ތިމާވެށި

2030އަށް "ނެޓް ޒީރޯ" އަމާޒު ޙާސިލުކުރުމުގައި ސްޓެލްކޯގެ ދައުރު ބޮޑު: ޝައުނާ


2030ވަނަ އަހަރަށް ސަރުކާރުން ހިފާފައިވާ "ނެޓް ޒީރޯ" އަމާޒު ޙާސިލުކުރުމުގައި ސްޓެލްކޯގެ ދައުރު ބޮޑުކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އެންވަޔަރަންމަންޓް މިނިސްޓަރ މިހެން ވިދާޅުވީ، "ސްޓެލްކޯގެ ޕަވަރހައުސް މެނޭޖާރޒް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2022" އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ރާއްޖެ ތަރައްޤީގެ ހަލުވި ސްޕީޑްގައި ކުރިއަރަމުން އަންނައިރު، ސްޓެލްކޯ ދެން ވާންވީ ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ޚިދްމަތް ދޭ ކުންފުންޏަކަށްކަން ފާހަގަކުރެއްވިއެވެ.

އެންވަޔަރަންމަންޓް މިނިސްޓަރ ޝައުނާ ވިދާޅުވީ، އިއާދަކުރަނިވި ހަކަތައިގެ ޚިދުމަތްދިނުމުގެ ގާބިލްކަމާއި، ހުނަރާއި، އަދި ފަންނީގޮތުން އެކަން ކުރުމަށް ބޭނުންވާ ކަންކަން ކުރުމުގެ ޤާބިލުކަންވެސް ސްޓެލްކޯގައި އެބަހުރި ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ސަރުކާރުން އަހަރެއްގެ މައްޗަށް ތެޔޮ އިމްޕޯޓް ކުރުމަށް ގާތްގަނޑަކަށް 400 މިލިޔަން ޑޮލަރު ހޭދަކުރާ ކަމަށެވެ. އަދި ދުނިޔޭގެ ހާލަތު މި ދިޔަ ހަފްތާއެއްގެ ތެރޭގައި ބަދަލުވަމުން އަންނަކަން ފާހަގަކުރައްވާ، މި ބަދަލާއެކު ތެލުގެ އަގުވެސް އުފުލެމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ތެލަށް އަހަރެމެން ކުރާ ޚަރަދު އިތުރުވާނަމަ އެއީ، ތަރައްގީގެ އެހެން ކޮންމެވެސް ކަމަކަށް ހޭދަކުރަން ހުރި ފައިސާ. އެ ފައިސާ ހޭދަ ކުރަން މި ޖެހެނީ ތެޔޮ ގަންނަން. ރާއްޖެއަކީ އިއާދަކުރަނިވި ހަކަތަ އެތައް ގުނައަކަށް ބޭނުންކުރެވެން އޮތް ރާއްޖެއެއް" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

އެންވަޔަރަންމަންޓް މިނިސްޓަރ ޝައުނާ ވިދާޅުވީ، ގާތްގަނޑަކަށް ދުވާލަކު 12 ގަޑިއިރު އިރުގެ އަލި ދިވެހިރާއްޖެއަށް އެބަލިބޭ ކަމަށާއި، އިރުގެ އަލިން ހަކަތަ ލިބޭ މިންވަރާއި، އަގު އެއް ދުވަހުން އަނެއް ދުވަހަށް ކުޑަވަމުންދާ ކަމަށެވެ. އަދި އެ ޓެކްނޮލޮޖީ މި ވަނީ އުފެއްދި އެއާއި ހަމައަށް ވާސިލްވެފައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރަމުން އަންނަ މަސައްކަތުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ކޮންމެ ކަމެއްވެސް ހާސިލް ވާނީ އެކަމެއް ކުރަން ފެށުމުން ކަމަށާއި، ބޭނުންވާ މިންވަރު ހާސިލްވެވޭނީ އޭރުން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، "ނެޓް ޒީރޯ" ޓާރގެޓް 2030 ވަނަ އަހަރު ހާސިލްކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި، މި ޓާރގެޓް ހާސިލްކުރުމަށް ސްޓެލްކޯގެ ހިއްސާ ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

މި އަމާޒަށް ވާސިލްވުމަށް ރަށްރަށުގައި ކުރަންޖެހޭ ކަންތައް ކުރުމަށް ސަރުކާރުން އިންވެސްޓްވެސް ކޮށްދޭން ތައްޔާރަށް އޮތްކަން މިނިސްޓަރ ޝައުނާ ފާހަގަކުރެއްވިއެވެ. އަދި އެކަން ކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމްކޮށްދޭން މަސައްކަތް ކުރާނެ ކަމަށާއި، ބޭނުންވަނީ ސްޓެލްކޯގެ އެހީތެރިކަމާއެކު ރާވާލައިގެން މި މަސައްކަތާއިގެން ކުރިޔަށް ދިއުން ކަމަށެވެ. ޔުޓިލިޓީ ސްކޭލްގައި އެކަން ކުރުމަށް ސަރުކާރުގެ އެކި އެކި ޕްރޮޖެކްޓްތަކުގެ އެހީތެރިކަމާއެކު މިހާރުވެސް އެމަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

ސަރުކާރުގެ "ނެޓް ޒީރޯ" ޓާރގެޓް ހާސިލްކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އާއްމު ރައްޔިތުންނަށް އެންމެ ފަސޭހައިން، އަވަހަށް ކުރެވޭނެ ގޮތަކީ ގޭގޭގެ ފުރާޅުތަކުގައި "ހޯމް ސޯލާރ" ގާއިމްކުރުން ކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ. ފެނަކައާއި އެކީގައި "ހޯމް ސޯލަރ" ޕްރޮގްރާމެއް ތައާރަފުކޮށްފައިވާއިރު، ހަމައެގޮތަށް ސްޓެލްކޯއާއި އެކީގައި މި މަސައްކަތް ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

ސްޓެލްކޯގެ "ޕަވަރ ހައުސް މެނޭޖާރސް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2022" އަކީ އެކުންފުނީގެ އިންޖީނުގެތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި، އިންޖީނުގެތަކުގެ މެނޭޖަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގައި ސްޓެލްކޯއިން ޚިދުމަތްދޭ 30 ރަށެއްގެ މެނޭޖަރުން ބައިވެރިވެފައިވާކަމަށާއި، މިޕްރޮގްރާމް 4 ދުވަހަށް ކުރިއަށްދާނެ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މިފަދަ ޕްރޮގްރާމެއްގެ ސަބަބުން މެނޭޖަރުންގެ ލީޑަރޝިޕް ސްކިލްސްތަކާއި، މުވައްޒަފުން ބިނާކޮށް، މުވައްޒަފުންގެ ފަރާތުން އެންމެ ރަނގަޅު ޚިދުމަތްދޭ ކުންފުންޏަށާއި، ރައްޔިތުންނަށް ލިބިގެންދާނެ ގޮތްތައް ދަސްވެގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން ކުންފުނީގެ އެކި އެކި ދާއިރާތަކުގެ މަސައްކަތްތަކަށް އަހުލުވެރިވުމަށް ފުރުސަތު ލިބި، ހުރިހާ އިންޖީނުގެއެއްގެ މަސައްކަތްވެސް އެއް މިންގަނޑަކުން ކުރުމަށް ބާރު އެޅިގެންދާނެކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.