ކުޅިވަރު

މެޗުން ބަލިވީ އެއް ފަންވަރެއްގައި ނުކުޅެވިގެން - ސާޖިދު


އެކުވެރިކަމުގެ ފަހު މެޗްގައި ރާއްޖެ ބަންގްލަދޭޝް އަތުން ބަލިވީ ޓީމްގެ މުހިންމު ކުޅުންތެރިނަށް ނުކުޅެވިގެންކަމަށް ގައުމީ ޓީމުގެ ކޯޗް މުޙައްމަދު ސާޖިދު ބުނެފިއެވެ. ރާއްޖޭގެ ވޮލީ ޓީމާއި ބަންގްލަދޭޝްގެ ވޮލީގެ މެދުގައި ވަނީ އެކުވެރިކަމުގެ ތިން މެޗް ކުޅެފައެވެ. ފުރަތަމަ މެޗް ރާއްޖެއިން ކާމިޔާބުކުރިއިރު، ޖެހިގެންއައި ދެ މެޗް ކާމިޔާބުކޮށްފައި ވަނީ ބަންގްލަދޭޝްއިންނެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޤައުމީ ވޮލީ ޓީމަށް މިތިން މެޗްގައި ވެސް އިރުޝާދުދިން ކޯޗް މުޙައްމަދު ސާޖިދު ބުނީ އެކުވެރިކަމުގެ ފަހު މެޗްގައި ރާއްޖޭގެ ޓީމްގެ ފަރާތުން ފެނުނީ ދަށް ކުޅުމެއްކަމަށެވެ. ޓީމަށް ދިމާވި އެންމެ ބޮޑު މަސައްލައަކަށްވީ ޓީމްގެ ކެޕްޓަން އިސްމާޢީލް ސާޖިދަށް ނުކުޅެވުމާއި، ނިންމަން ލިބޭ ބޯޅަތައް ނިންމާނުލެވުމުގެ މައްސަލަކަމަށެވެ. އަދި ޓީމުގެ އެޓޭކްގައި މުހިންމު ދައުރެއް އަދާ ކުރާ ޢަލީ ހުޒާމާއި އާދަމް ނަސީމަށް ވެސް މިމެޗްގައި އެންމެ އެކަށީގެންވާ ގޮތުގައި ނުކުޅެވޭކަން ކޯޗު ވަނީ ފާހަގަކޮށްފައެވެ. ޤައުމީ ކޯޗް ސާޖިދު ވަނީ މިމެޗްތަކުގެ ކުރިންވެސް ބަންގްލަދޭޝް ޓީމަކީ ރާއްޖޭގެ ޓީމަށް ވުރެއް މޮޅު ޓީމެއްކަން ފާހަގަކޮށްފައެވެ. ކޯޗް ސާޖިދު ބުނީ މިސަރައްހަދުގެ ޓީމުތަކުން ވޮލީ ކުރިއެރުމަށް ކުރަމުންދާ މަސައްކަތް ވަރަށް ބޮޑަށް ފެންނަމުންދާކަމަށާއި ރާއްޖެއިން ވެސް މިހާރު މިސަރައްހަދުގެ ވޮލީގައި ހިފަހައްޓާލަން ބޭނުންވާކަމަށްވާނަމަ، ވަރަށް ބޮޑަށް ވިސްނައިގެން ރަގަނޅު ޕްލޭނަކާއެކު މަސައްކަތް ކުރަންޖެހޭކަމަށް ސާޖިދު ބުންޏެވެ.

"މެޗްގައި ރާއްޖޭގެ ޓީމްގެ އަސްލު ފެންވަރުގައި ނުކުޅެވުނު. ޓީމްގެ ކެޕްޓަން އިސްމާޢީލް ސާޖިދަކަށް މެޗްގައި ނުކުޅެވުނު. ލިބޭ ބޯޅަތަށް ނިންމައެއް ނުލެވުނު. މުޅި ޓީމްވެސް ފެނުނީ ދަށްކޮށް. ބަންގްލަދޭޝްއިން ދިޔައީ މެޗަކަށް ފަހު މެޗެއް ރަގަނޅު ކުރަމުން. ބަންގްލަދޭޝް ޓީމްގެ ސެޓަރުގެ މޮޅު ކުޅުން މިމެޗްގައި ފެނިގެންދިޔަ. ބަންގްލަދޭޝް ޓީމުގެ ފަރާތުން ފެނުނީ މޮޅު ކުޅުމެއް. އެމީހުން ހުސްކޮށް އޮތް ފަޅިންވެސް ޝޮޓްތައް ޖެހި. އެޓީމް މޮޅު ވުމުގައި ސެޓަރުގެ މޮޅުކަން ވަރަށް ބޮޑަށް ފާހަގަކޮށްލެވުނު." ކޯޗް ސާޖިދު ބުންޏެވެ.

ރޭގެ މެޗު ޝަރަފްވެރި ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމާއި މިނިސްޓަރު މަހުލޫފާއި ސަރުކާރުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން ހުންނެވި، ބަންގްލަދޭޝް ވޮލީބޯޅަ ފެޑެރޭޝަންގެ ރައީސް އަދި ޑާކާގެ ނޯތު ސިޓީ ކޯޕަރޭޝަންގެ މޭޔަރު މުޙައްމަދު އަތީގުލް އިސްލާމް ވަޑައިގެންނެވިއެވެ. ރާއްޖެ އާއި ބަންގްލަދޭޝްގެ މެދުގައި ކުޅުނު އެކުވެރިކަމުގެ ތިން މެޗަކީވެސް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ބަންގްލަދޭޝަށް ކުރި ދަތުރުގައި ކުރެވުނު މަޝްވަރާތަކަށް ފަހު، ހަމަޖެހިގެންދިޔަ އެކުވެރިކަމުގެ މެޗުތަކެކެވެ.