ތިމާވެށި

"މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިއަށްއޮތް 2 ޤަރުނުގެ ތެރޭގައި ދުނިޔެ ބޮޑު ނުރައްކަލަކަށް"


މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރަން ހަރުދަނާ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ ކުރިއަށްއޮތް ދެ ޤަރުނުގެ ތެރޭގައި އިންސާނީ ދަރިފަސްކޮޅަށާއި ދުނިޔޭގެ ދިރުންތައް ބޮޑު ނުރައްކަލަކަށް ހުށަހެޅިގެންދާނެކަމުގެ އިންޒާރު އދ. އިންޓަގަވަމަންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް، އައި.ޕީ.ސީ.ސީން ދީފިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާބެހޭ އދ.ގެ ބައިނަލްއަގުވާމީ ޕެނަލް، އައި.ޕީ.ސީ.ސީން މި އިންޒާރު ދީފައިވަނީ އެ ޕެނަލްގެ ވާރކިން ގްރޫޕް 2 އިން އެންމެފަހުން އާއްމުކުރި އެސެސްމެންޓް ރިޕޯޓުގައެވެ. އެންމެފަހުގެ ސައިންސްއާއި ޢިލްމީ ދިރާސާތަކަށް ރިޢާޔަތްކޮށް މި ރިޕޯޓް އެކުލަވާލާފައިވަނީ ދުނިޔޭގެ 60 އަށްވުރެ ގިނަ ޤައުމުގެ 200 އަށްވުރެ ގިނަ ސައިންސްވެރިންގެ ޓީމަކުން އެއްކޮށްފައިވާ މަޢުލޫމާތުތަކަށް ބެލުމަށްފަހުގައެވެ.

"ކްލައިމެޓް ޗޭންޖް 2022 : އިމްޕެކްޓްސް، އެޑެޕްޓޭޝަން އެންޑް ވަލްނަރަބިލިޓީ" މި ނަމުގައި އައި.ޕީ.ސީ.ސީގެ ވާރކިން ގްރޫޕް 2 އިން ނެރުނު 6 ވަނަ އެސެސްމެންޓް ރިޕޯޓުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އެކި ކަހަލަ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރެވުނުނަމަވެސް، ދުނިޔޭގެ ޤުދުރަތީ ވެއްޓަށާއި، އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އެތައް ބިލިއަން ބައެއްގެ ދިރިއުޅުމަށް ނޭދެވޭ އަސަރުތައް ކުރަމުންދާކަމަށް ބުނެފައިވެއެވެ. އަދި މިކަމުގެ ނުރައްކާ އެންމެ ބޮޑަށް އޮތީ ބިންތިރި ޤައުމުތަކާއި، ހައިހޫނުކަމާއި ފަޤީރުކަން އިންތިއާއަށް ބޮޑުވެފައިވާ ސަރަޙައްދުތަކަށްކަން ފާހަގަކޮށް، މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް އެކަށީގެންވާ ސަމާލުކަމެއް ނުދީ ފަރުވާކުޑަކުރުމުގެ ނަތީޖާއެއްގެގޮތުން ދުނިޔޭގެ އެންމެހާ ދިރުންތަކުގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާކަމުގެ ކަންބޮޑުވުން ސައިންސްވެރިން ފާޅުކޮށްފައިވެއެވެ.

އައި.ޕީ.ސީ.ސީގެ މި ރިޕޯޓާގުޅޭގޮތުން އދ.ގެ ސެކެޓްރީ ޖެނެރަލް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް ދެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ، ސައިންޓިފިކް ކިތަންމެ ރިޕޯޓެއް މީގެކުރިން ފެނިފައިވާކަމަށާއި، ނަމަވެސް މި ރިޕޯޓަކީ އިންތިހާ ދަރަޖައަށް ކަންބޮޑުވުން އޮތް ރިޕޯޓެއްކަމަށެވެ. އަދި މި ރިޕޯޓުން މޫސުމީ ބަދަލުތަކުން އަރައިގަތުމުގައި ދުނިޔޭގެ ލީޑަރޝިޕް ނާކާމިޔާބުވެފައިވާ މިންވަރު ވަޒަންކޮށްލެވޭކަމަށް އޭނާ ވިދާޅުވިއެވެ.

"ޙަޤީޤަތުގައި މި ރިޕޯޓުން ހާމަވެގެންދަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންސާނުންނާއި ދުނިޔެއަށް ލިބެމުންދާ ނިކަމެތިކަން. ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މިހާރު އުޅެމުންދަނީ މި ނުރައްކަލުގައި. ގިނަ އިކޯސިސްޓަމްތަކަކަށް ވަނީ އިއާދަނުކުރެވޭ ހިސާބަށް ގެއްލުންވެފައި. ހަމައެއްނެތި އިތުރުވަމުންދާ ކާބަން ޕޮލިއުޝަންގެ ސަބަބުން ދުނިޔޭގެ އެންމެ ނިކަމެތި ރައްޔިތުން ހަލާކުގެ ތެރެއަށް ދިއުމަށް ދަނީ މަޖުބޫކުރުވަމުން" އދ.ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

ދުނިޔެ ހޫނުވަމުންދާ މިންވަރު 1.5 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ގޮސްފައިވާއިރު، ކުރިއަށް އޮތް ދެޤަރުނުގެ ތެރޭގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާން ޖެހިދާނެކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.

ވަގުތީގޮތުން މި ހޫނުމިން މަތިވިޔަސް، އޭގެ ސަބަބުން އިތުރު ނޭދެވޭ ކުރާނެ ކަމަށާއި، އޭގެތެރެއިން ބައެއް އަސަރުތަކަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއްކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން ޢުމްރާނީ ވަޞީލަތްތަކަށާއި، ބިންތިރި ގޮނޑުދޮށްތައް ހިމެނޭގޮތަށް މުޖުތަމަޢަށް ކުރިމަތިވާ ނުރައްކާތައް އިތުރުވެގެންދާނެކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް އިތުރުވަމުންދާ ދިޔުމާ ގުޅިގެން، މިކަމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަށް މީހުން ހޭނުމާއި، ޤުދުރަތީ ގޮތުން ކުރިމަތިވާ ނުރައްކާތައް އިތުރުވަމުންދާ މިންވަރު ކުޑަކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.

އާދަޔާ ޚިލާފަށް ހޫނުގަދަވުމާއި، ހިރަފުހާއި، ފެންބޮޑުވުމުގެ ކާރިސާތައް ހިނގާލެއް އިތުރުވުމާއެކު ގަސްގަހާގެހި އަދި ޖަނަވާރުންގެ ޓޮލަރެންސް ތްރެޝްހޯލްޑްތައް މިހާރުވެސް ފަހަނައަޅައިގޮސް، ގަސްގަހާގެއްސާއި މުރަކަފަދަ ބާވަތްތައް މަރުވާ ނިސްބަތް އިތުރުވެފައިވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ ކާރިސާތަކުގެ ސަބަބުން ޚާއްސަކޮށް އެފްރިކާ، އޭޝިއާ، މެދުތެރޭ އަދި ދެކުނު އެމެރިކާއާއި، ކުދި ޖަޒީރާތަކާއި އާކްޓިކް ޤައުމުތަކުގައި ދިރިއުޅޭ އެތައް މިލިއަން ބަޔަކަށް ކާބޯތަކެއްޗާއި، ސާފު ބޯފެން ލިބުމުގައި ދަތިތަކާކުރިމަތިލާންޖެހޭކަމަށް ބުނެފައިވެއެވެ. އެހެންކަމުން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، އެކަމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކޮށް، މިހާރަށްވުރެ ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް އައި.ޕީ.ސީ.ސީގެ ވާރކިންގ ގްރޫޕޫން ވަނީ މި ރިޕޯޓުގައި ގޮވާލާފައެވެ.

ޤުދުރަތީ ވެށި ރައްކާތެރިކޮށް ހަރުދަނާ ކުރުމަކީ، ދިރުންހުރި މުސްތަޤްބަލެއް ހޯދައިދިނުމުގައި މުހިންމު ކަމެއްކަން ފާހަގަކޮށް، މީހުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށްވެސް އައު ވިސްނުންތަކެއް ރިޕޯޓުން ގެނެސްދީފައިވެއެވެ.

އެގޮތުން ހަލާކުވެފައިވާ އީކޯސިސްޓަމްތައް އަލުން އިއާދަކޮށް، ދުނިޔޭގެ ބިމުގެ ސާފު ފެންފަށަލައާއި ކަނޑުގެ ދިރުންތަކުގެ 30 އިންސައްތައާއި 50 އިންސައްތަ ހަރުދަނާ އަދި ހަމަހަމަ ގޮތެއްގައި ރައްކާތެރިކޮށް ދެމެހެއްޓުމުން، ޤުދުރަތީގޮތުން ކާބަން އެބްޒޯބްކޮށް ރައްކާކުރެވޭ މިންވަރު އިތުރުކުރެވި، އޭގެ މަންފާ ދުނިޔޭގެ އާބާދީއަށް ލިބިގެންދާނެކަމަށް ބުނެފައިވެއެވެ. މިއީ ދެމެހެއްޓެނިވި ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ގެނެވިދާނެ ކަމެއް ކަމަށާއި، އެހެންނަމަވެސް، މިކަން ކާމިޔާބުކުރެވޭނީ ހަރުދަނާ ސިޔާސަތުތަކެއް އެކަށައެޅި، އެކަށީގެންވާ މާލީ އަދި ފަންނީ އެހީތެރިކަން ދުނިޔޭގެ ފެންވަރުގައި ހޯދިގެންކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.

މި ރިޕޯޓުގައި ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ދިރިއުޅޭ ސިޓީތަކުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާއި، އެޑަޕްޓޭޝަންގެ ތަފްޞީލީ އެސެސްމަންޓްތައް ހިމަނާފައިވެއެވެ. އެގޮތުން ރައްޔިތުންގެ ޞިއްޙަތާއި، ދިރިއުޅުމާއި، ހަކަތައާއި ދަތުރުފަތުރުގެ ނިޒާމު ހިމެނޭގޮތަށް ޕްރޮޕަޓީ އަދި ކްރިޓިކަލް އިންފްރާސްޓްރަކްޗާއަށް ހީޓްވޭވްސް ތޫފާންތަކާއި، ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ މަޑުމަޑުން އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުރާ މިންވަރު ދަނީ އިތުރުވަމުންނެވެ.