ޚަބަރު

ތުޅާދޫގެ 100 ރޯހައުސް އަންނަ މޭމަހަށް ނިންމަނީ


ބ.ތުޅާދޫގައި ތަރައްޤީކުރާ 100 ރޯހައުސްގެ މަސައްކަތް އަންނަ މޭމަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިމަޝްރޫޢުގެ %60 މަސައްކަތް މިހާރުވަނީ ނިމިފައެވެ.

ބ.ތުޅާދޫގައި 100 ހައުސިންގް ޔުނިޓް އިމާރާތްކުރުމަށް ކޮންޓްރެކްޓަރާއި ހަވާލުކުރީ 2019ވަނަ އަހަރުގެ ޖުލައިމަހުއެވެ. މިއީ ސަރުކާރުން އަތޮޅުތަކަށް ޚާއްސަކޮށްގެން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ފުރަތަމަ ފެށި އެއް މަޝްރޫޢެވެ.

ތުޅާދޫގެ ހައުސިން މަޝްރޫއުގައި ހިމެނެނީ ވަކިވަކި ގެތަކަށް އެކުލެވޭ ރޯހައުސްތަކެވެ. ކޮންމެ ގެއެއްވެސް ތަރައްޤީކުރަނީ 1600 އަކަފޫޓުގެ ބިމެއްގައެވެ. ރޯހައުސްގައި ހިމެނެނީ ތިން ކޮޓަރިއާއި 3 ފާޚާނާއާއި ބަދިގެއާއި ސިޓިންގް ރޫމްގެ އިތުރުން ލޯންޑްރީ އޭރިއާއެކެވެ. ގެތައް އަޅާފައިވަނީ ހުސް ޖާގަވެސް އޮންނަގޮތަށެވެ.

ތުޅާދޫގެ ހައުސިންގ މަޝްރޫޢުގެ ބޮޑެތި ގިނަ މަސައްކަތްތައް މިހާރުވަނީ ނިމިފައެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވީ 92 ގޭގެ ފައުންޑޭޝަން މަސައްކަތް މުޅިން ނިމިފައިވާކަމަށެވެ. އަދި 74 ގެއެއްގެ ރޭނުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މީގެތެރެއިން ބައެއް ގެތަކުގެ ފުރާޅާއި، ސީލިންގެ މަސައްކަތްތައްވެސް މިހާރުވަނީ ފަށާފައެވެ. އަދި ގޭގެއަށް ކަރަންޓު ނެޓްވޯކް އެޅުމާއި ގުޅޭ މަސައްކަތްވެސް މިހާރުވަނީ ފަށާފައެވެ.

ހައުސިންގ މިނިސްޓްރީން ކުރިން ލަފާކޮށްފައިވަނީ އަންނަ މަހުގެ ނިޔަލަަށް ޕްރޮޖެކްޓްގެ ހުރިހާ މަސައްކަތްތައް ނިންމުމަށެވެ. ނަމަވެސް އަދިވެސް ގިނަ މަސައްކަތްތަކެއް ހުރުމާއެކު މިހާރު މުޅި މަޝްރޫޢު އަންނަ މޭ މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އެމިނިސްޓްރީން ހާމަކުރައްވައެވެ.

ސަރުކާރުން މިހާރު ނިންމާފައި އޮންނަގޮތުން، ގެތަކަށް ކުރިމަތިލުމަށް ހުޅުވާލާނީ ގެތަކުގެ މަސައްކަތްތައް ވަކި އިންސައްތައަކަށް ނިމުމުންނެވެ. އަދި ކުރިއާ ޚިލާފަށް، ގެތައް ލިބޭ މީހުން ކަނޑައެޅުމުގެ މަސައްކަތްވެސް ކުރާނީ އެ ރަށަކުން ހޮވާލެވޭ ސްޓިއަރިންގ ކޮމިޓީއަކުން ފޯމް ރިވިއުކުރުމަށްފަހުއެވެ.

ގެތައް ދޫކުރުމުގެ އުސޫލު އެކުލަވާލާ ފައިނަލް ކުރުމުގެ މަސައްކަތް ތުޅާދޫ ކައުންސިލުން މިހާރު ދަނީ ކުރަމުންނެވެ.

ތުޅާދޫގައި ތަރައްޤީކުރާ 100 ހައުސިންގ ޔުނިޓްގެ ތެރެއިން 8 ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ތުޅާދުއަށް ހިޖުރަ ކުރާ އާއިލާތަކަށް ޚާއްސަކޮށްގެންނެވެ.

ބ.އަތޮޅު ތުޅާދުއަކީ 3000އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ. ބިން ފުރި ބޯހިޔަވަހިކަމުގެ މައްސަލަ އިންތިހާއަށް ކުރިމަތިވެފައިވަނިކޮށް، އެކަމަށް ލުޔެއް ހޯދައިދިނުމަށް އެރަށު ފަޅުން 17 ހެކްޓަރުގެ ބިން ހިއްކީ 2010ވަނަ އަހަރުއެވެ.

އަދި އެތަނުގައި 100 ރޯހައުސްގެ ޕްރޮޖެކްޓެއް ފެށިއެވެ. ނަމަވެސް މަސައްކަތް ހުއްޓި ގިނަ އަހަރުތައްފަހުން، އަލުން މި ސަރުކާރުން އެ މަސައްކަތް ފަށާ، މީގެތެރެއިން 50 ޔުނިޓް ނިންމާވަނީ ދޫކޮށްފައެވެ.