ޚަބަރު

ހުއްދަނެތި ފްލެޓްތަކަށް ބަދަލުގެންނަނަމަ ފިޔަވަޅު އަޅާނަން : އެޗް.ޑީ.ސީ


ވެށިފަހިމާލެ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ފްލެޓްތަކަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، (އެޗް.ޑީ.ސީ)ގެ ހުއްދަނެތި ބަދަލުގެންނަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއްޖެއެވެ.

އެޗް.ޑީ.ސީން ވިދާޅުވީ، ވެށިފަހިމާލެ ޕްރޮގްރާމުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ފްލެޓްތަކަށް އެ ކޯރޕަރޭޝަންގެ ހުއްދައާ ނުލައި ބަދަލު ގެންނަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ.

އެގޮތުން ބެލްކަންޏަށް ބަދަލުގެނެސް، ބެލްކަނީ އިތުރަށް ފުޅާކުރުމާއި، ބިންމަތީ ފްލެޓުން އިމާރާތުގެ ކުރިމައްޗަށް ދޮރެއް ހަދައި، އިމާރާތުގެ ކުރިމަތިން ފްލެޓަށް ވަދެވޭނެގޮތް ހަދާކަން ފާހަގަކުރެވިފައިވާކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. އަދި ފްލެޓުގެ އެތެރޭ ފަރާށް ބަދަލުގެނެސް، އެއްކޮޓަރިއާއި އަނެއް ކޮޓަރި ގުޅުވާލުމާއި، ސިޓިންގ ރޫމުން ކޮމަން ފާޚާނާއަށް ވަދެވޭގޮތަށް ދޮރު ހަރުކުރުމާއި، ފްލެޓުގެ އެތެރޭގައި ޑެގުއަޅައިގެން ނުވަތަ ޕާޓިޝަން ޖަހައިގެން އިތުރު ކޮޓަރި ހެދުންފަދަ ކަންކަންވެސް ބައެއް ފަރާތްތަކުން ކުރަމުންދާކަން އެ ކޯރޕަރޭޝަނުން ފާހަގަކުރައްވާފައިވެއެވެ.

ހަމައެހެންމެ ދެވަނަ ފަންގިފިލާއިން މަތީ ފަންގިފިލާތަކުގައި ސީލިންގ ހެދުމާއި، އެކަމުގެ ސަބަބުން އެ ފަންގިފިލާގެ ޝީޓުގައި ރެނދުއެޅުންފަދަ ކަމެއްވެއްޖެނަމަ ސީލިންގގެ ސަބަބުން އެފަދަ ކަންކަން ދެނެގަތުމަށް ހުރަސްއެޅޭކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

އެޗް.ޑީ.ސީން ވިދާޅުވީ ވެށިފަހިމާލެ ޕްރޮގްރާމުގެ ދަށުން ތަރައްޤީކޮށްފައިވާ އިމާރާތްތައް ފަރުމާކޮށްފައިވަނީ އިމާރާތުގެ ބަރުމިން ވަކި މިންގަނޑަކަށް ފެތޭގޮތަށް ހެދިފައިވާ ލޯޑް ކަލްކިއުލޭޝަނަށް ބިނާކޮށްކަމަށްކަމަށެވެ. އަދި އިމާރާތަށް މިފަދަ ބަދަލުތައް ގެނައުމަކީ އިމާރާތުގެ ސްޓްރަކްޗަރއަށް ގެއްލުންލިބި، އިމާރާތުގެ އުމުރު ކުރުވެދާނެ ކަމެއްކަމަށްވެސް އެކޯރޕަރޭޝަނުން ވިދާޅުވެއެވެ.

މި އިމާރާތްތައް ފަރުމާކޮށްފައިވަނީ އިމާރާތުގައާއި، ފްލެޓްތަކުގެ ވައި ދައުރުވުމާއި ވަދެނިކުތުމާއި ފްލެޓުގައި ދިރިއުޅެވޭނެ މީހުންގެ އަދަދާއި، އެފަރާތްތަކަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތަކާއި ވަޞީލަތްތަކާބެހޭގޮތުން ސަރުކާރުން ހަދާފައިވާ މިންގަނޑުތަކާއި ޤަވާއިދުތަކާ އެއްގޮތަށްކަމަށާއި، އެހެންކަމުން މިފަދަ ބަދަލުތައް ގެނައުމަކީ ކަމާބެހޭ ޤަވާއިދުތަކާ ޚިލާފުކަމެއްކަމަށްވެސް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

ބައެއް ފްލެޓުގެ އެތެރެއަށް ގެނެވޭ މިފަދަ ބަދަލުތަކުގެ ސަބަބުން ދިމާވާ މައްސަލަތަކުގެ ސަބަބުން އަވަށްޓެރި ފްލެޓްތަކަށްވެސް އެކަމުގެ އަސަރުކޮށް، ގެއްލުން ލިބެމުންދާކަން އެޗް.ޑީ.ސީން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެޗް.ޑީ.ސީގެ ހުއްދައާއި ނުލާ މިފަދަ ބަދަލުތައް ގެނައުމަކީ ފްލެޓް ލިބިފައިވާ ފަރާތްތަކުން އެ ކޯރޕަރޭޝަނާއެކު ވެފައިވާ އެއްބަސްވުމާއި ޚިލާފުކަމެއްކަމަށްވެސް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

އެޗް.ޑީ.ސީން ވަނީ މިފަދަ ބަދަލުތައް ފްލެޓްތަކަށް ގެނެސްފައިވާ ފަރާތްތަކުން އެ ކޯރޕަރޭޝަންގެ ފެސިލިޓީސް މެނޭޖްމަންޓުގެ އިރުޝާދުގެ މަތިން އެ ބަދަލުތައް ރަނގަޅުކުރުމަށް އަންގަވާފައެވެ. އަދި އެއްބަސްވުމާއި ޚިލާފަށް މިފަދަ ބަދަލުތައް ގެންނަ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެކަމަށްވެސް އެޗް.ޑީ.ސީން ވިދާޅުވެއެވެ.