ޕީއެސްއެމުން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ "ތަމްސީލު" ރިއަލިޓީ ޝޯ ގައި އެއްވަނައަށް 150،000 ރުފިޔާ އިނާމެއް ދޭން ކަނޑައަޅައިފިއެވެ.
"ތަމްސީލު" ރިއަލިޓީ ޝޯއަކީ ތަމްސީލުގެ ހުށަހެޅުމުގެ ހުނަރު ދައްކުވައިދީ އެ ފަންނު ކުރިއެރުވުމަށް ކުރިއަށް ގެންދާ ޚާއްސަ ޝޯއެކެވެ. މި ޝޯގައި ބައިވެރިވުމުގެ ފުރުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ޝޯ ގައި ބައިވެރިވުމަށް ހުށަހަޅޭނެއެވެ.
މިގޮތުން ވަކިން ނުވަތަ 5 މީހުންނަށް ވުރެ ގިނަ ނުވާ ގްރޫޕެއްގެ ގޮތުގައި ޝޯ ގައި ބައިވެރިވެވޭނެއެވެ. މި ޝޯ ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެފުރުސަތު ހުޅުވާލާފައެވެ. ޝޯގައި ބައިވެރިވެވޭނީ ޕީއެސްއެމް އެއަރ އެޕްލިކޭޝަން މެދުވެރިކޮށެވެ.
ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި ޝޯ ގައި ހުނަރު ހުރި ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ. އެގޮތުން ލޮލުން، އިޝާރާތަކުން، ލަވަޔަކުން، ހަރަކާތަކުން، ލިބިފައިވާ އެހެން ހުނަރެއް މެދުވެރިކޮށް ވާހަކައެއް ބުނެދެވޭނަމަ ޝޯ ގައި ބައިވެރިވުމުގެ ފުރުޞަތު އެފަރާތަކަށް ނުވަތަ އެ ގްރޫޕަކަށް އޮންނާނެއެވެ. ޝޯ ގައި ހުށަހަޅާ ހުށަހެޅުންތައް ވާހަކަ ނުދައްކާވެސް ހުށަހެޅުމުގެ ފުރުޞަތު އެބައޮތެވެ.
މިޝޯގައި ފަނޑިޔާރުންގެ ގޮތުގައި ހަރަކާތްތެރިވާނީ ރާއްޖޭގައި މިވަގުތު ތިބި މިދާއިރާގެ ތަޖުރިބާކާރު ފަރާތްތައް ކަމަށްވާ މުހައްމަދު މުންތަސިރު (މުންކޮ)، ރަވީ ފާރޫގުގެ އިތުރުން އައިޝަތު ޔޫލިޔާ ހަލީމެވެ.
މި ޝޯވްގެ ތެރެއިން ހުނަރު ދައްކާ ފަރާތްތަކަށް ޝޯ ކާމިޔާބު ކޮށްގެން ލިބޭ އިނާމުގެ އިތުރަށް ރަނގަޅު ފުރުޞަތުތައްވެސް ފަހިވެގެންދާނެއެވެ. މީގެ ކުރިންވެސް ޕީއެސްއެމްއިން ވަނީ މޯލްޑިވިއަން އައިޑަލް ފަދަ، ބެލުންތެރިންގެ މެދުގައި މަޤްބޫލު މިފަދަ ގިނަ ރިއަލިޓީ ޝޯވްތަކެއް ގެނެސްދީފައެވެ.