އަތޮޅުތައް

ދެ މަޝްރޫޢެއްގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފި


ގއ. ވިލިނގިލީގައި އައު ބަނދަރެއް ހެދުމުގެ މަޝްރޫޢާއި، ތ. މަޑިފުށީގައި ހިއްކާފައިވާ ސަރަހައްދުގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފިއެވެ. މި ދެ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށް، ސޮއި ކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ތ. މަޑިފުށީ ބިން ހިއްކުމުގެ މަސައްކަތް ނިމުނުހައި އަވަހަކަށް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ފެއްޓުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. 25 މިލިއަން ރުފިޔާ ޙަރަދުކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތް އެއްކޮށް ނިމުމުން، މަޑިފުއްޓަށް ތަރައްޤީގެ ގޮތުން ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ޑރ. މުޢިއްޒު ވިދާޅުވީ، ގއ. ވިލިނގިލީގައި އިތުރު ބަނދަރެއް ހެދުމުގެ މަސައްކަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން ފުރަތަމަ ކުރިއަށްދާނީ ބޭރު ތޮށި ހެދުމާއި، ބޮޑު ހިލަޖެހުމުގެ މަސައްކަތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް 25 މިލިއަން ރުފިޔާ ޙަރަދުވާނެކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މި ދެ މަޝްރޫޢުވެސް އެމް.ޓީ.ސީ.ސީއާއި ހަވާލުކުރައްވާފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަކަށެވެ.