ދުނިޔޭގެ ވިޔަފާރި

ވިންޓަރ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތު ބެލި މީހުންގެ ޢަދަދު 16 މިލިއަނަށް


ޗައިނާގައި ކުރިއަށްދާ މިއަހަރުގެ ވިންޓަރ އޮލިމްޕިކްސް މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ކަވަރޭޖް ބެލި މީހުންގެ ޢަދަދު 16 މިލިއަނަށް އަރާކަމަށް އެމެރިކާގެ ނޭޝަނަލް ބްރޯޑްކާސްޓިންގް ކޮމްޕެނީ، (އެންބީސީ) އިން ހާމަކޮށްފިއެވެ.

ފެބްރުއަރީ 4 ވަނަ ދުވަހު ޗައިނާގެ ވެރިރަށް ބެއިޖިންގައި ފެށި ވިންޓަރ އޮލިމްޕިކްސް މުބާރާތް ހުޅުވުމަށް، ބަރޑްސް ނެސްޓް ސްޓޭޑިއަމްގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި އދ ގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުރުން، ގިނަ އިއްޒަތްތެރިތަކެއް ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގެ ކަވަރޭޖް އެންބީސީއިން ވަގުތުން ގެނެސްދީފައިވާއިރު، އެ ކުންފުނީގެ އެކި ޗެނަލްތައް މެދުވެރިކޮށް ރަސްމިއްޔާތު ބެލި މީހުންގެ ޢަދަދު 16 މިލިއަނަށް އަރާކަމަށް އެންބީސީ ޔުނިވާރސަލްއިން ހާމަކުރެއެވެ.މީގެ ތެރޭގައި ޔޫއެސްއޭ ނެޓްވާރކް ޗެނަލާއި، އެންބީސީ ސްޕޯރޓްސް އެޕް، އަދި ޕީކޮކް ސްޓްރީމިން ސަރވިސް މެދުވެރިކޮށް ކަވަރޭޖް ބެލި މީހުން ހިމެނެއެވެ.

އެންބީސީ ޔުނިވަރސަލްއިން އީމެއިލް މެދުވެރިކޮށް ހާމަކޮށްފައި ވާގޮތުން، އެ ކުންފުނީގެ ޗެނަލްތަކުން ޓީވީ މެދުވެރިކޮށް މި އިވެންޓް ބެލި މީހުންގެ ޢަދަދު އުޅެނީ 14 މިލިއަންގައެވެ. މި ޢަދަދަކީ 2018 ވަނަ އަހަރު ދެކުނު ކޮރެއާގައި ބޭއްވި ވިންޓަރ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތަށް ލިބުނު ޓީވީ އޯޑިއަންސުގެ ދެބައިކުޅަ އެއްބައިކަމަށް ރިޕޯޓުތައް ބުނެއެވެ.

2018 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތުގެ ކަވަރޭޖްގެ ޕްރައިމް ބޮރޯޑްކާސްޓަށް އެކަނިވެސް، ޓީވީ މެދުވެރިކޮށް، 27.9 މިލިއަން މީހުންގެ އޯޑިއަންސެއް ލިބިފައިވެއެވެ. ނަމަވެސް މިއަހަރުގެ ރަސްމިއްޔާތަށް ލިބުނު 14 މިލިއަން މީހުންގެ އޯޑިއަންސަކީ ޕްރައިމް ބްރޯޑްކާސްޓުގެ އިތުރުން އިވެންޓުގެ މުޅި ކަވަރޭޖަށް ލިބުނު ޖުމްލަ އޯޑިއަންސެވެ.

ޓީވީ އޯޑިއަންސް މަދުވެފައިވަނީ މިފަހަކަށްއައިސް ސްޓްރީމިންގ ޚިދުމަތްތައް ޚިޔާރުކުރާ މީހުން ގިނަވެފައިވާތީކަމަށް އެންބީސީން ބުނެއެެވެ.

އެންބީސީގެ ތަފާތު އެކި ޗެނަލްތަކުން ވިންޓަރ އޮލިމްޕިކްސްގެ ހުރިހާ އިވެންޓެއް ވަގުތުން ގެނެސްދެމުންދާއި، ބެލުންތެރިންނަށް ފަސޭހަކުރުމަށް މި މުބާރާތް ދެއްކުމުގައި ގިނަ ކަންތައްތަކެއް ކުރިއަށްވުރެ ރަނގަޅުކޮށްފައިވާނެކަމަށް އެންބީސީއިން ހާމަކުރެއެވެ.

ވިންޓަރ އޮލިމްޕިކްސްއަކީ ސްނޯވ އަދި އައިސްގައި ކުޅޭ ކުޅިވަރުތަކަށް ޚާއްސަކޮށްގެން، ކޮންމެ 4 އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ ބޮޑު ކުޅިވަރު މުބާރާތެއް ކަމުން، މި މުބާރާތަށް ލިބޭ އިޝްތިހާރުތަކުގެ ސަބަބުން މުބާރާތް ދެއްކުމުގެ ވާދަވެރިކަން، ބްރޯޑްކާސްޓިންގ ކުންފުނިތަކުގެ މެދުގައި ބޮޑުވެއެވެ.

އެމެރިކާގެ މީޑިއާ ކުންފުންޏަކުން މިފަހަރުގެ ވިންޓަރ އޮލިމްޕިކްސް ދުރަށް ދައްކާއިރު، މިއަހަރުގެ މުބާރާތުގައި އެއް ޤައުމަކުން އެންމެ ގިނަ އެތްލީޓުން ބައިވެރިވެފައިވަނީވެސް އެމެރިކާއިންނެވެ. އޮލިމްޕިކްސް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ، 2032 ގެ ނިޔަލަށް އިތުރު ކުރުމަށްޓަކައި އެންބީސީ ޔުނިވާރސަލްއިން 7.65 ބިލިއަން ޑޮލަރު ދައްކާފައިވާކަމަށް ނޫސްތަކުން ހާމަކުރެއެވެ.