ޚަބަރު

ހިންނަވަރާއި މަނަދުއަށްވެސް ހައުސިން މަޝްރޫޢު


ޅ.ހިންނަވަރާއި ނ.މަނަދޫގައި ހައުސިން މަޝްރޫޢު ކުރިއަށްގެންދިއުމަށް އިޢުލާންކޮށް، އެކަމުގެ ޢަމަލީ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ހުޅުވާލައިފިއެވެ.

މި މަޝްރޫގައި ހިމެނެނީ ޅ.ހިންނަވަރުގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓާއި، މަނަދުއަށް 40 ހައުސިން ޔުނިޓެވެ.

ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ރަށްތަކާއި، އަދި ބިމުގެ ޖާގައިގެ ދަތިވެ ގެވަޅު ދިނުމަށް ދަތިވެފައިވާ ރަށްތަކުގައި ސަރުކާރުގެ އެހީގައި ހައުސިންގ މަޝްރޫޢުތައް އަންނަނީ ކުރިއަށްގެންދަމުންނެވެ.

މިވަގުތުވެސް އަތޮޅުތަކުގެ 6 ރަށެއްގައި ފްލެޓާއި ރޯހައުސް ތަރައްޤީކުރުމުގެ މަޝްރޫޢުތައް އަންނަނީ ކުރިއަށްގެންދަމުންނެވެ. އަދި ވޭތުވެދިޔަ ހަފްތާގައި އިތުރު 5 ރަށެއްގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ މަޝްރޫޢުއެއް އިއުލާންކޮށް، ޢަމަލީ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ވަނީ ހުޅުލާފާއެވެ. އަދި މިހާރު މިވަނީ އިތުރު ދެ ރަށެއްގައި ހައުސިންގ ޔުނިޓް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައެވެ. ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފައިވަނީ ޅ.ހިންނަވަރުގައި 100 ހައުސިންގ ޔުނިޓް އެޅުމާއި ނ.މަނަދޫގައި 40 ހައުސިންގ ޔުނިޓް އެޅުމުގެެ މަސައްކަތެވެ.

ޅ.ހިންނަވަރަކީ 22 ހެކްޓަރުގެ ރަށެކެވެ. އެރަށުގެ އާބާދީ 5000އާއި ގާތްކުރެއެވެ. ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީވެސް ބޯހިޔާވަހިކަމުގެ މައްސަލައެވެ. އެރަށުގައި އަމިއްލަ ވަޒަނުގައި ކުއްޔަށް އުޅޭ އާއިލާތައްވެސް ދިރިއުޅެއެވެ.

ހިންނަވަރުގެ ބިމުގެ ދަތިކަން ޙައްލުކުރުމަށް އެރަށުން 2009ވަނަ އަހަރު 54 ހެކްޓަރުގެ ބިންވެސް ހިއްކިއެވެ. ނަމަވެސް މިހާތަނަށްވެސް ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢުއެއް ކުރިއަށް ގެންގޮސްފައެއް ނެތެވެ.

ނ.މަނަދުއަކީ އާބާދީގެ ނިސްބަތުން ބިން ބޮޑު ރަށެކެވެ. 2000 މީހުންގެ އާބާދީގެ މަނަދޫގެ ބިމުގެ ބޮޑުމިނުގައި 116 ހެކްޓަރު ހުރެއެވެ. މަނަދުއާއި ހިންނަވަރުގެ ހައުސިންގް މަޝްރޫޢުގެ ބީލަން ހުޅުވާލުން އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ.

ޅ.ހިންނަވަރުގެ 100 ހައުސިންގ ޔުނިޓްގެ މަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 500000 ރުފިޔާ ހުށައަޅަން ޖެހޭނެއެވެ. އަދި ނ.މަނަދޫގެ 40 ހައުސިންގ ޔުނިޓްގެ ބިޑް ސެކިއުރިޓީއަކީ 204000 ރުފިޔާއެވެ.

އަތޮޅުތަކުގެ ރަށްރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން މިވަގުތުވެސް، 2000އަށްވުރެ ގިނަ ހައުސިންގ ޔުނިޓްގެ މަސައްކަތްތައް އެކި މަރުޚަލާތަކުގައި އަތޮޅުތަކުގައި ކުރިއަށްގެންދެއެވެ.

އަދި ނިމުނު ހަފްތާގައިވަނީ ކުޅުދުއްފުށި ސިޓީގައި 400 ހައުސިން ޔުނިޓް، ލ.ގަމުގައި 100 ރޯހައުސް، ށ.މިލަންދޫގައި 50 ހައުސިންގ ޔުނިޓް، ގއ.ވިލިނގިލީގައި 50 ހައުސިންގ ޔުނިޓް އަދި ނ.ހޮޅުދޫގައި 30 ހައުސިންގ ޔުނިޓްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށްވެސް އިޢުލާންކޮށްފައެވެ.