ޚަބަރު

ކޯވިޑަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދު 16000އިން މަތީގައި


ރާއްޖޭގައި ކޯވިޑަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދު 16000 އިން މައްޗަށް އަރައިފިއެވެ. މީގެ ތެރޭގައި އަލަށް ޕޮޒިޓިވްވި 1500 މީހުންވެސް ހިމެނެއެވެ.


ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި 1502 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު މީގެތެރެއިން ގިމަ މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅުތެރެއިންނެވެ. އެގޮތުން 817 މީހަކު އަތޮޅުތެރެއިންވަނީ ޕޮޒިޓިވްވެފައެވެ. މާލެއިން 351 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. އަދި ރިސޯޓުތަކުން 163 މީހަކު ޕޮޒިޓިވްވެފައިވާއިރު 2 މީހަކުވަނީ ސަފާރިތަކުން ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 153415 އަށް އަރާފައެވެ.

އަލަށް ކޯވިޑް ޖެހުނު މީހުންނާއެކު ބަލީގައި ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރު ވަނީ އިތުރުވެފައެވެ. މިވަގުތު 16358 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 62 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.

މިދިޔަ 24 ގަޑިއިރު 1908 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 136749 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4972 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް 285 މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު މިހާ ބޮޑަށް އިތުރުވެފައި މިވަނީ ކޯވިޑްގެ އާ ވޭރިއަންޓާއެކުއެވެ. މިހާރުގެ ޕީކްގައި އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުވެސް މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންކަމުން ބޭރުތެރޭގައި އުޅުމުގައި ގައިދުރުކަން އިސްކުރުމަށާއި މާސްކަށް ރައްކާތެރުވުމަކީ މުހިއްމުކަމެކެވެ.