ޚަބަރު

ރާއްޖޭގެ ތާޢީދާއެކު ޕްލާސްޓިކާއި ދެކޮޅަށް މަސައްކަތްކުރާނެ ބައިނަލްއަޤްވާމީ މުއާހަދާއެއް އެކުލަވާލަނީ


ދިވެހިރާއްޖޭގެ ތާޢީދާއިއެކު ޕްލާސްޓިކާއި ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުއާހަދާއެއް އެކުލަވާލަން ފާސްކޮށްފިއެވެ.

މި މުއާހަދާ އެކުލަވާލަން ފާސްކޮށްފައިވަނީ ކެންޔާގެ ވެރިރަށް ނައިރޯބީގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް އެސެމްބްލީގެ 5 ވަނަ ސެޝަންގައެވެ.

ދުނިޔޭގެ 193 މެންބަރު ޤައުމަކުން ބައިވެރިވާ މި ބައްދަލުވުމުގައި ޕްލާސްޓިކުގެ ޒަރިއްޔާއިން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ޤާނޫނީ ބާރު ލިބިދޭ މުއާހަދާއެއްގެ ބޭނުންތެރިކަން ފާހަގަކޮށް ރިޒޮލިއުޝަނެއް ހުށަހަޅާފައިވެއެވެ. މި ރިސޮލިއުޝަނަށް ދިވެހިރާއްޖެއިންވަނީ ފުރިހަމައަށް ތާޢީދުކޮށްފައެވެ. ޤާނޫނީ ގޮތުން ބާރު ލިބިދޭ މިފަދަ މުޢާހަދާއެއް އެކުލަވާލުމުގައި އެއްބަސްވާ 81 މެންބަރު ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ. އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ސަބަބުން ދުނިޔޭގައި ކުރިމަތިވަމުންދާ ތިމާވެށީގެ މައްސަލަތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބަސްވުމެއް އޮތުމުގެ ބޭނުންތެރިކަމާއިމެދު ގިނަ ޤައުމުތަކުން އެއްބަސްވެއެވެ. އަދި، ދިވެހިރާއްޖެއިން އިސްނަގައިގެން ޤައުމީ ފެންވަރުގައި ތަންފީޒު ކުރަމުންދާ ސިންގަލްޔޫސް ޕްލާސްޓިކު ފޭސްއައުޓް ޕްލޭންގެ މަޢުލޫމާތު ވަނީ މި ބައްދަލުވުމުގެ މެންބަރު ޤައުމުތަކުގެ އިސްވެރިންނާއި ހިއްސާކޮށްފައެވެ.

ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް އެސެމްބްލީގެ 5 ވަނަ ސެޝަންގައި ޕްލާސްޓިކާއި ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލުމަށް އެއްބަސްވެވުނު މިބައިނަލްއަޤްވާމީ މުއާހަދާގައި ޕްލާސްޓިކް އުފެއްދުމާއި ބޭނުންކުރުމާއި މިތަކެތި ކުނީގެ ގޮތުގައި ނެތިފަނާވެގެން ދިޔުމާހަމައަށް އެކި މަރުހަލާތަކުގައި ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމަށް އަލިއަޅުވާލެވިގެންދާނެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ ބައިނަލް އަޤްވާމީ ފެންވަރުގައި ވަށާޖެހޭ އިޤްތިސާދު ކުރިއަރުވައި ޕްލާސްޓިކު ބޭނުން ކުރެވޭ މިންވަރު މަދުކޮށް، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކުގެ އަލުން ބޭނުންކުރެވޭ، މިފަދަ މުއާހަދާއެއް އޮތުމަކީ ދިވެހިރާއްޖެފަދަ ކުރިއަރަމުން އަންނަ ޤައުމުތަކަށް ޕްލާސްޓިކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ހައްލުހޯދުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރުމަށް އެޅިގެންދާނެ ވަރުގަދަ ފިޔަވަޅެއްކަމަށެވެ.
މީގެ އިތުރުން، ރައްކާތެރިގޮތުގައި ކެމިކަލް އަދި ކުނި މެނޭޖްކުރުމަށް ބާރުއަޅާ ރިސޮލިއުޝަނެއްވެސް މި އެސެމްބްލީއަށް ހުށައަޅާފައިވެއެވެ. ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް އެސެމްބްލީގެ 05 ވަނަ ސެޝަނަށް ތިމާވެށީގެ އެކި މައްސަލަތަށް ހައްލުކުރުމަށް ޖުމްލަ 17 ރިސޮލިއުޝަން ހުށަހަޅާފަވެއެވެ. މި އެސެމްބްލީއަކީ އެކުވެރި ދައުލަތްތައް އ.ދ.ގެ 193 މެންބަރުންގެ މައްޗަށް އެކުލެވޭ އެސެމްބްލީއެކެވެ. މިއީ ދުނިޔޭގެ ތިމާވެށީގެ ކަންކަމާގުޅޭ ގޮތުން ބާއްވާ އެންމެ ބޮޑު ބައްދަލުވުމެވެ. އަދި މި އެސެމްބްލީ އަކީ "ދެމެހެއްޓެނިވި ތަރައްޤީ 2030" ގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ތިމާވެށްޓާއި ގުޅޭ ކަންކަން ހާސިލްކުރުމަށް ކުރެވެމުންދާ މަސައްކަތްތައް މުޠާލިއާކުރުމަށް މަގުފަހިކޮށްދޭ ޕްލެޓްފޯމެކެވެ.