ޚަބަރު

މާލީ ބަޔާން އޮޅުވައިލައިފިނަމަ މަގާމުން ވަކިކޮށް ޖަލު ހުކުމެއް


މާލީ ބަޔާން ހުށައަޅަންޖެހޭ ފަރާތްތަކުން އެ ބަޔާނުގައި ދޮގު މައުލޫމާތެއް ހިމަނައިފިނަމަ އެމީހަކު ޖޫރިމަނާކޮށް 2 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ގާނޫނެއް އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ. "މާލީ އަދި އެހެނިހެން މަސްލަހަތު ހާމަ ކުރުމުގެ ބިލު" ގެ ނަމުގައި މި ބިލް ހުށައެޅުއްވީ ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ އެވެ.

މި ބިލުގައި ބިލް ހުށައަޅާ ސަބަބެއްކަމަށް ބުނެފައިވަނީ ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ ދަށުން މާލީ ބަޔާން ހުށައަޅަންޖެހޭ މީހުންނާއި، ދައުލަތުގެ މަޤާމުތައް އަދާކުރާ ފަރާތްތަކުގެ މާލީ އަދި އެހެނިހެން މަޞްލަޙަތުތައް ހާމަކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް، އެއް ހަމަކޮށް، ދެ ފުށް ފެންނަ ގޮތަކަށް މާލީ ހުށައެޅުމުގައި އަމަލުކުރަންޖެހޭ އުސޫލްތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ގާއިމުކުރުންކަމަށެވެ.

މަލީ ބަޔާން ހުށައަޅަންޖެހޭ ފަރާތަކުން ބަޔާނުގައި ތެދު ނޫން މައުލޫމާތު ހިމަނައިފިނަމަ، ނުވަތަ މައުލޫމާތު ފުރިހަމައަށް ހިމަނާފައި ނުވާނަމަ އެކަމުގެ ކުޑަ ބޮޑު މިނަށް ބަލާ ގިނަ ވެގެން 500،000ރ ( ފަސްލައްކަ ) ރުފިޔާއިން ޖޫރިމަނާކުރުމަށް ބިލުގައިވަނީ ހިމަނާފައެވެ. އަދި މާލީ ބަޔާނަށް ދޮގު މައުލޫމާތުދީ ބަޔާން ފުރިހަމަ ނުކޮށްވާނަމަ އެމީހަކު ހުރި މަޤާމަކުން ވަކިކޮށް ގިނަވަގެން 2 އަހަރަށް ޖަލަށްލުމަށްވެސް ބިލުގައިވަނީ ހިމަނާފައެވެ.

ދޮގު މައުލޫމާތެއް މާލީ ބަޔާނުގައި ހިމަނާފައިވާ ފަރާތެއްގެ މައްސަލަ ތަހުޤީގުކުރުމަށް ކަމާއި ބެހޭ މުއައްސަސާއަކަށް ފޮނުވާ އެ މައްސަލަ 1 މަސްދުވަހުގެ ތެރޭގައި ނިންމާ ޝަރީއަތަށް ހުށައަޅަންޖެހޭނެކަމަށްވެސް އިވާ ހުށައެޅުއްވި ބިލުގައިވަނީ ހިމަނާފައެވެ. އަދި ކޯޓްތަކުން އެ މައްސަލަ 2 މަސްދުވަހުގެ ތެރޭގައި ނިންމާ ހުކުމެއް ކުރަންޖެހޭނެކަމަށްވެސް ބިލުގައިވެއެވެ.

ބިލުގައި ހިމަނާފައިވާ އަދަބުތަކާއި ޖޫރިމަނާތައް

- ބަޔާނެއްގެ ސައްހަކަން ކަށަވަރުކުރުމާއި އަންގާ އެންގުމަކާއި ހިލާފުވެއްޖެނަމަ 100،000ރ ( އެއްލައްކަ ) ރުފިޔާ ޖޫރިމަނާކުރެވޭނެ. ތަކުރާރުކުރާ ކޮންމެ ފަހަރަކު ގިނަވެގެން 500،000ރ ( ފަސްލައްކަ )

- ސުންގަޑި ހަމަވާފަހުން މަހެއްގެ ތެރޭގައި ބަޔާން ހުށައަޅައިފިނަމަ 100،000ރ ( އެއްލައްކަ ) ރުފިޔާއިން ޖޫރިމަނާކުރެވޭނެ. ތަކުރާރުކުރާ ކޮންމެ ފަހަރަކު ގިނަވެގެން 500،000ރ ( ފަސްލައްކަ )

- ސުންގަޑި ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި ބަޔާން ހުށަނާޅައިފިނަމަ ގިނަވެގެން 500،000ރ ( ފަސްލައްކަ ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ.

މާލީ ބަޔާން ހުށައަޅާ އިރު އެ ބަޔާނުގައި ހިމަނަންޖެހޭ މައުލޫމާތުތައްވެސް ބިލުގައިވަނީ ހިމަނާފައެވެ. މިގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މިލްކުވާ ނުވަތަ ކުއްޔަށް ހިފާފައިވާ ގޯތި ގެދޮރުގެ ތަފްސީލާއި، ނަގާފައިވާ އަދި ދޫކޮށްފައިވާ ލޯނާއި ރަހުނުކޮށްފައިވާ މުދަލުގެ ތަފްސީލާއި ބޭރުގެ އއްވެސް ބޭންކެއްގައި ނުވަތަ މާލީ އިދާރާއެއްގެ އެކައުންޓެއްގައި އެއްވެސް ފައިސާއެއް ވާނަމަ އެ ފައިސާގެ ތަފްސީލުތައްވެސް ބަޔާނުގައި ހިމަނަންޖެހެއެވެ.