ޚަބަރު

ޔޫކްރެއިންގައި ތިބި 6 ދަރިވަރަކަށާއި އާއިލާއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފި


ޔޫކްރެއިންގައި ތިބި އިތުރު ދިވެހިންނަށް ފައިސާގެ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދީފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ޔޫކްރެއިންގައި ތިބި ދިވެހި 6 ދަރިވަރުންނާއި 3 މެމްބަރުން ތިބި އާއިލާއަށްވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. އަދި މި 9 މީހުންވެސް މިހާރު ޔޫކްރެއިންގެ ޚަރްކީވްއިން ނުކުމެ ރައްކާތެރިކަމާއެކު ލިވީވްއަށް އެތެރެވެފައިވާކަމަށެވެ.

އަދި މިއަދުގެ ވަގުތެއްގައި ލިވީވްއިން ހަންގޭރީގައި ހުންނަން ރާއްޖޭގެ ކޮންސިއުލޭޓާ ގުޅުމަށް މިމީހުން ދަތުރުކުރާނެއެވެ. ވީހާވެސް އަމާންކަމާއެކު ހަންގޭރީއަށް އެތެރެވުމާ ގުޅޭގޮތުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ހަންގޭރީގެ ފޮރިން މިނިސްޓަރާއެކު މަޝްވަރާކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ބެލަރުސްގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން އެނބުރި ރާއްޖެއަށް އަންނަން 11 ދަރިވަރުން ބޭނުންވެގެން އެދިފައިވާކަމަށާއި އެމީހުންވެސް މާލެ އައުމަށްޓަކައި ފޯރުކޮށްދޭ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެމުން ގެންދާނެކަމަށެވެ. އަދި ބެލަރުސްގައި އިތުރު ނުރައްކާތެރިކަމެއް ނެތްކަމަށް ބެލެވޭތީ ޔުނިވަރސިޓީގެ ކްލާސްތައްވެސް އާދައިގެމަތިން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށް އެމިނިސްޓްރީން ހާމަކުރައްވައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ޔޫކްރެއިންގައި ތިބި ދިވެހިންނަށް އެހީތެރިވުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށެވެ. އެގޮތުން ޔޫކްރެއިންގައި އަސާސީ ތަކެތީގެ އަގުބޮޑުވަމުންދާތީ، އެޤައުމުގައި މިހާރު ތިބި ދިވެހިންނަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ޔުކްރެއިންގެ އިވަނޯ-ފްރެންކިވްސްކްގައި ތިބި ދިވެހިންގެ ތެރެއިން ހަންގޭރީއަށް ގެންދިޔަ 15 ދިވެހިން މިހާރު ވަނީ މާލެ އައިސްފައެވެ. ޔޫކްރެއިންގެ އިތުރުން އެ ސަރަހައްދުގެ އެހެން ޤައުމުތަކުގައި ތިބި ދިވެހިންގެ މަޢުލޫމާތު އެއްކޮށް، އެމީހުންނަށްވެސް ބޭނުންވާ އެހީތެރިކަންފޯރުކޮށްދީ އެމީހުންގެ ހާލަތުވެސް ޚާރިޖީ ވުޒާރާއިން އަންނަނީ ބަލަމުންނެވެ.