ރިޕޯޓް

ރާއްޖެ އިސްލާމްވި ދުވަސް ކ.ގުރައިދޫގައި ފާހަގަކޮށްފި


މީޑިއާ މެދުވެރިކޮށް ދީނާއި ގުޅޭ ގޮތުން ހޯދާ މައުލޫމާތުތަކާއި މެދު ސަމާލުވުމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާގިރު އިލްތިމާސް ކުރައްވައިފިއެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މާލެއަތޮޅު ގުރައިދޫގައި މިއަދު ބޭއްވި ދުވަހާއި ގުޅޭ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ ދިވެހިންގެ ފިކުރާއި ކުޅެލުމަށް ކުރަމުންދާ ފިކުރީ ހަނގުރާމައިގެ ނުރައްކާ ރާއްޖެއަށް ކުރިމަތިވެފައިވާ ކަމަށެވެ.ރާއްޖެ އިސްލާމްވި ދުވަހާއި ގުޅިގެން ކ.ގުރައިދޫގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ ދަރިންނަށް އިސްލާމްދީން އެންމެ ރަނގަޅު ގޮތުގައި ކިޔަވައިދޭން ޖެހޭ ކަމަށާއި ދީނުގެ ފުރިހަމަ އުސޫލުތައް ދަސްކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހެިފައިވާ ކަމެއް ކަމުގައެވެ. އަދި  ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ދިވެހިންގެ ދީނީ ފިކުރާއި ކުޅެލުމަށް ކުރަމުންދާ ފިކުރީ ހަނގުރާމަ ކަމަށެވެ. މިކަމަށް ދިވެހިންގެ ތެރެއިން މަދު ބަޔަކު މަސައްކަތް ކުރަމުންދާކަމަށް ތުހުމަތު ކުރައްވައި، އިސްލާމިކް މިނިސްޓަރ ވިދާޅުވީ އެކަން އެގޮތަށް ކުރަމުންދަނީ ހުޅަނގުގެ ނުފޫޒުގަދަ ޤައުމުތަކުގެ ބައެއް މީހުންނާއި ގުޅިގެން ކަމަށެވެ. ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖެއަކީ އިސްލާމީ ގައުމަކަށް ވެފައި، އިސްލާމީ ޝަރީޢާ ގާއިމް ކުރުމަށް ކުރާ މަސައްކަތަށް ހުޅަނގުގެ ފިއްތުންތައް ކުރިމަތިވުން ކަމަށް މިއަދު ބޭއްވި ދުވަހާއި ގުޅޭ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ. މި ހަފްލާގައި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ ދެއްކެވި ވާހަކައިގައި، ދުނިޔޭގައި ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް އޮތީ، ދެތިން ގައުމެއް ކަން ފާހަގަކުރައްވައި، އޭގެތެރޭގައި ރާއްޖެ ހިމެނުމަކީ ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެއް ކަމަށް ވިދާޅުވިއެވެ. އިސްލާމްދީން ދަސްކޮށްދިން ކަންތައްތަކުގެ ތެރެއިން ކެތްތެރިކަމުގެ މާތް ސިފަޔަށް އިޝާރާތްކުރައްވައި، ރިޒާ ވިދާޅުވީ އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަސިއްޔަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައި ދިވެހި ދައުލަތުން މިދުވަސް ފާހަގަކުރައްވަން އެންމެ ފުރަތަމަ ފެއްޓެވީ ހިޖުރައިން 1374 ވަނަ އަހަރެވެ. އެ އަހަރުން ފެށިގެން 1387 ގެ ނިޔަލަށް 14 އަހަރު މި ދުވަސް ފާހަގަކުރެއްވުމަށްފަހު އޭގެ ފަހުން އެ ދުވަސް ފާހަގަކުރެއްވުން ވަނީ ހުއްޓަވާލައްވާފައެވެ. އެއަށްފަހު އަނެއްކާވެސް 1421 ވަނަ އަހަރުން ފެށިގެން ރާއްޖެ އިސްލާމްވި ދުވަސް ދަނީ ފާހަގަ ކުރައްވަމުންނެވެ. މިއަދު ފާހަގަ ކުރަމުން މިދަނީ ރާއްޖެ އިސްލާމްވިތާ 889 ވަނަ އަހަރެވެ.