ޚަބަރު

މަޑިވަރު ޓިކެޓް އަގުބޮޑުވުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދޭނަން: ރައީސް


ޅ. މަޑިވަރު އެއަރޕޯޓަށް ކުރާ ދަތުރުތަކުގެ ޓިކެޓްތަކުގެ އަގުބޮޑުކަމުގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ނައިފަރުގައި ސަރުކާރުން ތަރައްޤީކޮށްފައިވާ 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ނިންމާ، ކައުންސިލާއި ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޑިވަރު އެއަރޕޯޓާއެކު ފާދިއްޕޮޅުގެ ރަށްތަކަށް އިޤްތިޞާދީގޮތުން އައު ދިރުމެއް ގެނުވާނެކަމަށެވެ. އެހެންނަމަވެސް މަޑިވަރު އެއަރޕޯޓަށް ދަތުރުކުރުމަށް މިވަގުތު ކަނޑައަޅާފައިވާ އަގާމެދު އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަޑިވަރު އެއަރޕޯޓަށް ދަތުރުކުރާ އަގުކުޑަކުރުމަށް އައިލެންޑް އޭވިއޭޝަނާއެކު މަޝްވަރާކުރައްވާނެކަމަށެވެ. އަދި މި މައްސަލައަށް އެކަށީގެންވާ ހައްލެއް ގެނައުމަށް މަސައްކަތްކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުންގެ ކަންބޮޑުވުމެއް އެބައޮތް އެކަމުގައި. ޓިކެޓުގެ އަގުގެ މައްސަލަ. މިހިސާބަށް އަންނަން 1029 ރުފިޔާ ކޮޅަކަށް ޚަރަދުކުރަން ޖެހުނީމަ އެ ކުޑަކޮށް ބަލައިގަންނަން މިއަތޮޅުގެ ރައްޔިތުންނަށް ދަތި. މިއަދު އަޅުގަނޑަށް މިތާހުރެ ވަކިގޮތެއް އޭގައި ތިބޭފުޅުންނާއި ހަމައަށް ހިއްސާކޮށްލަން ދަތިވިނަމަވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑު އައިލެންޑް އޭވިއޭޝަނާއި އެވާހަކަ ދައްކާ އެކަމަށް ރަނގަޅު ހައްލެއް ލަސްތަކެއްނުވެ ގެނައުމުގެ މަސައްކަތް އަޅުގަނޑުކޮށްދޭނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްފައިވާ މަޑިވަރު އެއަރޕޯޓަކީ ދިވެހި އަމިއްލަ ކުންފުންޏެއްކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއިން ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ. މި މަޝްރޫޢުގެ ދަށުން މަޑިވަރުގައި 1200 މީޓަރުގެ ރަންވޭއަކާއި، އެއަރކްރާފްޓްތައް ޕާކު ކުރާނެ ސަރަޙައްދަކާއި، ފަޔަރ ބިލްޑިންގއެއްގެ އިތުރުން ޒަމާނީ ފެންވަރުގެ ޓަރމިނަލެެއް ވަނީ ތަރައްޤީކޮށްފައެވެ.

މަޑިވަރު އެއަރޕޯޓު ހިންގުމަށް ސަރުކާރުން ޙަވާލުކޮށްފައިވަނީ އައިލެންޑް އޭވިއޭޝަނާއެވެ. މި އެއަރޕޯޓް މިމަހުގެ 18 ވަނަ ދުވަހު ހުޅުވާފައިވާއިރު، މަޑިވަރަށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 އިން ފެށިގެންނެވެ. މަޑިވަރަށް އެއްކޮޅު ޓިކެޓުގެ އަގެއްގެގޮތުގައި ކަނޑައަޅާފައިވަނީ 1029 ރުފިޔާއެވެ. ނަމަވެސް މި އަގާމެދު އާއްމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.