ބޭޒްވޯޓާ މޯލްޑިވްސް ޓެނިސް ޗެމްޕިއަންޝިޕްގެ ރައުންޑް ރޮބިން މެޗުތަކުގެ ކުޅުން ފޯރިއާއެކު ފަށައިފިއެވެ.
މާލޭ ޓެނިސް ކޯޓުގައި ކުރިއަށްދާ މިމުބާރާތުގައި 11 ކެޓަގަރީއަކުން 110 ކުޅުންތެރިން ވާދަކުރެއެވެ. މުބާރާތް ކުރިއަށްދަނީ 10 އަހަރުންދަށުގެ ކުދިންނަށް ރައުންޑް ރޮބިން ފޯމެޓަށެވެ. އަދި އެހެނިހެން އުމުރުފުރާތަކަށް ސިންގަލް އެލިމިނޭޝަން ފޯމެޓަށެވެ.
މިމަހުގެ 24 އިން އަންނަމަހުގެ 3 އަށް ކުރިއަށްދާ މުބާރާތާ ގުޅޭގޮތުން ޤައުމީ ޓެނިސް ޓީމުގެ އަލީ ރިޒާ ބުނީ މިފަދަ މުބާރާތްތައް ރާއްޖޭގެ އެތުލީޓުންނަށް މުހިންމުކަމަށެވެ. މިއީ ބޭޒްވޯޓާ މޯލްޑިވްސްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މުބާރާތަކަށްވާއިރު، އާންމު ކުންފުނިތަކުން ޓެނިސް ކުރިއެރުވުމަށް މިކުރާ މަސައްކަތުގެ ސަބަބުން ދިވެހި ކުޅުންތެރިންނަށް ވާދަވެރި މާހައުލެއްގައި މެޗު ތަޖުރިބާތައް ލިބޭނެކަމަށް ކޯޗް ފާހަގަކުރިއެވެ.
"މިއީ ބޭޒްވޯޓާ މޯލްޑިވްސްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މުބާރާތެއް. ރާއްޖޭގެ ކުންފުނިތަކުން މިފަދަ މުބާރާތްތައް ކުރިއަށް ގެންދިއުމަށް މިދޭ އެއްބާރުލުމަކީ ޓެނިސް އާއިލާއަށް ލިބޭ އުފާވެރި ޚަބަރެއް. އުންމީދަކީ މިފަދަ އެހީތެރިކަން ޓެނިސް ކުރިއެރުވުމަށް އަބަދުވެސް ލިބެމުން ދިއުން" ކޯޗް ބުންޏެވެ.
މި މުބާރާތަށް ލިބުނު ތަރުހީބު ބޮޑުކަން ފާހަގަކުރަމުން ކޯޗް ބުނީ ބައެއް ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތަކާހުރެ މުބާރާތުގައި ވާދަ ނުކުރެވުނު ކަމަށެވެ. މިފަދަ މުބާރާތްތަކުގެ ސަބަބުން ކުޅުންތެރިންނަށް ކުރިއެރުންތަކެއް އަންނައިރު، ކުރިއަށް ރާވާފައިވާ މުބާރާތްތަކުގައި ވާދަކުރާ ކުޅުންތެރިންގެ އަދަދު މިހާރަށްވުރެވެސް އިތުރުވުމަކީ ކުރާ އުންމީދެއްކަމަށް ކޯޗް ބުނެފައިވެއެވެ.
"އަހަރެން ޤަބޫލުކުރާ ގޮތުގައި މިފަދަ މުބާރާތްތަކުގެ ސަބަބުން ކުޅުންތެރިންނަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް އާދޭ. އުންމީދަކީ ކުރިއަށް ހުރި މުބާރާތްތަކުގައި ކުޅުންތެރިންގެ އަދަދު މިއަށްވުރެވެސް އިތުރުވުން" ކޯޗް ބުންޏެވެ.
ރާއްޖޭގެ ކުޅުންތެރިންގެ ކުރިއެރުމަށްޓަކައި އެސޯސިއޭޝަނުން ކޮށްދެއްވާ ކަންކަމަށް ކޯޗްވަނީ ޝުކުރުއަދާކޮށްފައެވެ. އަދި ޓެނިސް ކުރިއެރުވުމަށް އަމިއްލަ ކުންފުނިތަކުން ދޭ އެހީތެރިކަން ބަލައިގަންނަކަމަށާއި މިކުޅިވަރުން ފެނިގެންދަނީ އުންމީދީ މަންޒަރެއްކަމަށް ކޯޗް ބުނެފައިވެއެވެ.
ބޭޒްވޯޓާ މޯލްޑިވްސް ޓެނިސް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް މެޗުތައް ހަފްތާގެ ފަހުކޮޅަށް ތާވަލުކޮށްފައިވާއިރު، މޫސުމް ރަނގަޅު ނަމަ 3 ވަނަ ދުވަހު ފައިނަލް މެޗުތައް ކުރިއަށްގެންދާގޮތަށްވަނީ ހަމަޖެހިފައެވެ.