ޚަބަރު

ބޫސްޓަރ ޑޯޒާއެކު ވެކްސިން ފުރިހަމަކުރި މީހުން 95000އިން މައްޗަށް


އަލަށް ބޫސްޓަރ ޑޯޒް ޖެހި މީހުންނާއެކު ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 95000 އިން މައްޗަށް އަރައިފިއެވެ. ހޯމަ ދުވަހު 3000އަށްވުރެ ގިނަ މީހުންވަނީ ބޫސްޓަރ ޑޯޒް ފުރިހަމަކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ހޯމަ ދުވަހު ވެކްސިންގެ ބޫސްޓަރ ޑޯޒް 3661 މީހަކު ޖަހާފައިވެއެވެ. އޭގެތެރޭގައި މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖެހި 616 މީހުންނާއި އަތޮޅުތަކުން ބޫސްޓަރ ޑޯޒް ޖެހި 3045 މީހަކު ހިމެނެއެވެ. މިއާއެކު ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު މިހާރު ވަނީ 95048 އަށް އަރާފައެވެ.

މީގެއިތުރުން 97 މީހުން ވަނީ ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒްވެސް ޖަހާފައެވެ. މީގެތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ފުރިހަމަކުރި 46 މީހުންނާއި، އަތޮޅުތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 51 މީހަކު ހިމެނެއެވެ. އަލަށް ވެކްސިން ފުރިހަމަކުރި މީހުންނާއެކު ރާއްޖެއިން ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 370258 އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް 22 މީހަކު ވަނީ ޖަހާފައެވެ. މީގެތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ޖެހި 11 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 11 މީހުން ހިމެނެއެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 397826 އަށް އަރާފައެވެ.

ކޯވިޑް-19 ވެކްސިން ފުރިހަމަވެފައިވާ ކަމަށް ބަލާނީ، ކޯވިޑްގެ ދެ ވެކްސިނާއެކު ބޫސްޓާ ޑޯޒް ވެސް ފުރިހަމަކޮށްފައިވުމުންކަމަށް ހެލްތު އެޗްޕީއޭއިންވަނީ އަންގާފައެވެ.އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުތަކަށް ގެނެވުނު ބަދަލާއިއެކު، ވެކްސިން ފުރިހަމަ ކޮށްފައިވާކަމަށް ބަލާނީ ވެކްސިންގެ 3 ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާ މީހުންނެވެ. އަދި ދެ ޑޯޒް ޖެހުމަށްފަހު 8 މަސް ދުވަސް ނުވާ މީހުންނެވެ.