނަނީ ޢިލްމީ އެތައް ސިކުނޑިއެއްގެ ވިސްނުމާ ފިކުރާއެކުއެވެ. އިސްލާމްދީނަށް ޚިދުމަތްކުރުމުގެ ލޯބި ހިތުގައި އާލާވެފައިވާ އެތައް ޚިދުމަތްތެރިންނެއްގެ އަގުހުރި ވަގުތުތަކާއެކުއެވެ. ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީވެސް އިލްމު އިންސްޓިޓުއުޓްގެ މުހިންމު ބައިވެރިއެކެވެ. އަދި ޙިފްޒު ކުރުމުގެ މަޝްރޫޢު ފަދަ ބޮޑެތި މަޝްރޫޢުތަކުގެ އިރުޝާދުދެއްވާ ބޭފުޅަކީ ޑރ.ޝަހީމްއެވެ.

ސަތޭކަ ހާފިޒުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ މުސްތަޤުބަލަށް ހިންގޭ ޕްރޮގްރާމެކެވެ. އިސްލާމްދީން ދެކެ ލޯބިވާ ޖީލެއް ބިނާކުރުމަށް ދިވެހި މައިންބަފައިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަށް މި ތަމްރީނު ޕްރޮގްރާމަކީ ވަރަށް މުހިއްމު އެއްޗެކެވެ.

ސަތޭކަ ހާފިޒުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްވެސް ޢިލްމު އިންސްޓިޓިއުޓުން އަމާޒުކޮށްފައިވަނީ އަދުގެ ކުޑަކުދިންނާ ޒުވާނުންނަށެވެ. އަންހެން ކުދިންނާ ފިރިހެން ކުދިންނަށް ވަކިވަކިން ކުރިއަށްގެންދަވާ މި ތަމްރީނު ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމެކެވެ. ފަރިތަކޮށް ރީތިކޮށް ކީރިތި ޤުރުއާން ކިޔަވަން އެނގޭ ކުއްޖެނަމަ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނެވެ.

މިއީ ވަރަށް ލުއި ގޮތަކަށް އިންތިޒާމު ކުރެވިފައިވާ ޕްރޮގްރާމެކެވެ. ހަފްތާގެ ހުރިހާ ދުވަހެއްގަޔާ ހަފްތާގެ ވަކި ދުވަސްތަކެއްގަޔާ، ހަފްތާ ބަންދުގަޔާ، އޮންލައިންކޮށްނާއި، ކުލާސްތަކަށް ހާޒިރުވެގެންވެސް ބައިވެރިވެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ފިލާވަޅުން ދަރިވަރުން ހާސިލުކުރާ މިންވަރު ބެލުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހޭތޯ އަންނަނީ މަސައްކަތްކުރަމުންނެވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތްކުރަމުން މިއަންނަނީ ސޮފްޓުވެއަރއެއް ހެދުމުގެ މަސައްކަތް. ސެމިސްޓަރ ނިމޭއިރުގައި އެކުއްޖާ ދަސްކުރި އަދަދު ސޮފްޓުވެއަރ ތެރެއިން ރިޕޯޓެއް ގޮތަށް ނެގޭގޮތަށް އެކުއްޖެއްގެ ބެލެނިވެރިޔާއަށް. މުދައްރިސުން އެއަށް އަޅަމުންދާނެ އެދުވަހެއްގެ އެކުއްޖެއްގެ ހިފްޒުގެ އަޕްޑޭޓްސް" މި މަޝްރޫޢު ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ޑރ.ޝަހީމް ތަފްސީލުކޮށްދެއްވިއެވެ.

ޢިލްމު އިންސްޓިޓިއުޓްގައި މިވަގުތުވެސް ތިންސަތޭކަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތަމްރީނު ހޯދަމުންނެވެ. ޢިލްމު އިންސްޓިޓިއުޓުގައި ތަމްރީނު ދެއްވަމުން ގެންދަވާ ހުރިހާ އުސްތާޛުންނަކީވެސް ޤުރުއާން ހިތުދަސް ހާފިޒުންނެވެ. އަދި އެ އިންސްޓިޓިއުޓްގެ އެންމެހާ ހާފިޒުންނަކީވެސް ދިވެހިރާއްޖެއިން ދަސްވެނިވެ މިއަދުވެސް އެކި މައިދާންތަކުގައި ދަރިވަރުންނަށް ތައުލީމު އުނގަންނަވައިދެއްވަމުން ގެންދަވާ އުސްތާޛުންނެވެ.

މިވަގުތު ހަމައެކަނި މާލޭގައި ކުލާސްތައް ކުރިއަށް ގެންދިޔަ ނަމަވެސް މުސްތަޤުބަލުގައި އަތޮޅު ތެރެއަށް އިލްމު އިންސްޓިއުޓްގެ ތަމްރީނު ޕްރޮގްރާމްތައް ފެއްޓުމަށް އެ އިންސްޓިޓިއުޓުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒަށް އެހީތެރިވެދިނުމަށާ ޤުރުއާނާ ބެހޭ މަރުކަޒުންވެސް ޢިލްމު އިންސްޓިޓިއުޓާއެކު ގުޅިގެން ކަންތައް ހިންގުމަށް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ޢިލްމު އިންސްޓިޓިއުޓްގެ ޢިލްމީ މަސައްކަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން މިހާރުވެސް މަސައްކަތް ކުރެވެމުން އެބަދެއެވެ.

ޢިލްމު އިންސްޓިޓިއުޓްގެ ފުރަތަމަ މަޝްރޫޢުކަމަށްވާ ހާފިޒުން ތަމްރީނުކުރުމުގެ މަޝްރޫޢު ކާމިޔާބުކުރުމަށް ޑރ.ޝަހީމްއާ ޑރ.ޝަހީމްގެ ޓީމުން ގެންދަނީ މިންނެތް މަސައްކަތްތަކެއް ކުރަމުންނެވެ.

"ޢިލްމު އިންސްޓިޓިއުޓުން މަސައްކަތް މިކުރަނީ މިތަނުން ޤުރުއާން ހިތުދަސްކުރާ ކުއްޖާއަށް އިޖާޒާ ސަނަދު ހޯދައިދިނުމަށް. އިޖާޒާ ސަނަދަކީ މިއީ ދައުލަތުން މިދޭ ހާފިޒުކަމުގެ ސަނަދުގެ އިތުރުން އެހެން ސަނަދެއް. އެއީ ކީރިތި ރަސޫލާ އަށް ހަމައަށް ހާފިޒުކަމުގެ ސިލްސިލާގެ ސަނަދު އެއީ. އޭގައި އޮންނާނީ މީނާ ޤުރުއާން ކިޔައިދީފައިވަނީ މިވެނި ބޭކަލަކަށޭ އެބޭކަލުން ހިތުން ކިޔައިދެއްވީ މިވެނި ބޭކަލަކަށޭ މިގޮތުން ގޮއްސަ އެބޭކަލަކު ކިޔައިދެއްވީ ޞަޙާބީއާ ހަމައަށް. ސަޙާބީ ކިޔައިދެއްވީ ރަސޫލާ އަށޭ. ރަސޫލާ ކިޔައިދެއްވީ ޖިބްރީލް ޢަލައިހިއްސަލާމްއަށޭ. ޖިބްރީލް ޢަލައިހިއްސަލާމް ﷲގެ ހަޟްރަތުންނޭ. މިގޮތަށް."ޑރ.ޝަހީމް ވިދާޅުވިއެވެ.

ކޮންމެއަކަސް ޢިލްމު އިންސްޓިޓިއުޓުން ފަށާފައިވާ މި މަޝްރޫޢު ހަޤީޤަތަކަށް ހެދުމަށް ޑރ ޝަހީމްއާ ޓީމުން ގެންދަވަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި މި މަޝްރޫޢުގެ ބައިވެރިން މަސައްކަތް ކުރަމުން ގެންދަނީ ހިތްވަރާއެކު ޤުރުއާން ހިތުން ދަސްކުރުމުގެ ފަޚުރާ ޝަރަފު ހޯދުމަށެވެ.