ރިޕޯޓް

ހާބަރު ސަރަހައްދު ތަރައްޤީކުރުމަށް އެސް.ޓީ.އޯއާއި ހަވާލުކޮށްފި


މާލޭގެ ދެކުނު ހާބަރު ސަރަޙައްދުގައި ހުރި ކެފޭ، ރެސްޓޯރެންޓް އަދި ހޮޓާ ފަދަތަންތަން ނެގުމަށްފަހު، އެތަނުގައި ފުޑް ހަޓްތަކެއް ޤާއިމުކޮށް، ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސް.ޓީ.އޯއާއި މިއަދު ހަވާލުކުރައްވައިފިއެވެ.އެސް.ޓީ.އޯއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، ހާބަރު ސަރަޙައްދު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށްޓަކައި، އެ ސަރަޙައްދަށް ބޮޑެތި ބަދަލުތަކެއް ގެނެއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހާބަރު ސަރަހައްދުގައި ހަދާފައިވާ ޕާކާއި ގުޅޭގޮތަށް، އެ ސަރަހައްދަށް ވަދެ ނިކުތުމަށް އިތުރު ވޯކްވޭތަކެއް ހެދިގެންދާނެއެވެ. އަދި މިހާރު ހުރި ހޮޓާތަކާއި ކަޑަތައް ނަގައި، އެތަނުގައި ފުޑްކޯޓުތަކެއް ހެދުމަށްޥެސް ވަނީ ހަމަޖެހިފައެވެ. މި ފުޑްކޯޓުތަކަކީ މިހާރު ބޭނުންކުރަމުންދާ ހޮޓާތަކާއި، ކެފޭތަކަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް، އަދި ކަސްޓަމަރުންނަށްވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ފަދަ ގޮތަކަށް ޑިޒައިން ކޮށްފައިވާ ފުޓްހަޓްތަކެއް ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހާބަރު ސަރަޙައްދު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން، އެ ސަރަޙައްދުގައި ދޫކޮށްފައިހުރި، ހޮޓާތަކާއި ކެފޭތައް ހުސްކުރުމަށް ވިޔަފާރިވެރިންނަށް އެކަށީގެންވާ މުއްދަތެއް މިނިސްޓްރީގެ ފަރާތުން ދެއްވާނެކަމަށެވެ. އަދި އެ ސަރަޙައްދު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންކަމުން، ވިޔަފާރިވެރިންނަށް ހާބަރު ސަރަޙައްދުން ދޫކުރާ ފުޑްކޯޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރު ވިދާޅުވީ، މި މަޝްރޫޢު ކުރިއަށް އޮތް 6 މަސްދުވަސް ތެރޭ އެއްކޮށް ނިންމާލެވޭނެކަމަށާއި، ފުޑްކޯޓުތައް ކުއްޔަށް ދޫކުރުމުގެ އުސޫލްވެސް ވަރަށް އަވަހަށް އެކުންފުނިން އާންމު ކުރައްވާނެކަމަށެވެ. ޝަހީރު ވިދާޅުވީ، ހާބަރު ސަރަޙައްދު ތަރައްޤީކުރެވިގެންދާއިރު، އެ ސަރަހައްދުގައި ފާޚަނާ ބަރިތަކަކާއި، މެކޭނިކަލް ޕާކިންގް ސިސްޓަމެއްވެސް ޤާއިމުކުރެވިގެންދާނެކަމަށެވެ.މި މަޝްރޫޢުގެ ދަށުން މާލޭ ދެކުނު ފަރާތު ހާބަރު ސަރަޙައްދުގައި ގާތްގަނޑަކަށް ހަތާވީސް ފުޑް ހަޓްތަކެއް ހެދުމަށް ހަމަޖެހިފައިވެއެވެ. މިތަންތަން އިމާރާތްކުރުމުގެ އިތުރަށް އެ ސަރަހައްދު މެނޭޖްކުރުމާއި، މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ކުރައްވާނީ އެސް.ޓީ.އޯއިން ކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.