ޚަބަރު

"ފްލެޝް ސްޓޯރޭޖް" މަދުވެދާނެކަމަށް ވެސްޓަން ޑިޖިޓަލްއިން ބުނެފި


އިލެކްޓްރޯނިކް ސްޓޯރޭޖް ޑިވައިސް އުފެއްދުމުގައި މަޝްހޫރު ކުންފުނި "ވެސްޓަން ޑިޖިޓަލް"ގެ ބައެއް ޕްލާންޓުތަކުގައި ދިމާވި މައްސަލައަކާ ގުޅިގެން "ފްލެޝް ސްޓޯރޭޖް" އެކުލެވޭ އުފެއްދުންތައް ލިބެންހުރި ޢަދަދު މަދުވެދާނެކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ކޮމްޕިއުޓަރ ހާރޑް ޑިސްކާއި، އެކި ގެޖެޓްތަކަށް ބޭނުންވާ މެމަރީ ކާޑް އުފެއްދުމުގައި މައިގަނޑު ހިއްސާއެއް އޮންނަ އެެމެރިކާގެ ކުންފުނި ވެސްޓަން ޑިޖިޓަލް އިން ބުނީ، ކިއޮކްސިއާ ހޯލްޑިންގް އާއި ގުޅިގެން ޖަޕާނުގައި ހިންގަމުންދާ އެ ކުންފުނީގެ 2 ކާރުޚާނާއެއްގައި ހުރި ބައެއް މާއްދާތައް ކޮންޓެމިނޭޓް ވެފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ފްލެޝް މެމަރީ ކާޑު އުފެއްދުމުގައި ދަތިތަކެއް ދިމާވެ، މި ތަކެތި އުފައްދާ މިންވަރު މަދުވެގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.

ވެސްޓަން ޑިޖިޓަލްއިން ލަފާކޮށްފައިވާ ގޮތުގައި ކާރުޚާނާތަކުގައި ހުރި ބައެއް މާއްދާތައް ބޭނުންނުކުރެވޭފަދަ ޙާލަތަކަށް ދިއުމުގެ ސަބަބުން މަދުވެގެން 6.5 އެކްސަބައިޓްސްގެ ފްލެޝް މެމަރީ ސްޓޯރޭޖް މަދުވެގެން ދާނެއެވެ. މިއީ ގިގަބައިޓުން ބަލާނަމަ 6.5 ބިލިއަން ގިގަބައިޓުގެ ސްޓޯރޭޖެވެ.

ދުނިޔޭގައި އެންމެ ގިނަ ޢަދަދަކަށް ފްލެޝް މެމަރީ ޑިސްކް އުފައްދާ އެއް ކުންފުންޏަށް ވެސްޓަރން ޑިޖިޓަލް ވާއިރު، މިހާ ގިނަ ޢަދަދަކުން އުފެއްދުން މަދުވެގެން ދާ ދިޔުން ވީހާވެސް އަވަހަށް އިޔާދަކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، ކިއޮކްސިއާ އާއެކު މަސައްކަތް ކުރަމުންދާކަމަށް ވެސްޓަރން ޑިޖިޓަލް އިން ބުނެއެވެ. ފްލޭޝް ސްޓޯރޭޖް ބޭނުންކުރާ ތަކެތީގެ ތެރޭގައި އަތްމަތީގައި ގެންގުޅެވޭ ޑިޖިޓަލް ކެމެރާތަކާއި، ސްމާޓް ފޯނުގެ އިތުރުން ޔޫއެސްބީ ޑްރައިން ހިމެނެއެވެ.