މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނު 4900އަށް ވުރެ ގިނަ ދަރިވަރުންނާއެކު ފަށައިފިއެވެ.
މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނުގައި 53 ސެންޓަރަކުން 4973 ދަރިވަރުން އިމްތިޙާނު ހަދާނެކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި 2263 ދަރިވަރުން އެޗްއެސްސީ އިމްތިޙާނު ހެދުމަށްވަނީ ހަމަޖެހިފައެވެ.
މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުގެ 4 ސެންޓަރެއްގައި އިމްތިޙާނު ހަދާ 3284 ދަރިވަރުންނާއި އަތޮޅުތަކުގެ ރަށްތަކުގެ 49 ސެންޓަރުގައި އިމްތިޙާނު ހަދާ 1689 ދަރިވަރުންނެވެ. އޭލެވެލް އިމްތިޙާނު ކުރިއަށްދާނީ މިމަހުގެ 27އިން އަންނަމަހުގެ 30ގެ ނިޔަލަށެވެ.
ސަރުކާރުން ވަނީ މާލެ ނުހިމަނާ އަތޮޅުތެރޭގެ 23 ސްކޫލެއްގައި ގްރޭޑް 11 އަދި 12 ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށް ޕައިލެޓް ޕްރޮގްރާމްއެއް ފައްޓަވާފައެވެ. 2023ވަނަ އަހަރު 6700 ދަރިވަރިން އޯލެވެލް ނިންމިއިރު، އޭ ލެވެލްއަށް ކިޔަވަން ވަދެފަވަނީ 2100 ދަރިވަރުންނެވެ.ނަމަވެސް 2025 ވަނަ އަހަރު 6500 ދަރިވަރުން އޯލެވެލް ނިންމިއިރު، 3200 ދަރިވަރުން އޭލެވެލްއަށް ކިޔަވަން ފެށިއެވެ. އަދި މިއަހަރު އޭލެވެލް ހަދާ ކުދިންގެ އަދަދު މިވަނީ 4000އިން މައްޗަށް އަރާފައެވެ.
ސަރުކާރުގެ އަމާޒަކީ ދަރިވަރުން ބާކީކުރުމުގެ ސިޔާސަތު ނައްތާލައި ރާއްޖޭގައި އޭލެވެލް އެއީ ސްކޫލުން ނިންމާ މަރުހަލާގެ ގޮތުގައި މި 5 އަހަރު ނިމިގެންދާއިރުގައި ކަނޑައެޅިގެން ދިއުމެވެ. މީގެ އިތުރުން އޮކްޓޫބަރ ނޮވެމްބަރ މަހު އޭލެވެލް އިމްތިޙާން ކުރިއަށްގެންދާއިރު ސަރުކާރުން މިހާރު ވަނީ މޭ ޖޫންގައިވެސް އިމްތިޙާން ކުރިއަށްގެންދާ ގޮތަށް ހަމަޖައްސަވާފައެވެ.
ސަރުކާރުން ނިންމާފަވަނީ ދެ ޕާތުވޭއަކަށް މަތީ ސާނަވީގެ މަރުޙަލާތައް ގެންދިއުމަށެވެ. އެގޮތުން އެކަޑެމިކް ޕާތުވޭގެ އިތުރުން، ވޮކޭޝަނަލް ތަޢުލީމުގެ މަރުހަލާވެސް މިހާރު ވަނީ ފަށާފައެވެ. ސަރުކާރުގެ އަމާޒަކީ މަތީ ސާނަވީ މަރުހަލާ ނިމޭއިރު، ދަރިވަރުން ކުރިއަށްދާން ބޭނުންވާ ދާއިރާ ކަނޑައެޅި، އެކުދިންނަކީ ވަޒީފާގެ މާހައުލަށް ތައްޔާރުވެ ތިބި ދަރިވަރުންތަކަކަށް ހެދުމެވެ. ވޮކޭޝަނަލް ޕާތުވޭގައި އެކިކަހަލަ ކޯސްތަކާއި ޓްރެއިނިން ޕްރޮގްރާމްތައް ހިންގާނެއެވެ.