މުނިފޫހިފިލުވުން

އެންމެ މޮޅު ރޭޑިއޯ ޕްރެޒެންޓަރު ހޮވުމަށް އެސްއެމްއެސް ކުރަން ހުޅުވާލައިފި


ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން 2022" ޓައިޓަލަށް ވާދަކުރާ 3 ބައިވެރިންގެ ތެރެއިން އެހުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރި 4 ބައިވެރިންގެ ތެރެއިން ފައިނަލުން ޖާގަ ކަށަވަރުކުރި 3 ބައިވެރިންނަކީ މުޙައްމަދު ނަވީން، އައިމިނަތު ބަލްސަމް އަދި މައިޝާ މުޙައްމަދުއެވެ. ފައިނަލުން ފުރުޞަތު ނުލިބި، މުބާރާތާ ވަކިވާން ޖެހުނު ބައިވެރިއަކީ މުޙައްމަދު ފަޒީނެވެ.

މުބާރާތުގެ ފައިނަލުގައި ވާދަކުރާ 3 ބައިވެރިންގެ ހުށަހެޅުންތައް މިއަދު މެންދުރު 2 ޖެހިއިރު ދިވެހިރާއްޖޭގެ އަޑުން ވަނީ އޮން-އެއަރ ކޮށްފައެވެ. އަދި މިރޭ 11 ޖަހާއިރު ރިޕީޓް ގެނެސްދޭނެއެވެ. މިފަހަރުގެ ސީޒަންގެ ފައިނަލުގައި ވާދަކުރާ 3 ބައިވެރިންގެ ތެރެއިން ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކަނޑައެޅުމަށް އެހުންތެރިންނަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު މިއަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލާފައެވެ.

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރގެ ޓައިޓަލް ކާމިޔާބުކުރާނެ ބައިވެރިއަކު ކަނޑައެޅުމަށް އެސް.އެމް.އެސް ކުރާނީ BRP ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ، ފައިނަލުގައި ވާދަކުރާ 3 ބައިވެރިންގެ ތެރެއިން އެބޭފުޅަކަށް އެންމެ ކަމުދާ ބައިވެރިއެއްގެ ނަން ޖެހުމަށްފަހު 300 އަކަށެވެ. އެސް.އެމް.އެސް ކުރުމުގެ ސުންގަޑިއަކީ އަންނަ ބުރާސްފަތިދުވަހުގެ ރޭ 00:00 ގެ ނިޔަލަށެވެ.

މި މުބާރާތަކީ ރޭޑިއޯ ޕްރޮގްރާމް ހުށަހެޅުމުގެ ދާއިރާގައި މަސައްކަތް ކުރާހިތްވާ ޒުވާނުންނަށް އެފުރުޞަތު ފަހިކޮށްދީ، އެފަދަ ޒުވާނުންގެ ހުނަރު ތަރައްޤީކޮށްދިނުމުގެ މަޤްޞަދުގައި، ވާދަވެރި މުބާރާތެއްގެ ގޮތުގައި ކުރިއަށްގެންދާ ރިއަލިޓީ ޝޯވއެކެވެ. މިއީ މި މުބާރާތުގެ 4 ވަނަ ސީޒަނެވެ.

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަންގެ ޓައިޓްލް ކާމިޔާބުކުރާ ބައިވެރިއަކަށް ޖުމްލަ ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމާއި މުބާރާތުގެ ޓްރޮފީ ލިބޭނެއެވެ. އަދި ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހު ޕީ.އެސް.އެމްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބޭނެއެވެ. މުބާރާތުގެ ދެވަނައަށް ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވެއެވެ. އަދި ތިންވަނަ ހޯދާ ބައިވެރިއަކަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ.

މި މުބާރާތުގެ ނަތީޖާ ނެރެނީ ފަނޑިޔާރުން ދޭ މާކްސްގެ އިތުރުން އެހުންތެރިންގެ ވޯޓުވެސް ހިމެނޭ ގޮތަށެވެ. އެގޮތުން ފަނޑިޔާރުންގެ މާކުހަށް %65 އަދި އެހުންތެރިންގެ އެސް.އެމް.އެސްއަށް %35 ވަނީ ކަނޑައަޅާފައެވެ. މިފަހަރުގެ މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވަނީ ރޭޑިއޯ ޕްރޮގްރާމް ޕްރެޒެންޓް ކުރުމާއި، ޕްރޮގްރާމް އުފެއްދުމުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންކަމުގައިވާ މޫމިނާ އިބްރާހީމް، ނަޞްރުﷲ އިދުރީސް އަދި ހަސަން ހަލީމެވެ.

ރިއަލިޓީ ޝޯވއެއްގެ ސިފައިގައި ކުރިއަށްގެންދާ މި މުބާރާތް ބައްޓަންކޮށްފައިވަނީ ކޮންމެ ހަފްތާއަކުވެސް މުބާރާތުގެ ބައިވެރިންނަށް ތަފާތު ފޯމެޓެއްގެ ހުށައެޅުމެއް ހުށައަޅަންޖެހޭ ގޮތަށެވެ. އެގޮތުން ރިޕޯޓް ހުށައެޅުމާއި، ޚަބަރު ކިޔުން، ވާހަކަ ކިއުން، އިންޓަރވިއުކުރުން، ރޭޑިއޯ ޑްރާމާ، އަދި ރޭޑިއޯއަށް މަންޒަރު ސިފަކުރުމުގެ އިތުރުން ފޯން ލައިވް ޕްރޮގްރާމް ބައިވެރިން ހުށައަޅަންޖެހެއެވެ.

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން 2022ގެ އޮޑިޝަން ބާއްވާފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 22 ވަނަ ދުވަހުއެވެ. އަދި އޮޑިޝަނުން ހޮވުނު ގަދަ 10 ބައިވެރިންނާއެކު މުބާރާތުގެ ޝޯވތައް ފަށާފައިވަނީ ޖެނުއަރީމަހުގެ 7 ގައެވެ. މީގެ ކުރިން ބޭއްވި މި މުބާރާތުގެ 3 ސީޒަނަށްވެސް ބޮޑު ތަރުޙީބެއް ވަނީ ލިބިގެންގޮސްފައެވެ.