ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމަނަން ހުށައަޅާފައިވާ ރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނޭ ރަށްތަކުގެ ރައްޔިތުން، އެ ބިނާތަކުގެ މުހިންމުކަމާމެދު ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ޔުނެސްކޯ ތަރިކައިގެ ލިސްޓުގައި އެ މިސްކިތްތައް ހިމެނުމަށް ރާއްޖެއިން ހުށައަޅާފައިވަނީ، މިއަހަރުގެ ޖެނުއަރީ މަހުއެވެ.
ވޯލްޑް ހެރިޓޭޖު ލިސްޓަކީ، ދުނިޔޭގެ ފެންވަރުގައި އާސާރީ ބިނާތަކާއި ތަރިކަ ހިމާޔަތްކޮށް، އެތަންތަނަށް ދޭންވާ ޙައްގު ދަރަޖަ ކަނޑައަޅާ ލިސްޓެކެވެ. މި ލިސްޓުގައި ދުނިޔޭގެ 1200އަށްވުރެ ގިނަ ސައިޓު މިހާރުވެސް ހިމެނެއެވެ.
ރާއްޖޭގެ އާސަރުތައް ޙިމާޔަތްކޮށް ތާރީޚު ދިރުވާ އާލާކުރުމަށް އެ ދާއިރާއިން މިވަގުތު ކުރާ އެންމެ މުހިންމު އެއް މަސައްކަތަކީ، ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނުމަށް ކުރަމުންދާ މަސައްކަތެވެ.
އެންމެ ފުރަތަމަ 2008ވަނަ އަހަރު، މާލޭގެ ހުކުރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމަނާފައިވެއެވެ. އަދި 2013ވަނަ އަހަރު އިތުރު މިސްކިތްތައް ހިމެނުނެވެ.
މިހާރު ކުރަމުންދަނީ ރާއްޖޭގައި ހުރި ހިރިގަލު 6 މިސްކިތް، ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ކުރާ މަސައްކަތެވެ.
• މާލޭ ހުކުރު މިސްކިތް
• މާލޭ އީދު މިސްކިތް
• ހއ.އިހަވަންދޫ އާސާރީ މިސްކިތް
• ރ.މީދޫ ބައު މިސްކިތް
• ލ.އިސްދޫ އާސާރީ މިސްކިތް
• އދ.ފެންފުށީ ހުކުރު މިސްކިތް
މިކަމަށް ބޭނުންވާ މަޢުލޫމާތާއި ދިރާސާގެ މަސައްކަތްތައް ނިންމާ، ދާއިމީ ލިސްޓުގައި ހިމެނުމަށް ހުށައަޅާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ.
އަދި މިހާރު މިވަނީ މިކަމަށް، އެ ރަށްތަކުގެ ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް ފަށާފައެވެ. އެގޮތުން ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި މިސްކިތް ހިމެނުމުން ރަށަށް ލިބޭނެ މަންފާތަކާ ގުޅޭ ސެޝަންތައް ކައުންސިލާއި، ރަށުގެ ގުޅުންހުރި އިދާރާތަކާއި، ސުކޫލު ދަރިވަރުން އަދި އާއްމު ރައްޔިތުންނަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެފަދަ ބިނާތަކަކީ އެތަންތައް ހިމާޔަތްކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓާ ދަމަހައްޓަމުންދާ ތަރިކައިގެ ބިނާތަކެކެވެ. އެކަން އެންމެ ރަނގަޅު ގޮތުގައި ކުރެވޭނީ، އެ ރަށްރަށުގެ ރައްޔިތުންނަކީ ތާރީޚު އިނގޭ، އެކަންކަމަށް އަހުލުވެރި ބަޔަކަށް ހެދިގެންކަމަށް ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖުން ފާހަގަކުރެއެވެ.
މިހާތަނަށް މި ސެޝަންތައް އދ.ފެންފުށި އަދި ރ.މީދުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ހއ.އިހަވަންދޫއާއި ލ.އިސްދޫގައި ސެޝަންތައް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި ހަރަކާތްތަކުގެ ސަބަބުން ރަށު ފެންވަރުގައި ސަޤާފީ ތަރިކަ ރައްކާތެރިކުރުމުގެ ރޫޚު އާލާވެ، މެނޭޖްމަންޓް ޕްލޭން ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެއެވެ.