ޚަބަރު

ފުލުހުންގެ 33ވަނަ ތަމްރީން ޕްރޮގްރާމް 58 ދަރިވަރުން ފުރިހަމަކޮށްފި


ފުލުހުންގެ 33ވަނަ ތަމްރީން ޕްރޮގްރާމްގެ އެންމެ ރަނގަޅު ދަރިވަރަކަށް ހއ.ދިއްދޫ، ލޫސިޔާ މުޙައްމަދު އިރުޝާދް ހޮވިއްޖެއެވެ. މި ތަމްރީ 58 ދަރިވަރުން ފުރިހަމަކޮށްފައިވެއެވެ.

ދ.ވާނީގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ 33ވަނަ ތަމްރީން ޕްރޮގްރާމްގައި 90 ދަރިވަރުން ބައިވެރިވެ، 58 ދަރިވަރުންވަނީ ތަމްރީން ފުރިހަމަކޮށްފައެވެ. މި ތަމްރީނަކީ ފުލުހުންގެ ޚިދުމަތަށް ނިކުންނަ ފުލުހުންގެ ކިބައިގައި ހުންނަންޖެހޭ ތައުލީމާއި ޤާބިލިއްޔަތުތަކަށް ތަމްރީން ދިނުމަށް ކުރިއަށްގެންދާ ކޯހެކެވެ.

33ވަނަ ބެޗުގައި އެންމެ މޮޅު ދަރިވަރަކަށް ހޮވި، "ކޮމިޝަނަރ އެކްސަލަންސް އެވޯޑް" ޙާސިލްކޮށްފައިވަނީ ރެކްރޫޓް ޕޮލިސް، ހއ.ދިއްދޫ ލޫސިޔާ މުޙައްމަދު އިރުޝާދުއެވެ. މި އެވޯޑް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.

މި ރަސްމިއްޔާތުގައިވަނީ އެކި ސްކޮޑްތަކުން ވަނަވަނައަށް އައި ދަރިވަރުންނާއި، އަދި އެންމެ މޮޅު ސްކޮޑަށް ހަނދާނީ ފިލަޔާއި ޝީލްޑް ހަވާލުކޮށްފައެވެ.

ކޯހުގެ އެންމެ މޮޅު 4 ދަރިވަރުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުޙައްމަދު ދީދީއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ޝޯޝަލް ސަރވިސަސް އައިޝަތު މުޙައްމަދު ދީދީވަނީ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލްކުރުމަށް ކުރާ މަސައްކަތުގައި ފުލުހުންގެ ފުރިހަމަ އެއްބާރުލުމަށް އެދިވަޑައިގެންފައެވެ. ޚާއްސަކޮށް މުޖުތަމައުގެ ހަމަހަމަކަން ޤާއިމުކުރުމާއި، އިޖްތިމާޢީ އެކިއެކި ކުށްތައް މުޖުތަމަޢުން މަދުކުރުމަށް މިނިސްޓްރީއާއި ކަމާއި ގުޅުންހުރި އިދާރާތަކުން ކުރަމުންދާ މަސައްކަތުގައި މިހާރަށްވުރެ ބޮޑަށް ގުޅިގެން މަސައްކަތް ކުރެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

"ގެވެށި އަނިޔާފަދަ މައްސަލަތައް ތަޙުޤީޤީ މަރުހަލާގައި ކުރިއަށްދޭ. ނަމަވެސް ތަޙުޤީޤު ނިންމާ އިންސާފާއި ހަމައަށް ދަނީ %3 މައްސަލަ ކަމަށް ތަފާސް ހިސާބުތަކުން ދައްކަނީ. މިއީ ކަންބޮޑުވާކަމެއް. މިކަމަށް ހެޔޮ ބަދަލެއް ގެނައުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޖެންޑަރގެ މަސައްކަތްތައް އަތޮޅުތަކުގެ ކޮންމެ ރަށެއްގައި ޤާއިމުކުރުމަށް މަސައްކަތް ފަށާފައިވާއިރު، އެކަން ޙާސިލް ކުރުމުގައި ފުލުހުންގެ ނެއިބަރހުޑް ޕޮލިސްގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެކަމަށެވެ.

ފުލުހުންގެ 33ވަނަ ތަމްރީން ޕްރޮގްރާމްގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޯސް ފުރިހަމަކުރި ދަރިވަރުންނަށްވަނީ ޑިއުޓީ ބެޓްން އަރުވާފައެވެ. އަދި ފުލުހުންގެ އަޒުމްވެސް ލައިދީފައިވެއެވެ.

މި ތަމްރީން ޕްރޮގްރާމަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 4 ފެންވަރުގެ ތަމްރީން ކޯހެކެވެ.