ޚަބަރު

ޕާކިސްތާނުގެ އެހީގައި މުލީގައި އަޅާ ކޮމިއުނިޓީ ސެންޓަރުގެ ބިންގާ އަޅައިފި


ޕާކިސްތާން ސަރުކާރުގެ އެހީގައި މުލަކަތޮޅު މުލީގައި އަޅާ ކޮމިއުނިޓީ ސެންޓަރުގެ ބިންގާ އަޅައިފިއެވެ. ދެ ޤަޢުމުގެ ގުޅުން ރަމްޒުކޮށްދޭ މި ސެންޓަރަށް ނަންދީފައިނީ "ޤާޢިދޭ އަޢުޒަމް މުޙައްމަދު ޢަލީ ޖިނާހް މެމޯރިއަލް ޕާކިސްތާން-މޯލްޑިވްސް ކޮމިއުނިޓީ ސެންޓަރ"ގެ ނަމުންނެވެ.

ޕާކިސްތާނާއި ދިވެހިރާއްޖޭގެ ގުޅުން ދައްކުވައިދޭ ކޮމިއުނިޓީ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ޕާކިސްތާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެޑްމިރަލް(ރިޓަޔަރޑް) އަތަރު މުޙްތާރުއާއި، މުލަކަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލްއެވެ.

ޕާކިންސްތާނު ސަރުކާރުގެ އެހީގައި މުލަކަތޮޅު މުލީގައި އިމާރާތްކުރާ ކޮމިއުނިޓީ ސެންޓަރު އެޅުމަށް އެޤައުމުންވަނީ 2621400
(ދެމިލިއަން ހަ ލައްކަ އެކާވީސްހާސް ހަތަރުސަތޭކަ) ރުފިޔާގެ އެހީ، މި ރަސްމިއްޔާތުގެ ތެރެއިން މުލަކަތޮޅު ކައުންސިލާ ހަވާލުކޮށްދެއްވާފައެވެ. މި އެހީއަކީ ރަށްރަށުގެ އިޖުތިމާޢީ ކުރިއެރުމަށް ދީފައިވާ އެހީއެކެވެ. މިކޮމިއުނިޓީ ސެންޓަރު ވެގެންދާނީ، ރަށުގެ ރައްޔިތުންގެ އިތުރުން މުލަކަށް އެކި ބޭނުންތަކުގައި އަންނަ މީހުންނަށް މަޑުކޮށްލައިގެން ތިބޭގޮތަށްވެސް ބޭނުންކުރެވޭނެ ތަނަކަށެވެ.

މުލަކަތޮޅު ކައުންސިލުން ވިދާޅުވީ މި ސެންޓަރު ބޭނުންކުރާނީ އަތޮޅާއި ރަށުގެ އެކިއެކި މުހިންމު ޙަފްލާތައް ބޭއްވުމަށާއި، ބައްދަލުވުންތަކާއި، މީހުން ބިނާކުރުމަށް ކުރިއަށްގެންދާ އެކިއެކި ހަރަކާތްތަކާއި ޓްރެއިނިންގް ޕްރޮގްރާމްތައް ކުރިއަށްގެންދާ ތަނެއްގެ ގޮތުގައި ކަމަށެވެ.

ކޮމިއުނިޓި ސެންޓަރުގެ ބިންގާ އަޅުންވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވަފައި ހުންނަވާ ސަފީރު އެޑްމިރަލް(ރިޓަޔަރޑް) އަތަރު މުޙްތާރު ވިދާޅުވީ ޕާކިސްތާނާއި ދިވެހިރާއްޖެއާއި ދެޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުމަކީ، ދެ ޤައުމުން ޙިއްސާކުރާ އެއްގޮތް ކަންކަމުގައިވާ އިސްލާމީ ވަޙްދަތާއި، އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ މުހިންމު ގުޅުއްކަމަށެވެ. އަދި ޕާކިސްތާނު ސަރުކާރުން ރާއްޖޭގެ ތަޢުލީމާއި ސިއްޙަތާއި ކުޅިވަރާއި އިންސާނީ ވަސީލަތްތައް ކުރިއެރުވުމާއި އިޖްތިމާޢީ ހަމަޖެހުމާއި މީހުން ބިނާކުރުމުގެ ދާއިރާއިންވެސް ރާއްޖެއަށް އެހީ ފޯރުކޮށްދެމުން ގެންދާ ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި މިގޮތުގައި އަބަދުވެސް އެ ޤައުމުން ދެމިއޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ. މިއިމާރާތަކީ ޕާކިސްތާނުގެ ރައްޔިތުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް ދެއްވާ ހަދިޔާއެއްކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

މުލަކަތޮޅު ކައުންސިލްގެ ރައީސްވަނީ ޕާކިސްތާނު ސަަރުކާރުން ދެއްވި އެހީއަށް ޝުކުރު އަދާކުރައްވާ އަތޮޅުގެ ތަރައްޤީއަށް މިފަދަ ސެންޓަރެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މި ސެންޓަރު ވެގެންދާނީ މުލީގެ ރައްޔިތުންނާ ރަށަށް އަންނަ މީހުންނާ އަދި އަތޮޅުގެ ހިންގުމަށް މުހިންމު އިމާރާތަކަށްކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"ޤާޢިދޭ އަޢުޒަމް މުޙައްމަދު ޢަލީ ޖިނާހް މެމޯރިއަލް ޕާކިސްތާން-މޯލްޑިވްސް ކޮމިއުނިޓީ ސެންޓަރ" އަޅަނީ މުލީގެ ބަނދަރު ސަރަޙައްދުން ބިމެއްގައެވެ. މިއިމާރާތުގެ މަސައްކަތް އަހަރެއްހާ ދުވަސްތެރޭ ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް މުލަކަތޮޅު ކައުންސިލުންވަނީ މަޢުލޫމާތުދީފައެވެ.