ޚަބަރު

ފެނަކައިގެ އަމާޒަކީ ކަރަންޓުގެ %20 މިއަހަރު ސޯލާއަށް ބަދަލުކުރުން!


މުޅި ރާއްޖޭގައި އުފައްދާ ކަރަންޓުގެ %20، މިއަހަރުގެ ބާކީ އޮތް 10 މަސްދުވަހުގެ ތެރޭގައި އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރާނެކަމަށް، ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. މި އަމާޒަށް ވާސިލްވުމަށް ފެނަކައިން ދަނީ މުޅި ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ބިޔަ މަޝްރޫޢުއެއް ކުރިއަށް ގެންދަމުންނެވެ.

ރާއްޖެއަކީ ތިމާވެއްޓާ ރަށްޓެހި ޤައުމެއްގެ ގޮތުގައި ހަދާ، ރާއްޖެއަކީ ތިމާވެއްޓަށް ވީހާވެސް ގެއްލުން ކުޑަ ގޮތްތައް ކަންކަން އިންތިޒާމުކޮށްފައިވާ ޤައުމަކަށް ހެދުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއްދަނީ ކުރަމުންނެވެ. މީގެތެރެއިން މިހާތަނަށް ފަށާފައިވާ އެންމެ ބޮޑު މަސައްކަތަކީ، ޖައްވަށް ބޭރުކުރާ ވިހަ ގޭސް ޒީރޯ އެމިޝަން ޤައުމަކަށް ރާއްޖެ ހެދުމުގެ މަސައްކަތެވެ. ނުވަތަ މިފަދަ ވިިހަ ގޭސްތައް ޖައްވަށް ބޭރުކުރުން މުޅިން ހުއްޓާލާ ޤައުމަކަށް ހެދުމުގެ މަސައްކަތެވެ.

މިއަމާޒަށް ވާސިލްވުމަށް ސަރުކާރުން ފަށާފައިވާ އެންމެބޮޑު މަސައްކަތަކީ އިއާދަކުރަނިވި ހަކަތަ އުފެއްދުމެވެ. އެގޮތުން އަތޮޅުތަކުގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، ޕީކް ގަޑީގައި ބޭނުންކުރާ ކަރަންޓުގެ %70އަށް އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު ފަށައި އޭގެ ފައިދާ މިހާރުވެސް ބައެއް ރަށްތަކަށް ދަނީ ލިބެމުންނެވެ.

ރާއްޖެ އެތެރެކުރާ ތެލުގެ %60 ބޭނުންކުރަނީ ހަކަތަ އުފެއްދުމަށެވެ. ރާއްޖެއަކީ ހަކަތަ ފޯރުކޮށްދިނުމަށް ތެޔޮ ގަތުމަށް ވަރަށް ބޮޑު ހޭދައެއް ކުރާ ޤައުމެކެވެ.

މުޅި ރާއްޖޭގައި އުފައްދާ ކަރަންޓް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވީ އެކުންފުނީގެ އަމާޒަކީ 2023ވަނަ އަހަރުގެ ނިޔަލަށް މުޅި ރާއްޖޭގައި އުފައްދާ ކަރަންޓްގެ %70އަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުންކަމަށެވެ. ސައީދު ވިދާޅުވީ ފެނަކައިން ކުރިއަށްގެންދާ އިއާދަކުރަނިވި ހަކަތައިގެ އެންމެ މުހިންމު އެއް މަޝްރޫޢުއަކީ "ހޯމް ސޯލާ" ނުވަތަ އަމިއްލަ ގޭގޭގައި އަވިން ހަކަތަ އުފައްދާ ނިޒާމުގެ މަޝްރޫޢުކަމަށެވެ. މިދިޔަ މަހުގެ 15ގައި ފެށި މި މަޝްރޫޢުއާއެކު 2023ގެ ނިޔަލަށް އަމާޒުކޮށްފައިވާ ލަނޑުދަނޑި ހާސިލްކުރެވޭނެކަމަށް ސަޢީދު ވިދާޅުވިއެވެ.

ހޯމް ސޯލާ ނިޒާމަކީ ދިރިއުޅޭ ގޭގެ ފުރާޅުގައި ހަރުކުރާ ފެހި ހަކަތަ އުފައްދާ ނިޒާމެކެވެ. ހޯމް ސޯލާ ނިޒާމެއް 20-25 އަހަރަށް ދެމެދުގެ މުއްދަތަކަށް ބޭނުންކުރެވޭނެއެވެ.

ސަޢީދު ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޅ.އޮޅުވެލިފުށްޓާއި ލ.މުންޑޫގައި ބޭނުންކުރާ ކަރަންޓުގެ 100 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކޮށް ބޭނުންކުރަން ފެށޭވަރުވާނެކަމަށެވެ.

"އަބަދުވެސް ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަކީ ދިވެހިރާއްޖެއިން ތެލަށްކުރާ ހޭދަ ކުޑަކޮށް ސީއޯޓޫ މަދުކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތައަށް ދިވެހިރާއްޖެ ބަދަލުކުރުން. ފެނަކައިގެ ތެރެއިން އެކަން ކުރުމަށްޓަކައި ވަރަށް ގިނަ މަޝްރޫޢުތައް ރާވާ އެކުލަވާލާލެވި އަދި އަމަލީ މަސައްކަތް ބައެއް ރަށްރަށުގައި ހިނގަމުން އެބަދޭ." ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ މިއަހަރަށްވެސް އެކުންފުނިން ލަނޑުދަނޑިތަކެއް ހާސިލްކުރުމަށް އަމާޒު ހިފާފައިވާކަމަށެވެ. އެގޮތުން މުޅި ރާއްޖޭގައި އުފައްދާ ކަރަންޓްގެ 20 މެގަވޯޓަކީ ސޯލާ ނުވަތަ އިއާދަކުރަނިވިހަކަތައަށް މިއަހަރުގެ ތެރޭގައި ބަދަލުކޮށް ބޭނުންކުރަން ފެށޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަހަރުވެސް އަދި އަންނަ އަހަރުވެސް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢު ހިންގާނެކަމަށް. އޭގެ މަންފާ ރައްޔިތުންނާއި ފެނަކައަށް ކުރާނެކަމަށް. ފެނަކައިގެ އަމާޒަކީ ބާކީ މިއޮތް 10 ވަރަކަށް މަސް ދުވަހުގެ ތެރޭގައި 20 މެގަވޯޓްގެ ސޯލާ ދިވެހިރާއްޖޭގެ އެކި ސަރަހައްދުގައި ޤާއިމްކުރުން" ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވިއެވެ.

ރާއްޖެއަކީ އަބަދުވެސް އިރުގެ އަލި ލިބޭ ޤައުމަކަށް ވުމާއިއެކު، މި ނިޒާމު ވެގެންދާނީ ރާއްޖެއަށް ވަރަށް އެކަށޭނަ ދެމެހެއްޓެނިވި ނިޒާމަކަށެވެ. ފެނަކައިން ވިދާޅުވީ އެ ކުންފުނީގެ ހޯމް ސޯލާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު އަބަދުވެސް އޮންނާނެކަމަށެވެ.

2007ވަނަ އަހަރު ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ރާއްޖޭގައި ފެށިފަހުން މިހަތަނަށް 36.5 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތަ ރާއްޖޭގައިވަނީ ޤާއިމުކޮށްފައެވެ. މީގެތެރެއިން 20 މެގަވޮޓްއަކީ ވޭތުވެދިޔަ 3 އަހަރު ތެރޭގައި ޤާއިމުކޮށްފައިވާ ސޯލާ ޙަކަތައެވެ. މީގެ އިތުރުން މިވަގުތުވެސް 26 ރަށެއްގައި 11 މެގަވޮޓްގެ ސޯލާ ހަކަތަ އުފެއްދުމުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި 32.8 މެގަވޮޓްގެ ނިޒާމު ޤާއިމުކުރުމަށް ބީލަން މަރުޙަލާގައި ހުރިއިރު 9 ރަށެއްގައި މިމަސައްކަތް ޕްރީޓެންޑަރިން މަރުޙަލާގައި އެބައޮތެވެ.