ތަރައްްޤީ

މަޑިވަރު އެއަރޕޯޓް ހުޅުވައިފި؛ އިތުރު 2 އެއަރޕޯޓެއް މިއަހަރު ހުޅުވާނެ


މިއަހަރުގެ ތެރޭގައި އިތުރު 2 އެއަރޕޯޓެއް ހުޅުވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޅ. މަޑިވަރު އެއަރޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޑިވަރު އެއަރޕޯޓާއެކު މާލެއިން އުތުރުގެ ހުރިހާ އަތޮޅެއްގައި މިހާރު އެއަރޕޯޓުތައް ޤާއިމުކުރެވިގެންގޮސްފައިވާކަމަށެވެ.

މަޑިވަރު އެއަރޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ފާދިއްޕޮޅަށް އުފަން ރައްޔިތެއްގެ ހައިސިއްޔަތުން މަޑިވަރު އެއަރޕޯޓް ހުޅުވިގެންދާކަމީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ނުހަނު ބޮޑު އުފަލެއްކަމަށެވެ. އަދި މިއީ މުޅި ފާދިއްޕޮޅުގެ ތަރައްޤީއާއި ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ މުހިއްމު މަޝްރޫޢެއްކަން އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޑިވަރުގައި އެއަރޕޯޓެއް ތަރައްޤީކުރުމަކީ ފާދިއްޕޮޅުގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން ދެކެމުންދިޔަ ހުވަފެނެއްކަމަށާއި، މަޑިވަރުގައި އެއަރޕޯޓެއް އެޅުމަކީ މީގެ 16 އަހަރުކުރިން ރައީސް މަޢުމޫނުގެ ވެރިކަމުގައި ކުރަން ނިންމާފައި އޮތްކަމެއްކަމަށެވެ. އަދި އޭރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ގެނެވުނު ބަދަލުތަކާއެކު، އެކަން ދިގުލައިގެން ދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ކުރެއްދޫ ހޯލްޑިންގްސްގެ ކުރި ބޮޑު އިންވެސްޓްމަންޓާއެކު މަޑިވަރުގައި ހުޅުވިގެންދިޔަ އެއަރޕޯޓަކީ ފަހުގެ ޒަމާނީ ވަޞީލަތްތަކާއެކު ޤާއިމުކޮށްފައިވާ ފުރިހަމަ އެއަރޕޯޓެއްކަމަށް ރައީސް ވިދާޅުވިއެވެ.

"އާދެ އެއަރޕޯޓް ނިމިގެން އައިރުގައި މިވަނީ އެންމެ ފުރިހަމަ އެއަރޕޯޓެއްގައި ހުންނަންވާނެ ވަޞީލަތްތަކާއެކުގައި ހުޅުވިފައި. ރޭގަނޑާއި ދުވާލު ފްލައިޓް ޖެއްސޭ. މިތަނުން ފެނިގެން މިދަނީ އެންމެ ފުރިހަމަ ވަޞީލަތްތައް ލިބެންހުރިކަން" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ ރަށަކުން 30 މިނެޓުން ފުރައިގެން ދެވޭ ހިސާބެއްގައި އެއަރޕޯޓެއް އޮތުމަކީ މި ސަރުކާރުގެ އަމާޒެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޑިވަރު އެއަރޕޯޓާއެކު އުތުރުގެ ހުރިހާ އަތޮޅެއްގައި އެއަރޕޯޓުތައް ޤާއިމުކޮށް ނިމިފައިވާކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު 2 އެއަރޕޯޓެއް ހުޅުވިގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އަދި އިތުރު 2 އެއަރޕޯޓް ހުޅުވިގެންދާނެ. އެއީ ގދ. ފަރެސްމާތޮޑާ އެއަރޕޯޓާއި މ. މުލީ އެއަރޕޯޓް. އޭގެ އިތުރުން 7 އެއަރޕޯޓެއްގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައި" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޑިވަރު އެއަރޕޯޓާއެކު ފާދިއްޕޮޅަށް އިތުރު ތަރައްޤީ ގެނުވާނެކަމަށެވެ. ރައީސް ވިދާޅުވީ، ޤައުމެއް ތަރައްޤީވުމުގައި އެންމެ މުހިއްމު އެއް ވަޞީލަތަކީ އެއްތަނުން އަނެއްތަނަށް ފަސޭހައިން ދަތުރުކުރުމާއި މުދާގެންދިއުންކަމަށެވެ.

މަޑިވަރު އެއަރޕޯޓުގެ ސަބަބުން ޅ. އަތޮޅުގައި ވިޔަފާރިތައް އިތުރަށް ފުޅާވެ، ވަޒީފާގެ އިތުރު ފުރުޞަތުތައް ހުޅުވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ އެއަތޮޅުގައި ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، ގެސްޓް ހައުސް ވިޔަފާރިއާއި ހޯމް ސްޓޭ ފަތުރުވެރިކަން ތަރައްޤީކުރުމަށްވެސް ހުޅުވިގެންދާނެ މުހިއްމު ދޮރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްފައިވާ މަޑިވަރު އެއަރޕޯޓަކީ ދިވެހި އަމިއްލަ ކުންފުންޏެއްކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއިން ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ. މި މަޝްރޫޢުގެ ދަށުން މަޑިވަރުގައި 1200 މީޓަރުގެ ރަންވޭއަކާއި، އެއަރކްރާފްޓްތައް ޕާކު ކުރާނެ ސަރަޙައްދަކާއި، ފަޔަރ ބިލްޑިންގއެއްގެ އިތުރުން ޒަމާނީ ފެންވަރުގެ ޓަރމިނަލެެއް ވަނީ ތަރައްޤީކޮށްފައެވެ.

މަޑިވަރު އެއަރޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މަޑިވަރު އެއަރޕޯޓުގެ ފުރަތަމަ ބޯޑިންގ ޕާސް އައިލެންޑް އޭވިއޭޝަންގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ. އަދި ކުރެއްދޫ ހޯލްޑިންގްސްގެ ފަރާތުން ޚާއްސަ ހަނދާނީ ފިލާއެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައިވެއެވެ.