މުނިފޫހިފިލުވުން

ޕީއެސްއެމް ކަނެކްޓް: މިހަފްތާގެ އެންމެ ބަލާލަން ހިތްގައިމު ހޮވުންތައް


ޓީވީއެމުން އެކި ޒަމާންތަކުގައި ގެނެސްދީފައިވާ ޕްރޮގްރާމްތަކާއި ދިވެހި ފިލްމާއި، ޑްރާމާ ސިލްސިލާތައް ޕީ.އެސް.އެމް ކަނެކްޓުން ވަރަށް ފަސޭހައިން ބަލާލެވޭނެއެވެ. މިއީ މުނިފޫހިފިލުވުމުގެ ދާއިރާއިން ބަލާނަމަ، ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޑިޖިޓަލް އާކައިވްވެސްމެއެވެ.

އަޅުގަނޑުމެން މި އަންނަނީ ކޮންމެ ހަފްތާއަކުވެސް ޕީ.އެސް.އެމް ކަނެކްޓުން ބެލުންތެރިންގެ އެންމެ ބޮޑު ތަރުހީބެއް ލިބޭ އަދި ބަލާލަން އެންމެ ހިތްގައިމު ހޮވުންތައް ގެނެސްދެމުންނެވެ. މިހާ ހިސާބުން މި ޖެހިލަނީ ޕީ.އެސް.އެން ކަނެކްޓުގެ މި ހަފްތާގެ "ބެސްޓް 5 ޕިކްސް" ޗާޓަށެވެ.

"ގުދުރަތުގެ ނިޔާ"

"ގުދުތަރުގެ ނިޔާ" މިއީ 1996 ވަނަ އަހަރު ޓީ.ވީ.އެމުން ގެނެސްދިން އަސަރުގަދަ ދިވެހި ފިލްމެކެވެ.

އަޙްމަދު ޝަރުމީލުގެ ވާހަކައަކަށް ފަޒީން އަޙްމަދު އަދި ޙަސަން ހަލީމް ޑައިރެކްޓްކުރި މި ފިލްމަކީ ޓީވީއެމްގެ އުފެއްދުމެކެވެ. މި ފިލްމުގައި 90 ގެ އަހަރުތަކުގައި ދިވެހި ފިލްމް އިންޑަސްޓްރީން އެންމެ ފާހަގަވި ބައެއް ތަރިން ފެނިގެންދެއެވެ.

އެގޮތުން ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ފަޒީން އަޙްމަދު، އަޙްމަދު ޝަރުމީލު، އައިމިނަތު ދީދީ، ޒަޙްވާން ޒާއިދު، އައިޝަތު ދީދީ، ސިއްތިފުޅު، މުޙައްމަދު އާރިފް، އާމިރު އަދި ޝާކިރުބެ ހިމެނެއެވެ.

"24 ގަޑިއިރު"

"24 ގަޑިއިރު" މިއީ ކޯވިޑް-19އާއެކު މާލޭ ސަރަޙައްދު ފުރަބަންދުކޮށްފައި އޮތް ދުވަސްވަރު ޓެލެވިޜަން މޯލްޑިވްސްއިން ގެނެސްދިން ޚާއްސަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޝަޙްސިއްޔަތުތައް މެދުވެރިކޮށް އެމީހުން ފުރަބަންދުގެ ވަގުތުތައް ހޭދަކުރިގޮތާއި، މަސައްކަތްތައް ރާވާ ބައްޓަންކޮށް ކުރިއަށްގެންދިޔަގޮތުގެ މަޢުލޫމާތު ގެނެސްދީފައިވެއެވެ.

"ކޮންނިޗިވާ"

"ކޮންނިޗިވާ" މިއީ ތަފާތު ބަސްތަކަށް ލޯބިކުރާ، ވަކިން ޚާއްސަކޮށް ޖަޕާނު ބަސް ދަސްކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބަލާލަން ކަމުދާނެ ޕްރޮގްރާމެކެވެ.

2019 ވަނަ އަހަރު ޓީވީއެމުން ގެނެސްދޭން ފެށި މި ޕްރޮގްރާމުން ޖަޕާނު ބަސް ދަސްކޮށްދިނުމުގެ އިތުރުން ޖަޕާނާގުޅޭ ތަފާތު އެކި މަޢުލޫމާތުތައް ގެނެސްދެއެވެ. ޖަޕާނު ބަސް ފަސޭހައިން ދަސްކޮށްލަން ބޭނުންނަމަ، އަވަހަށް ޕީ.އެސް.އެމް ކަނެކްޓުން "ކޮންނިޗިވާ" އެކި އެޕިސޯޑްތައް ބަލާލާށެވެ.

"މާދަމާ އަތުވެއްޖެނަމަ"

މި ލިސްޓުގައި ދެންވެސް މި ހިމަނާލަނީ 90 ގެ އަހަރުތަކުގައި ޓީވީއެމުން ގެނެސްދިން އުފެއްދުމެކެވެ.

މުޙައްމަދު މައުމޫނުގެ ހިތްގައިމު ވާހަކައަކަށް އާދަމް ނަޞީރު ޑައިރެކްޓްކޮށް 1996 ގައި ގެނެސްދިން މި ޑްރާމާ ސިލްސިލާގައި ގިނަ ތަރިންތަކެއް ވަނީ ފެނިގެންގޮސްފައެވެ.

މި ޑްރާމާގައި ލޯތްބަށްޓަކާ މީހަކު ކޮންމެފަދަ ކަމެއްވެސް ކުރަން ޖެހިލުންނުވެދާނެކަން ދައްކުވައިދެއެވެ. މި ޑްރާމާއިން ފެނިގެންދާ ބައެއް ތަރިންގެ ތެރޭގައި އިސްމާޢީލް އަފީފް (ޖަމްބެ)، ޝަޒްނާ ޢަބްދުއްޞަމަދު، ޝިޔާމާ ރަޝާދު، މުޙައްމަދު ފަޔާޒް (ޖޭބީ)، ތުއްތު މަނިކެ، ފާތުމަތު މެހެރީން، އަދި ސައްޔިދު ޤާސިމް ހިމެނެއެވެ.

"ހިތް ރޮއްވާނުލާ"

ޕީ.އެސް.އެމް ކަނެކްޓުގެ މި ހަފްތާގެ ޗާޓުގައިވެސް ދިވެހި ފިލްމް "ހިތް ރޮއްވާނުލާ" މި ފިލްމު ހިމެނެއެވެ.

"ހިތް ރޮއްވާނުލާ" އަކީ 2009 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމެކެވެ. ދެކެދެކެވެސް ޕްރޮޑަކްޝަންގެ އުފެއްދުމެއްކަމަށްވާ މި ފިލްމަކީ ތިނެސްކަން ލޯބީގެ ވާހަކައަކަށް ތައްޔާރުކޮށްފައިވާ އަސަރުގަދަ ފިލްމެކެވެ.

މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ތަރިންގެ ތެރޭގައި ޔޫސުފް ޝަފީޢު، ނިއުމާ މުޙައްމަދު އަދި ޢަބްދުﷲ މުޢާޒު ހިމެނެއެވެ. ޔޫއްޕެ ޑައިރެކްޓްކުރި މި ފިލްމަށް ބެލުންތެރިންގެ ހޫނު ތަރުޚީބެއް ލިބުނުއިރު، މި ފިލްމުގައި ހިމެނޭ ލަވަތަކަކީވެސް ގިނަ ބަޔަކަށް ކަމުދިޔަ ލަވަތަކެކެވެ.