ޚަބަރު

އާ އެކަޑަމީއާއެކު، ކުރިން ނުކުރާވަރުގެ ބޮޑު ހޭދައެއް ފުލުހުންގެ ތަމްރީނަށް ކުރާނެ: އިމްރާން


މިއަހަރު އައްޑޫގައި ހުޅުވުމަށް ނިންމާފައިވާ ޕޮލިސް ޓްރެއިނިންގ އެކަޑަމީ "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް"އާއެކު ރާއްޖޭގައި ފުލުހުން ތަމްރީންކުރުމަށް، މީގެ ކުރިން ނުކުރާވަރުގެ ބޮޑު ހޭދައެއް ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ފުލުހުންގެ 33ވަނަ ތަމްރީން ޕްރޮގްރާމް ނިންމުމަށް ދ.ވާނީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ ވިދާޅުވީ ފުލުހުން މި 5 އަހަރަށް ކަނޑައަޅާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއެކު، ފުލުހުންނަށް ދެވޭ ތަމްރީންތަކަށް ބޮޑު ބަދަލެއް ގެނެސްފައިވާކަމަށެވެ. އެގޮތުން މިހާރު ދެމުން އަންނަ ތަމްރީންތަކަކީ ބަދަލުވަމުން އަންނަ ޙާލަތާ ގުޅޭގޮތަށް ބަދަލުގެނެސް ދެމުންދާ ތަމްރީންތައްކަމަށެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ފުލުހުންގެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވާންވާނީ ނުފޫޒުން އެއްކިބާވެ، ރައްޔިތުންނަށް ޚިދުމަތްކުރާ ބަޔަކަށް ވުންކަމަށެވެ. ޚާއްސަކޮށް ސިޔާސީ ނުފޫޒުން އެއްކިބާވެ ހަމަހަމަކަން ޤާއިމުކުރާ ބަޔަކަށްވުމަށް މިނިސްޓަރ ގޮވާލެއްވިއެވެ. ފުލުހުންނަށް ލިބިފައިވާ ބާރަކީ އިންސާފުވެރި، ޤާނޫނީ ހަމަތަކުގެ މަތިން ބޭނުންކުރާ ބާރެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންގެ އުއްމީދު ބޮޑު ޚިދުމަތަކަށްވާއިރު، ފުލުހުންގެ ފޯކަސް އަބަދުވެސް ހުންނަންވާނީ ރައްޔިތުންގެ ޙައްގުތައް ޙިމާޔަތްކޮށް އިންސާފު ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކަށް ކަމަށް މިނސްޓަރ އިމްރާން ވިދާޅުވިއެވެ.

"އެންމެ މުހިންމީ ފުލުހުންގެ ހުނަރާއި ޤާބިލުކަން. އާ އެކަޑަމީއާއެކު، ދައުލަތުން މީގެކުރިން ފުލުހުން ތަމްރީން ކުރުމަށް ހޭދަ ނުކުރާވަރުގެ ބޮޑު ހޭދައެއް ކުރާނެ. މިކަންވަނީ ދަޢުލަތުގެ ބަޖެޓުގައި ކަނޑައެޅިފައި." އިމްރާން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދް ދެއްކެވި ވާހަކައިގައި ވިދާޅުވީ، ފުލުހުންގެ އާ އެކަޑަމީގެ ޚިދުމަތްތައް މިއަހަރު ފަށާނެކަމަށެވެ. އެއާއެކު ފުލުހުންގެ އެސްއޭޕީގައިވާ ގޮތަށް އެންމެ ބޮޑު އިސްކަމެއް ދޭނީ އެކަށީގެންވާ ތަމްރީންތައް ދިނުމާއި، ފުލުހުންގެ ތަޙުޤީޤީ ދާއިރާ މިހާރަށްވުރެ ހަރުދަނާ ކުރުމަށްކަމަށެވެ. ޚާއްސަކޮށް މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތައް ވަރަށް ބޮޑަށް އިތުރުކުރެވިފައިވާ ކަމަށް ސީޕީ ޙަމީދް ވިދާޅުވިއެވެ.

"ޖިނާއީ ނުރައްކާ އެންމެ ބޮޑު މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ. މި މަސައްކަތުގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑަށް އޮތް ރަށްތައް ބަލައި އެރަށްރަށުގެ ކުށުގެ ޙާލަތު ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއްވަނީ ރޭވިފައި." ސީޕީ ވިދާޅުވިއެވެ.

ކުށުގެ ވެއްޓަށް ބޮޑެތި ބަދަލުތައް އަންނަމުންދާކަމަށާއި، އެހެންކަމުން ފުލުހުންގެ ޚިދުމަތް ބައްޓަންކުރަނީ ބަދަލުވަމުންދާ ޙާލަތާ، އާވިސްނުންތަކާއެކު ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.