ޚަބަރު

އަލަށް ގެންނަ ސީޕްލޭންތަކާއެކު ރޭގަނޑު ދަތުރުކުރުމުގެ ފުރުޞަތު ފަހިވާނެ: މޯލްޑިވިއަން


  • މޯލްޑިވިއަންގެ ސީޕްލޭން ފްލީޓްގައި މިވަގުތު 11 ބޯޓު

  • އިތުރު ބޯޓުތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން

މޯލްޑިވިއަނުން އަލަށް ގެންނަ ސީޕްލޭން ބޯޓުތަކާއެކު ރޭގަނޑު ދަތުރުކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެކަމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

ސީޕްލޭންގެ ޚިދުމަތަކީ މޯލްޑިވިއަނަށް ބޮޑު އާމްދަނީއެއް ލިބޭ ދާއިރާއެކެވެ. މޯލްޑިވިއަންގެ ސީޕްލޭން ފްލީޓްގައި މިވަގުތު 11 ބޯޓު އެބައޮތެވެ. އަދި ސީޕްލޭންގެ ފްލީޓް ބޮޑުކުރުމަށް އެ ކުންފުނިން ދަނީ މަސައްކަތްކުރަމުނެވެ.

މޯލްޑިވިއަނުން މިހާރު ރާއްޖޭގެ ރިސޯޓްތަކުގެ އިތުރުން ބައެއް ރަށްތަކަށްވެސް ދަނީ ސީޕްލޭންގެ ޚިދުމަތް ދެމުންނެވެ. އަދި މިހާރުވެސް ސީޕްލޭންގެ ޚިދުމަތް ފެށުމަށް ގިނަ ރިކުއެސްޓްތައް އަންނަމުންދާކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

މިމަހުގެ 11 ވަނަ ދުވަހު މޯލްޑިވިއަނުން ވަނީ ކެނެޑާގެ ކުންފުންޏަކާއެކު 2 ސީޕްލޭން ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއީ ޑީ.އެޗް.ސީ-6 ޓްވިން އޮޓަރ ކްލަސިކް 300-ޖީ މަރުކާގެ 2 ބޯޓެވެ.

މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ، މި ބޯޓުތަކަކީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ ޒަމާނީ އެއަރކްރާފްޓް ތަކެއްކަމަށެވެ. މި ބޯޓުތަކާއެކު ސީޕްލޭން ދަތުރުތައް ރޭގަނޑު ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ރާއްޖޭގައި ސީޕްލޭން އޮޕަރޭޝަންގައި މި ގެންގުޅޭ ބޯޓުތަކުގައި ރޭގަނޑު ދަތުރުކުރެވޭ އިކުއިޕްމަންޓްސްއާއި އެއްޗެހިއެއް ނުހުންނާނެ. އެކަމަކު އަޅުގަނޑުމެން މިހާރު މި އޯޑަރދިން އެއަރކްރާފްޓް ތަކުގައި ރޭގަނޑުވެސް ދަތުރުކުރުމުގެ ފުރުޞަތު އޮންނާނެ. އަދި ސީޕްލޭންއެއްގެ ގޮތުގައިވެސް ދަތުރުކުރުމުގެ ފުރުސަތު އޮވެފައި އޭގެ އިތުރަށް އަޅުގަނޑުމެންނަށް ބޭނުންކުރެވޭނެ ވީލްބޭސްގައިވެސް." ސަލީމް ވިދާޅުވިއެވެ.

މިއަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ވަނީ ދެކުނުގެ 4 އަތޮޅު ވައިގެމަގުން ގުޅުވާލާފައެވެ. މި ބޯޓުތަކަކީ ވީލްބޭސްކޮށް ބޭނުންކުރެވޭ ބޯޓުތަކަކަށްވުމުގެ ސަބަބުން މިއީ އެ ކުންފުނީގެ އޮޕަރޭޝަންތަކަށް ލިބިގެންދާނެ ބޮޑު ފަސޭހައަކާއި ކުރިއެރުމަކަށް ވެގެންދާނެކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ.