ޚަބަރު

އެފްރިކާގެ 6 ޤައުމެއްގައި ކޯވިޑް ވެކްސިން އުފެއްދުމުގެ ހުއްދަދީފި


ކޯވިޑް ވައިރަހުން ދިފާޢުވުމަށް ބޭނުންކުރާ އެމް.އާރް.އެން.އޭ ވެކްސިން އުފެއްދުމުގެ ފުރުޞަތު އެފްރިކާ ބައްރުގެ 6 ޤައުމަކަށް ދިނުމަށް ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ނިންމައިފިއެވެ.

އެފްރިކާގެ ޤައުމުތަކުގައި ކޯވިޑް ވެކްސިން އުފެއްދުމުގެ ފުރުޞަތު ދިނުމަށް ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ނިންމާފައިވަނީ ފަޤީރު ޤައުމުތަކަށް ވެކްސިން ލިބުމުގައި ހުރި ދަތިތައް ނައްތާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. އެގޮތުން މިދިޔަ ހަފްތާގައި ކުރިއަށްދިޔަ ޔޫރަޕުގެ އިއްތިހާދާއި އެފްރިކާ ބައްރުގެ އިއްތިހާދުގެ ސަމިޓުގައި، އެފްރިކާގެ 6 ޤައުމަކަށް އެމް.އާރް.އެން.އޭ ވެކްސިން އުފެއްދަން އެހީތެރިވެދިނުމަށް ވަނީ ނިންމާފައެވެ.

ވެކްސިން ޓެކްނޮލޮޖީ ދިނުމަށް ނިންމާފައިވާ ޤައުމުތަކަކީ ކެންޔާ، ނައިޖީރިއާ، ދެކުނު އެފްރިކާ، ސެނެގާލް، މިޞްރު، އަދި ޓިއުނީޝިއާއެވެ. މި ޤައުމުތަކަށް ވެކްސިން ތައްޔާރުކުރުމުގެ މަޢުލޫމާތު ޙިއްސާކުރުމަށް ހަމަޖެހިފައިވަނީ ދެކުނު އެފްރިކާގައި ހުންނަ ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާގެ ބައިނަލްއަޤްވާމީ ވެކްސިން މަރުކަޒު މެދުވެރިކޮށެވެ.

ސަމިޓުގައި ވާހަކަދައްކަވަމުން ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާގެ ސެކެޓްރީ ޖެނެރަލް ތެދްރޯސް އަދަނޯމް ގިބްރިއެއިސެސް ވިދާޅުވީ މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވެކްސިނުގެ 10 ބިލިއަނަށްވުރެ ގިނަ ޑޯޒް ފޯރުކޮށްދީފައި ވީނަމަވެސް ވެކްސިން ނުޖަހާ މީހުންގެ ޢަދަދު ބިލިއަނުން ގުނޭކަމަށެވެ. މި މޭރުމުން ބަލާއިރު އެފްރިކާ ބައްރުގައި މިހާތަނަށް ވެކްސިން ފުރިހަމަކޮށްފައިވަނީ އާބާދީގެ އެންމެ %11 ކަމަށް އެ ޖަމުޢިއްޔާގެ ތަފަސްހިސާބުތަކުން ދައްކައެވެ. އެހެންކަމުން ވެކްސިން އުފެއްދުމުގެ ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގެ އިތުރުން އެފްރިކާއަށް ކޯވިޑް-19 ވެކްސިނުގެ 145 މިލިއަން ޑޯޒް ފޯރުކޮށްދީފައިވާކަމަށްވެސް ޔޫރަޕުގެ އިއްތިހާދުން ހާމަކުރެއެވެ.

ކޯވިޑް-19 ވެކްސިން އުފެއްދުމުގައި ދުނިޔޭގެ ނިޞްބަތުން ބަލާއިރު އެފްރިކާ ބައްރުން ޙިއްސާކުރަނީ އެންމެ %1އެވެ. ނަމަވެސް 6 ޤައުމެއްގައި ވެކްސިން އުފައްދަންފެށުމުން އެފްރިކާއަށް ބޭނުންވާ މިންވަރަށް ވެކްސިން އުފެއްދުމާއެކު، ބައިނަލްއަޤްވާމީ މިންގަނޑުގައި މިތަކެތި އުފެއްދޭނެކަމަށް ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ބުނެއެވެ.

މި ނިންމުމުގެ ސަބަބުން އެފްރިކާ ބައްރުގައި އެކުލެވޭ ޤާބިލިއްޔަތުކަމަށް އިޙްތިރާމުކުރާކަން ހާމަވެގެންދާކަމަށާއި، ނަމަވެސް ފުޅާ ދާއިރާއެއްގައި ކޯވިޑް ވެކްސިން އުފެއްދުމުގެ ފުރުޞަތު ވީހާވެސް ގިނަ ވިޔަފާރިތަކަށް ދިނުމަށް ދެކުނު އެފްރިކާގެ ރައީސް ސިރިލް ރާމަފޯސާ ވަނީ ގޮވައިލައްވާފައެވެ. ނަމަވެސް ޔޫރަޕުގެ އިއްތިޙާދުން މި ނިންމުމަށް ތާޢިދެއް ނުކުރެއެވެ.

އެމް.އާރް.އެން.އޭ ވެކްސިނަކީ ކޯވިޑް-19އިން ދިފާޢުވުމަށްޓަކައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ވެކްސިނެކެވެ. މި ޓެކްނޮލޮޖީ ތަޖުރިބާކުރާ ކުންފުނިތަކުގެ ތެރޭގައި ފައިޒާ އާއި މޮޑަރނާ ހިމެނެއެވެ.