ރިޕޯޓް

މިއަދަކީ ރާއްޖެ އިސްލާމްވި ދުވަސް


މިއަދަކީ ރާއްޖެ އިސްލާމްވި ދުވަސް. ރާއްޖެ އިސްލާމްވި ދުވަހެވެ.ދިވެހި ދައުލަތް، އިސްލާމް ދީން ޤަބޫލުކުރެއްވި ދުވަސް، ދިވެހިރާއްޖޭގައި ވަރަށް އިސް ފެންވަރެއްގައި ފާހަގަކުރެއެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރު މަހުގެ އެއްވަނަ ދުވަހުއެވެ. ދިވެހި ތާރީޚްގެ ލިޔުންތަކުން އެނގޭގޮތުގައި އަދި ދިވެހި ދައުލަތް ރަސްމީގޮތުން ޤަބޫލުކުރައްވާ ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގެ ތެރޭގައެވެ.ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ދިވެހި ދައުލަތުން މިދުވަސް ފާހަގަކުރައްވަން އެންމެ ފުރަތަމަ ފެއްޓެވީ ހިޖުރައިން 1374 ވަނަ އަހަރެވެ. އެ އަހަރުން ފެށިގެން 1387 ގެ ނިޔަލަށް 14 އަހަރު މި ދުވަސް ފާހަގަ ކުރެއްވުމަށްފަހު އޭގެ ފަހުން އެ ދުވަސް ފާހަގަކުރެއްވުން ވަނީ ހުއްޓަވާލައްވާފައެވެ. އެއަށްފަހު އަނެއްކާވެސް 1421 ވަނަ އަހަރުން ފެށިގެން ރާއްޖެ އިސްލާމްވި ދުވަސް ދަނީ ފާހަގަކުރައްވަމުންނެވެ.ތާރީޚުން އެނގޭ ގޮތުގައި ރާއްޖެ އިސްލާމްވީ މަޣުރިބުކަރައިގެ އިލްމުވެރިއެއްގެ އަތްޕުޅު މައްޗަށް ކަމަށް ރަސްމީ ގޮތުން ވަނީ ކަނޑައަޅުއްވާފައެވެ. އެ ޢިލްމުވެރިޔާގެ ނަންފުޅަކީ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ އެވެ. އޭރު ރާއްޖޭގެ ރަސްކަމުގައި ހުންނެވީ ސްރީތިރިބުވަނަ އާދީއްތިޔަ މަހާރަދުންނެެވެ. މި ރަސްގެފާނު އިސްލާމްވެ ވަޑައިގަތުމުން ނަންފުޅަކަށް ވީ އައްސުލްޠާން މުޙައްމަދު ބުނި ޢަބްދިﷲ ސިރީބަވަނާދީއްތަ މަހާރަދުންނަށެވެ. މި ރަދުންނަށް ދިވެހިން ވަނީ ދަރުމަވަންތަ މަހާރަދުންގެ ނަންފުޅުން ނަންދީފައެވެ.މިއީ ހުރިހާ ގޮތަކުންވެސް ރާއްޖެއަށް އަގުހުރި ދަރުމަވަންތަ ޚިދުމަތްތަކެއް ކުރެއްވި ރަސްކަލެކެވެ. މި ރަސްގެފާނަށް ނިސްބަތްވާ ދެ މިސްކިތް  މާލޭގައި މިހާރުވެސް އެބަހުއްޓެވެ. އެއީ ދަރުމަވަންތަ ރަސްގެފާނު މިސްކިތާއި، މަސްޖިދުއް ސުލްތާން މުޙައްމަދު ބުނި ޢަބްދިﷲ އެވެ. ދަރުމަވަންތަ ރަސްގެފާނު މިސްކިތަކީ މާލޭގައި އަދި އެއްގޮތަކުން ބަލާއިރު ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއް މިސްކިތެވެ. އަދި މަސްޖިދުއް ސުލްތާން މުހައްމަދު ބުނި ޢަބްދިﷲ އަކީ ރާއްޖޭގައި އަދި މާލޭގައި އެންމެ ފަހުން އިމާރާތް ކުރެވުނު އެންމެ ފުރިހަމަ ރީތި މިސްކިތެވެ. މީގެ އިތުރުން ދަރުމަވަންތަ ސްކޫލް ވެސް ނިސްބަތްވަނީ ދަރުމަވަންތަ މަހާރަދުންނަށެވެ. މިކަންކަމުން ދޭހަވަނީ ދަރުމަވަންތަ ރަސްގެފާނަށް ޙައްގު މަޤާމު ހޯއްދަވައި ދެއްވުމަށާއި، ރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަން ޙިމާޔަތްކުރެއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތެވެ.ދިވެހިން މިއަދު ރާއްޖޭ އިސްލާމްވި ދުވަސް ފާހަގަކުރާއިރު، ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓޭ އެންމެ ބޮޑު އަސާސެއް ކަމުގައި ދިވެހިން ޤަބޫލުކުރަނީ އިސްލާމްދީނުގެ ހިދާޔަތު ލިބުމުނު ލިބުމެވެ. ދިވެހިރާއްޖެ ކުޑަކުޑަ އާބާދީއެއްގެ ގޮތުގައި، ކުދިކުދި ރަށްތަކެއްގައި، ޤައުމުގެ އެކިކަންކޮޅުތަކުގައި މިނިވަންކަމާއި އަމާންކަމާއިއެކު އޮތުމުގެ އެއް ސަބަބަކީވެސް އިސްލާމް ދީނެވެ. މީގެ އިތުރަށް ދިވެހިންގެ ކިބައިގައި ހުރި ގިނަ ރިވެތި ސިފަތަކާއި އާދަކާދަތަކާއި އިޖްތިމާޢީ އަގުތަކުގެ އެއްސަބަބަކީވެސް އިސްލާމް ދީންކަމަށް ދިވެހިން ޤަބޫލުކުރެއެވެ.ދިވެހިރާއްޖެއަށް އިސްލާމްދީން ނޫން ދީނެއް ނުވަތަ ދީންތައް ތަޢާރުފް ކުރަންޖެހޭނެ ކަމަށް އެހެން ފަރާތްތަކުން ގޮވާލާ ކޮންމެ ގޮވާލުމަކަށް ދިވެހިން އަންނަނީ ވަރަށް ސާބިތުކަމާއެކު ނޫނެކޭ ބުނަމުންނެވެ. އަދި އެކަން ދަމަހައްޓަމުންނެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުގައި ވަނީ ދިވެހިރާއްޖޭގެ ދީނަކީ އިސްލާމް ދީންކަމަށް ކަނޑައަޅައިފައެވެ. ރާއްޖެ އިސްލާމްވި ދުވަސް ރާއްޖޭގެ އެކި ހިސާބުތަކުގައި މިއަހަރުވެސް ފާހަގަކުރަމުން އެބަގެންދެއެވެ.