ދުނިޔޭގެ ވިޔަފާރި

އެމެރިކާގެ ބޭންކުތަކުގެ ސީއީއޯއިންނަށް ބޮޑު މުސާރައެއް


އެމެރިކާގެ ބޮޑެތި ބޭންކުތަކަށް މިދިޔަ އަހަރު ލިބުނު ޢާމްދަނީ އިތުރުވުމުގެ ސަބަބުން، އެ ބޭންކުތަކުގެ ޗީފް އެގްޒެކެޓިވް އޮފިސަރުންނަށް ދީފައިވާ މުސާރަ، މިލިއަނުން އިތުރުވެފައިވާކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.

ފާއިތުވި އަހަރު ދުނިޔޭގެ އިޤްތިޞާދަށް ކުރިއެރުން ލިބި، ވިޔަފާރީގެ މުޢާމަލާތްތައް ކުރާމިންވަރު ރިކޯޑް ޢަދަދަކަށް އިތުރުވެފައިވާތީ، ބޭންކުތަކަށް ލިބުނު އާމްދަނީވެސް އިތުރުވެފައި ވެއެވެ. އެގޮތުން ފައިދާ އިތުރުވި އެއް ބޭންކަކީ ބޭންކް އޮފް އެމެރިކާއެވެ.

2021ވަނަ އަހަރުގެ 4ވަނަ ކުއާޓަރުގައި ބޭންކް އޮފް އެމެރިކާއަށް 6.77 ބިލިއަން ޑޮލަރުގެ ފައިދާ ލިބިފައިވެއެވެ. މިއީ 2020ވަނަ އަހަރާ އާޅާބަލާއިރު 30% ގެ ކުރިއެރުމެކެވެ. އަދި އެ ބޭންކުގެ މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީ 32 ބިލިއަން ޑޮލަރަށް އަރާއިރު، ހިއްސާގެ ބާޒާރުގައި އެ ބޭންކުގެ ހިއްސާގެ އަގު ވަނީ 47% އުފުލިފައެވެ.

ބޭންކުތަކަށް ރިކޯޑް އާމްދަނީ ލިބުމުން، މުސާރައިގެ އެންމެ ބޮޑު ކުރިއެރުމެއް ލިބުނު އެއް ބަޔަކީ ބޭންކުތަކުގެ ޗީފް އެގްޒެކެޓިވް އޮފިސަރުނެވެ. އެގޮތުން 2021ވަނަ އަހަރު ބޭންކް އޮފް އެމެރިކާގެ ސީއީއޯ ބްރަޔަން މޮއިނަހެން އަށް 32 މިލިއަން ޑޮލަރުގެ އުޖޫރައެއް ދީފައިވާކަމަށް އެ ބޭންކުގެ ލިޔެކިޔުންތަކުން ހާމަވެއެވެ.

ބޭންކް އޮފް އެމެރިކާގެ ސީއީއޯގެ އަސާސީ މުސާރައަކީ 1.5 މިލިއަން ޑޮލަރު ނަމަވެސް އިތުރަށް ދީފައިވާ 30.5 މިލިއަން ޑޮލަރަކީ ކުންފުންޏަށް ލިބުނު ފައިދާގެ ނިޞްބަތުން ދީފައިވާ ޢިނާޔަތްކަމަށް އެ ބޭންކުން ހާމަކުރެއެވެ. މިއާއެކު 2020ވަނަ އަހަރަށްވުރެ 2021ވަނަ އަހަރު، ބްރަޔަން އަށް ލިބުނު މުސާރަ 7.5 މިލިއަން ޑޮލަރު އިތުރުވެފައިވެއެވެ.

އެމެރިކާގެ އެހެން ބޮޑެތި ބޭންކުތަކުން މިދިޔަ އަހަރު ސީއީއޯ އިންނަށް ދީފައިވާ މުސާރަ، ބޭންކް އޮފް އެމެރިކާ އަށްވުރެ އިތުރުވެފައި އެބަހުއްޓެވެ. އެގޮތުން ޖޭޕީ މޯގަން ޗޭސް ގެ ވެރިޔާ ޖޭމީ ޑިމަން އަށް މުސާރައިގެ ގޮތުގައި 34.5 މިލިއަން ޑޮލަރު، އެ ބޭންކުން ދީފައިވެއެވެ. އަދި މޯގަން ސްޓޭންލީ އާއި ގޯލްޑްމަން ސޭކްސްގެ ސީއީއޯ އިންނަށް 35 މިލިއަން ޑޯލަރުގެ މުސާރައެއް މިދިޔަ އަހަރު ވަނީ ލިބިފައެވެ.