ތިމާވެށި

މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލު ހޯދުމުގައި ދުނިޔެދަނީ ފެއިލްވަމުން : ޝައުނާ


މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލު ހޯދުމުގައި ދުނިޔެދަނީ ފެއިލްވަމުންކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައުނާ މިފަދައިން ވިދާޅުވީ، އދ.ގެ އިންޓަރ ގަވަރނަމަންޓަލް ޕެނެލް އޮން ކުލައިމެޓް ޗޭންޖުން ނެރުނު އެޕެނަލްގެ ހަވަނަ އެސެސްމަންޓް ރިޕޯޓާގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ. މިރިޕޯޓުގައި، މިހާތަނަށް ކުރިން ޝާއިޢު ކުރެވިފައިވާ ހޯދުންތަކާ އަޅާބަލާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން އަދި މިކަމުގެ ސަބަބުން އިންސާނުންނަށާއި އަދި ޤުދުރަތީ ނިޒާމުތަކަށް ކުރިމަތިލާންޖެހޭ ނުރައްކާތައް ބޮޑުވާނެކަމަށް މިފަހަރުގެ އެސެސްމަންޓް ރިޕޯޓުން ހާމަވެއެވެ.

މިރިޕޯޓުގައި، ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާނެ ނުރައްކާތައްވެސް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި، ތޫފާނުތަކުގެ ބާރުގަދަވެ އިތުރުވުމުން ލިބޭނެ ގެއްލުންތަކާއި، ވާރޭ ވެހޭގޮތަށް އަތުވެދާނެ ބަދަލުތަކުން ކުރިމަތިވެދާނެ ގޮންޖެހުންތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ފަރުތަކަށް ލިބޭނެ ގެއްލުމާއި ގާ ހުދުވުމާއި، ފެން ބޮޑުވުމާއި، ކާބޯތަކެއްޗާއި ފެނުގެ ޔަޤީންކަން ކަށަވަރު ކުރުމަށް ހުރި ގިނަ ގޮންޖެހުންތައް ހިމެނެއެވެ. ފާހަގަ ކޮށްލަންޖެހޭ ޙަޤީޤަތަކީ، ކުދި ޖަޒީރާ ޤައުމުތައް ހިމެނެނީ ޖައްވަށް ދޫކުރާ ވިހަގޭސް އެންމެ މަދުން ބޭރުކުރާ ޤައުމުތަކުގެ ތެރޭގައިކަމެވެ. ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލަށް އެންމެބޮޑަށް ހުށަހެޅިފައިވަނީ މިފަދަ ޤައުމުތަކެވެ.

މި ރިޕޯޓާގުޅޭގޮތުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކުލައިމެޓް ޗޭންޖު އަދި ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަށް ޙައްލު ހޯދުމުގައި ދުނިޔެދަނީ ފެއިލްވަމުންކަމަށެވެ. އަދި މީގެ ސަބަބުން، އަޅުގަނޑުމެން މިހާރު މިދަނީ އިއާދަ ނުކުރެވޭ ގެއްލުންތަކާއި ކުރިމަތިލާ ހިސާބަށްކަމަށާއި، މިކަމުގެ ގެއްލުމާއި ކުރިމަތިލާންޖެހޭނީ ރާއްޖެފަދަ ނާޒުކު ޤައުމުތަކަކަށް އެކަނި ނޫންކަމަށެވެ. މިނިސްޓަރ ޝައުނާ ވަނީ މިއީ މިހާރުން މިހާރަށް އަވަސް ޙައްލުތަކެއް ހޯދަންޖެހިފައިވާ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާފައެވެ.

"މިކަމަށް އަވަސް ޙައްލެއް ހޯދުމަށް މުޅިދުނިޔެ ގުޅިގެން މަސައްކަތްކުރަންޖެހޭ އަދި ވީހާވެސް އަވަހަށް ދުނިޔޭގެ އިޤްތިސާދު ޑިކާރބަނައިޒް ކުރަންޖެހޭ. ރާއްޖެފަދަ ނާޒުކު ޤައުމުތަކަށް، މޫސުމަށް އަންނަ ބަދަލުތަކާއި ކުރިމަތިލާ ހޭނުމަށާއި ނެޓްޒީރޯ އަމާޒަށް ވާސިލުވުމަށް ގިނަގުނަ އެހީތެރިކަން ބޭނުންވޭ" މިނިސްޓަރ މިރިޕޯޓާއި ގުޅޭގޮތުން އިތުރަށް ފާހަގަކުރެއްވިއެވެ.

މިރިޕޯޓާއި ގުޅިގެން، މިނިސްޓަރ ވަނީ އެންމެ ނާޒުކު ޤައުމުތަކަށް އެހީތެރިވުމަށް ޚާއްސަ ފައިނޭންސިންގ ފެސިލިޓީއެއް ޤާއިމުކުރުމަށްވެސް ގޮވާލައްވާފައެވެ. އެއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުވެސް ގެއްލުންތަކާއި ކުރިމަތިލަމުން އަންނަ އަދި މިކަމުގެ ސަބަބުން އިއާދަ ނުކުރެވޭފަދަ ގެއްލުންތަކާއި ނުރައްކާތަކާއި ކުރިމަތިލާންޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ދިނުމަށެވެ.

މިރިޕޯޓުގެ އަލީގައި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި އަދި މިކަމުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރެވިގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ޔަޤީންކުރެއެވެ.

އެގޮތުން މިހާރުވެސް ރާއްޖޭގައި ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ގޮނޑުދޮށްތައް ޙިމާޔަތްކުރުމުގެ ޕްރޮގްރާމްތަކާއި، ފެންބޮޑުވުން ޙައްލު ކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ފެނާއި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރު ކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ދެމެހެއްޓެނިވި ގޮތުގައި އިޤްތިސާދު ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް، ދެމެހެއްޓެނިވި ގޮތެއްގައި ފަރުތައް ޙިމާޔަތް ކުރުމާއި، ދިރޭތަކޭތީގެ ނަސުލުތައް ޙިމާޔަތް ކުރުމާއި، މާޙައުލީ ނިޒާމްތައް ރައްކާތެރިކުރުމާއި، މުހިންމު އިންފްރާސްޓްރަކްޗަރ ރައްކާތެރިކޮށް ކުލައިމެޓް ޕްރޫފުކުރުމާއި އަދި ސިއްޙީ ދުޅަހެޔޮކަމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރެވި، މޫސުމަށް އަންނަ ބަދަލުތަކަށް ފަހި އިޤްތިސާދެއް ބިނާ ކުރުމަށް މަސައްކުރެވިގެންދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.