މުނިފޫހިފިލުވުން

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ފައިނަލަށް ނަވީން، ބަލްސަމް އަދި މައިޝާ


ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން ކުރިއަށް ގެންދާ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން 2022" ގެ ފައިނަލަށް ދަތުރުކުރި 3 ބައިވެރިން އިޢުލާންކޮށްފިއެވެ.

މިފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރި 4 ބައިވެރިންގެ ތެރެއިން ފައިނަލުން ޖާގަ ކަށަވަރުވި 3 ބައިވެރިންނަކީ މުޙައްމަދު ނަވީން، އައިމިނަތު ބަލްސަމް އަދި މައިޝާ މުޙައްމަދުއެވެ. ފައިނަލުން ފުރުޞަތު ނުލިބި، މުބާރާތާ ވަކިވާން ޖެހުނު ބައިވެރިއަކީ މުޙައްމަދު ފަޒީނެވެ.

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަންގެ ސެމީ ފައިނަލް ކުރިއަށްގެންގޮސްފައިވަނީ ފޯނުން ލައިވް ޝޯވ ހުށަހެޅުމެވެ. މި މަސައްކަތުން ޕްރެޒެންޓަރ އޮފް ދި ވީކް ހޯދާފައިވަނީ މައިޝާއެވެ. މިއީ މައިޝާ މި މަޤާމު ހޯދި ދެވަނަ ފަހަރެވެ. މި ހަފްތާގެ އެލިމިނޭޝަން ޝޯވ ޚާއްޞަކޮށްފައިވަނީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހަށެވެ.

މުބާރާތުގެ ފައިނަލުގައި ވާދަކުރާ 3 ބައިވެރިންގެ ހުށަހެޅުންތައް މާދަމާ މެންދުރު 2 ޖަހާއިރު ދިވެހިރާއްޖޭގެ އަޑުން އޮން-އެއަރ ކުރާނެއެވެ. އަދި ރޭގަނޑު 11 ޖަހާއިރު ރިޕީޓް ގެނެސްދޭނެއެވެ. މިފަހަރުގެ ސީޒަންގެ ފައިނަލުގައި ވާދަކުރާ 3 ބައިވެރިންގެ ތެރެއިން ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކަނޑައެޅުމަށް އެހުންތެރިންނަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު މާދަމާ މެންދުރުފަހު 3 އިން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ރޭ 12 ޖެހުމާހަމައަށް އޮންނާނެއެވެ.

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަނަކީ ރޭޑިއޯ ޕްރޮގްރާމް ހުށަހެޅުމުގެ ދާއިރާގައި މަސައްކަތް ކުރާހިތްވާ ޒުވާނުންނަށް އެފުރުޞަތު ފަހިކޮށްދީ، އެފަދަ ޒުވާނުންގެ ހުނަރު ތަރައްޤީ ކޮށްދިނުމުގެ މަޤްޞަދުގައި، ވާދަވެރި މުބާރާތެއްގެ ގޮތުގައި ކުރިއަށްގެންދާ ރިއަލިޓީ ޝޯވއެކެވެ. މިއީ މި މުބާރާތުގެ 4 ވަނަ ސީޒަނެވެ.

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަންގެ ޓައިޓްލް ކާމިޔާބުކުރާ ބައިވެރިއަކަށް ޖުމްލަ ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމާއި މުބާރާތުގެ ޓްރޮފީ ލިބޭނެއެވެ. އަދި ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހު ޕީ.އެސް.އެމްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބޭނެއެވެ.

މުބާރާތުގެ ދެވަނައަށް ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވެއެވެ. އަދި ތިންވަނަ ހޯދާ ބައިވެރިއަކަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ.

މި މުބާރާތުގެ ނަތީޖާ ނެރެނީ ފަނޑިޔާރުން ދޭ މާކްސްގެ އިތުރުން އެހުންތެރިންގެ ވޯޓުވެސް ހިމެނޭ ގޮތަށެވެ. އެގޮތުން ފަނޑިޔާރުންގެ މާކުހަށް %65 އަދި އެހުންތެރިންގެ އެސް.އެމް.އެސްއަށް %35 ވަނީ ކަނޑައަޅާފައެވެ.

މިފަހަރުގެ މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވަނީ ރޭޑިއޯ ޕްރޮގްރާމް ޕްރެޒެންޓް ކުރުމާއި، ޕްރޮގްރާމް އުފެއްދުމުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންކަމުގައިވާ މޫމިނާ އިބްރާހީމް، ނަޞްރުﷲ އިދުރީސް އަދި ހަސަން ހަލީމެވެ.

ރިއަލިޓީ ޝޯވއެއްގެ ސިފައިގައި ކުރިއަށްގެންދާ މި މުބާރާތް ބައްޓަންކޮށްފައިވަނީ ކޮންމެ ހަފްތާއަކުވެސް މުބާރާތުގެ ބައިވެރިންނަށް ތަފާތު ފޯމެޓެއްގެ ހުށައެޅުމެއް ހުށައަޅަންޖެހޭ ގޮތަށެވެ. އެގޮތުން ރިޕޯޓް ހުށައެޅުމާއި، ޚަބަރު ކިޔުން، ވާހަކަ ކިއުން، އިންޓަރވިއުކުރުން، ރޭޑިއޯ ޑްރާމާ، އަދި ރޭޑިއޯއަށް މަންޒަރު ސިފަކުރުމުގެ އިތުރުން ފޯން ލައިވް ޕްރޮގްރާމް ބައިވެރިން ހުށައަޅަންޖެހެއެވެ.

މީގެ ކުރިން ބޭއްވި މި މުބާރާތުގެ 3 ސީޒަނަށްވެސް ބޮޑު ތަރުޙީބެއް ވަނީ ލިބިގެންގޮސްފައެވެ.

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން 2022ގެ އޮޑިޝަން ބާއްވާފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 22 ވަނަ ދުވަހުއެވެ. އަދި އޮޑިޝަނުން ހޮވުނު ގަދަ 10 ބައިވެރިންނާއެކު މުބާރާތުގެ ޝޯވތައް ފަށާފައިވަނީ ޖެނުއަރީމަހުގެ 7 ގައެވެ.